Aridhafus roagaa aai viral hunn fethureythee samaalu vaan angaifi
image
ފޮޓޯ: އައްޑޫ ލައިވް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އަރިދަފުސް ރޯގާ އަދި ވައިރަލް ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

ރާއްޖޭގައި އެކި ހިސާބުތަކުގައި ހަލުވިކަމާއެކު އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފެތުރެމުންދާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

އޭގެ އިތުރުން މި އަހަރުގެ ފާއިތުވެދިޔަ މަސްތަކާ އަޅާ ބަލާއިރު އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ އަދަދު ވެސް އަންނަނީ އިތުރުވަމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެގޮތުން، އިންފްލުއެންޒާގެ ބާވަތްތަކުގެ ތެރެއިން މި ދުވަސްވަރު ގިނައިން ފެތުރެމުން އަންނަނީ އިންފްލުއެންޒާ-ބީ ކަމަށާއި އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަށް ވާތީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔުން މުހިއްމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގަ އާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އާއްމު ސާފުތާހިރު ކަމަށް، ހާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި ރޯގާޖެހި ކެއްސާނަމަ، އޮފީސް، ސްކޫލް އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކޮށްލުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭ އިން އަންގަ އެވެ.

އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމާއި އަރާމު ކުރުން އަދި ހުންއައިސް ގައިގަ ރިއްސާނަމަ ޕެރަސެޓަމޯލް ނޫން ބޭހެއް ބޭނުން ނުކުރުމަށާއި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލި ނަމަވެސް ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާނަމަ ނުވަތަ ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެބަލިތަކަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރާ ބަލި މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި އެ ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުމަށާއި އަދި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެޗްޕީއޭ ރޯގާ
ހިޔާލު