MDP parliamentary group leader akah MP Azim
image
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދުގެ އިންތިހާބުގައި ވޯޓުލައްވަނީ-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އާޒިމް، ޑެޕިއުޓީ ލީޑަރުންނަށް އިލްޔާސް އަދި ހުސެން ޝަމީމް

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް މެމްބަރުން ހިމެނޭ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހޮވިވަޑައިގެންފި އެވެ.
މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބުގައި މެމްބަރުންގެ ވޯޓުލުން ކުރިއަށް ދިޔައިރު، ޕީޖީ ލީޑަރު ކަމަށް ކުރިމަތިލެއްވީ އާޒިމް އެކަންޏެވެ. އޭނާ އަށް 57 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ.

އެމްޑީޕީން ބުނީ އެއީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބުގެ ވޯޓުލުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ކަމަށެވެ. އާޒިމް އަކީ ނިމުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް ޑެޕިއުޓީ ލީޑަރެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ހޮވިވަޑައިގެންނެވީ 57 ވޯޓާއެކު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، 54 ވޯޓާއެކު ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމެވެ. ޝަމީމާ ދެކޮޅަށް ތިން ވޯޓު ލާފައި ވެއެވެ.

އެ މަގާމަށް ކުރިމަތިލެއްވީ ހަމައެކަނި އެ ދެ ބޭފުޅުންނެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އަމީންއާއްމުގެ މަގާމަށް ހޮވިވަޑައިގެންނެވީ 57 ވޯޓާއެކު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެން އެވެ. އެ މަގާމަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ.

އަމީންއާންމުގެ ނައިބަކަށް ހޮވިވަޑައިގެންފައިވަނީ 57 ވޯޓު ލިބިވަޑައިގެން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ހުސައިންއަކީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މަގާމްތަކަށް ހޮވިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އަލަށް މަޖިލީހަށް ހޮވިވަޑައިގެންނެވި ހަމައެކަނި މެމްބަރެވެ. އެމްޑީޕީގެ ޕީޖީގެ މަގާމްތަކަށް ފޮވިވަޑައިގެންނެވި އެހެން މެމްބަރުންނަކީ މީގެ ކުރިންވެސް މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ޗީފް ވިޕް އަކަށް ހޮވި ވަޑައިގެންފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. ރޮޒައިނާއަށް ލިބިވަޑައިގެންފައިވަނީ 50 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. މިއަދުގެ އިންތިހާބުގައި ވޯޓު ނުލައްވާ އަށް މެމްބަރުން ތިއްބެވި އެވެ.
ހިޔާލު