Gaumee tharahgee ge plan dholhu mas thereyga aammu kureveyne: Minister Aslam
image
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: މިއަދު މަޖިލީހުގައި މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވަނީ--
0 ކޮމެންޓް
 

ގައުމީ ތަރައްގީގެ ޕްލޭން ދޮޅު މަސް ތެރޭގައި އާއްމު ކުރެވޭނެ: މިނިސްޓަރު އަސްލަމް

ގައުމީ ތަރައްގީގެ ޕްލޭން ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި އާއްމު ކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އަސްލަމް ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭންގެ ފުރަތަމަ ޑްރާފްޓް ތައްޔާރު ކުރެވިފައިވާ ކަމަށާއި، އެކަން ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ އެހީތެރިކަން ލިބިލެއްވި ކަމަށެވެ. އަދި މިވަގުތު ކުރެވުމުންދާ މައިގަނޑު މަސައްކަތަކީ ކެބިނެޓްގައި އެކަމާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އުއްމީދު ކުރަނީ މަހެއް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ގައުމީ ތަރައްގީގެ ޕްލޭން އާންމު ކުރެވޭނެ ކަމަށް. އަދި ދަންނަވާލަން ބޭނުންވޭ، ގައުމީ ތަރައްގީގެ ޕްލޭނަކީ "ބާވާލައްވާނެ" އެއްޗެއް ނޫން. ބަދަލު ގެނެވޭނެ އެއްޗެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެއަށް ގޮތް ކިޔުންވޭނެ، ރައްޔިތުންނަށް ވެސް ގޮތް ކިޔުއްވޭނެ. އަޅުގަނޑުމެން ދައްކާނަން ސަރުކާރުގެ ޕްލޭން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މިނިސްޓަރު އަސްލަމްއާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

"މިހާރު އައްޑޫ ސިޓީ މަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ، މި މަސައްކަތް ފެށޭނީ ކިހާތާކުތޯ؟ މަރަދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ބިޑް ކުރެވި އަދި އަމަލީ މަސައްކަތް ނުފެށިވާ މަސައްކަތެއް، ވީމާ، މި މަސައްކަތް ފެށޭނީ ކިހާތާކުތޯ؟" މެމްބަރު ޝަރީފް ކުރެއްވި ސުވާލުގައި ވިދާޅުވި އެވެ.

ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މަރަދޫ ބަނދަރުގެ މަޝްރޫއަކީ 2015 މެއި މަހުގެ ތެރޭގައި 15 މިލިއަން ރުފިޔާ އަށް ސޮއިކޮށްފައިވާ މަޝްރޫއުއެއް ކަމަށެވެ. އަދި 28 ސެޕްޓެމްބަރު 2018 ގައި އީއައިއޭ ނިންމާ، އެމަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ މާޗު މަހު ކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އެދިގެން ބައެއް ބަދަލުތައް ގެންނަން ޖެހޭތީ، ބަނދަރަށް އިތުރު 100 ފޫޓް ފުޅާކޮށް، ޖުމްލަ 400 ފޫޓަށް ފުޅާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބޭރުގަލާ ކީވޯލްގަ 276 މީޓަރު، މިހާރު ޖުމްލަ ބަނދަރުގެ ކީވޯލްގައި 1970 ފޫޓް، ގެނެވުނު ބަދަލާއެކު ހުންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިހާރު ނުކުރެވިހުރި މަސައްކަތާއި އަލަށް ކުރެވޭ މަސައްކަތުގެ އަގަށް 28 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެހެންކަމުން ޖެހުނީ ކުރީގަ އޮތް އެއްބަސްވުން ބާތިލު ކުރުމަށްފަހު، އާ އެއްބަސްވުމެއްގައި އެމްޓީސީސީއާއެކު ސޮއި ކުރަން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ނިމިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްޓީސީސީއާއެކު ސޮއިކޮށްފައިވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މަރަދޫ ބިން ހިއްކުމެ މަސައްކަތާ ގުޅޭ އެއްވެސް އެއްބަސްވުމެއް ސޮއިކޮށްފައިވާކަން ފެންނާން ނެތް ކަމަށެވެ. ނަމަވެސް ބިން ހިއްކުމާ ގުޅޭ ލިޔެކިޔުންތަކެއް ފިނޭންސް މިނިސްޓްރީއާއެކު ކުރެވިފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި މަރަދޫ ބިން ހިއްކުމުގެ މަޝްރޫއު ހިމެނިފައިވާ ކަމަށާއި ނަމަވެސް ހިމަނާފައިވާ ފައިސާގެ އަދަދަކީ އެމަޝްރޫއުގެ އެއްވެސް ކަމެއް ކުރެވޭނެ ފައިސާގެ އަދަދެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން އެކަން ކުރުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
ހިޔާލު