PG ofeehun dhathuru thakah heydha kuree maaliyyathu gavaidhaa hilaafah!
image
ޕީޖީ އޮފީސް-- ފޮޓޯ: ރާއްޖެއެމްވީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޕީޖީ އޮފީހުން ދަތުރުތަކަށް ހޭދަކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް!

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދަތުރުތަކަށް ފައިސާ ހޭދަކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަށް 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ވަނީ 2018 ވަނަ އަހަރުގެ ޕީޖީ އޮފީހުގެ އޮޑިޓް ރިޕޯޓު އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން 22 ޖެނުއަރީ 2015 ގައި ޕީޖީ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި 120،000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގައި އެ ފައިސާ ދަތުރު ހަރަދުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން އޭރު ހުއްދަ ދީފައި އޮތީ ޕީޖީ އޮފީހުގެ ޕެޓީ ކޭޝްގެ އަދަދު 10،000 ރުފިޔާއިން 60،000 ރުފިޔާއަށް އިތުރުކޮށް އެ ފައިސާގެ ތެރެއިން ދަތުރު ހަރަދު ކުރުމަށް ކަމުގައިވީ ނަމަވެސް، މިއަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ޕީޖީ އޮފީހުން ޕެޓީ ކޭޝްގެ ބޭރުން ޓްރެވަލް އެޑްވާންސްގެ ނަމުގައި ނަގުދު ފައިސާ ނަގައި އެ އޮފީހުގެ ދަތުރުތަކަށް ހަރަދު ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓް ގައި ވެއެވެ.

އެއްވެސް ކަމަކަށް އެޑްވާންސް ފައިސާ ހަރަދު ކުރެވޭނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބެގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ވެއެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން ޓްރެވަލް އެޑްވާންސްގެ ގޮތުގައި ފައިސާ ހަރަދު ކުރީ ހުއްދަ ނުނަގާ ކަމުން "އެއީ މާލިއްޔަތު ގަވާއިދާ ހިލާފު އަމަލެއް" ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އަދި މާލިއްޔަތު ގަވައިދުގައިވާ ގޮތަށް، ފިނޭންސްގެ ހުއްދަ ލިޔުމަކުން ހޯދާ އެ ލިޔުމުގައި އޮންނަ ގޮތަށް އަމަލު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދީފަ އެވެ.

އޭގެ އިތުރުން، އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ޕީޖީ އޮފީހުން ކުރި ބައެއް މަސައްކަތްތަކަށް ފައިސާ ދީފައިވަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ރިޓެންޝަން ފައިސާ އުނިނުކޮށްކަން ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ހަތަރު ޕްރޮކިއުމަންޓް ޕްރޮޖެކްޓަކަށް 1.84 މިލިއަން ރުފިޔާ އެ އޮފީހުން ހޭދަކުރި ނަމަވެސް، ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަން ޖެހޭ 92،019 ރުފިޔާ އުނިކޮށްފާ ނުވާކަންވަނީ ފާހަގަކޮށްފަ އެވެ.

އަދި އެހެން ކަންތައްތައް ކުރުމުގެ ސަބަބުން ކޮންޓްރެކްޓަރު ކުރާ މަސައްކަތުގެ ސަބަބުން މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަން ހައްލު ކުރަން އުނދަގޫވާނެ ކަމަށް ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މާލިއްޔަތު ގަވައިދުގައިވާ ގޮތުން 250،000 ރުފިޔާއިން 2.5 މިލިއަން ރުފިޔާއާ ދެމެދުގެ ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގުން ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހެ އެވެ. އަދި ރިޓެންޝަން އަށް އުނިކުރި ފައިސާ ދެވޭނީ ހަ މަސް ފަހުންނެވެ.
ހިޔާލު