Libya ga bidheyseen bahattaa thanakah hamalaa dhee, ethah bayaku maraalaifi
image
ވައިގެ ހަމަލާގައި ޑިޓެންޝަން ސެންޓަރަށް ވެފައިވާ ގެއްލުންތައް-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ލީބިޔާގެ ބިދޭސީން ބަހައްޓާތަނަކަށް ހަމަލާދީ، އެތައް ބަޔަކު މަރާލައިފި

ލީބިޔާގެ ވެރިކަން ކުރާ ސިޓީ، ޓްރިޕޮލީ ގައި ހުރި ބިދޭސީން ބަހައްޓާ ޑިޓެންޝަން ސެންޓަރަކަށް ދިން ވައިގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ އެ ސެންޓަރަށް ދީފައިވާ ވައިގެ ހަމަލާގައި މިހާތަނަށް މަރުވެފައިވާ 40 މީހުންގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އަދި 80 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެފްރިކާ ބައްރަށް ނިސްބަތްވާ ބިދޭސީންނެވެ.

ކުއްލި ހާލަތްތަކުގައި އެހީ ދޭ ޖަމާއަތެއްގެ ތަރުޖަމާނު، އުސާމާ އަލީ ބުނި ގޮތުގައި ހަމަލާ ދީފައިވާ ޑިޓެންޝަން ސެންޓަރަކީ 120 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އައި އިމާރާތެކެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދު 40 އަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލީބިޔާގެ ޕްރައިމް މިނިސްޓަރު ފަޔާޒް އަލް ސެރާ އިސްކޮށް ހުންނަވާ ހިންގާ ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އިން މިހަމަލާގެ ތުހުމަތު އަޅުވާފައި ވަނީ ފާއިތުވި ތިން މަސް ދުވަހު ސަރުކާރާއި ދެކޮޅަށް ހަނގުރާމާ ކުރަމުންދާ ލީބިޔާ ނޭޝަނަލް އާމީ (އެލްއެންއޭ) ގެ ބޮޮލުގަ އެވެ. ނަމަވެސް އެލްއެންއޭ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެލްއެންއޭގެ އިސް ވެރިޔާ ޖެނެރަލް ހަލީފާ ހަފްތަރް އަންނަނީ އެޕްރީލް މަހުން ފެށިގެން ލީބިޔާގެ ވެރިކަން ކުރާ ސިޓީ ޓްރިޕޮލީ ހިފުމަށް އެތައް ހަމަލާއެއް ދެމުންނެވެ.

ލީބިޔާ މަގުން ޔޫރަޕަށް ދަތުރު ކުރުމަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް ވަނީ ސަރުކާރުގެ ޑިޓެންޝަން ސެންޓަރުތަކުގައި ހިފެހެއްޓިފަ އެވެ. އޭގެ ތެރެއިން ގިނަ ސެންޓަރުތައް ހުންނަނީ ލީބިޔާގެ ދާހިލީ ހަމަނުޖެހުންތައް ހިނގާ ސަރަހައްދާއި ވަރަށް ކައިރީގަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލީބިޔާގެ ޑިޓެންޝަން ސެންޓަރުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ.

ޔޫރަޕިއަން ޔޫނިއަން އާއި ލީބިޔާގެ ކޯސްޓްގާޑުން ގުޅިގެން ވަނީ ބިދޭސީން ދަތުރު ކުރަމުންދާ އެތައް އުޅަނދެއް ހުއްޓުވާފަ އެވެ. ނަމަވެސް ލީބިޔާގައި ހިނގާ ހަމަނުޖެހުމުގެ ސަބަބުން، ގަވާއިދާ ހިލާފަށް މީހުން އެތެރެ ކުރާ ފަރާތްތަކުން ދަނީ އޭގެ ނާޖައިޒް ފައިދާ ނަގާ ލީބިޔާ މެދުވެރިކޮށް ޔޫރަޕަށް ދާން ބޭނުންވާ ފަރާތްތަކުގެ އަތުން ބޮލަަކަށް ގިނަ އަދަދެއްގެ ފައިސާ ނަގަމުންނެވެ.
ލީބިޔާ
ހިޔާލު