Kudhi adhi medhu fantheege viyafaari thakah MVR 35 million ge loan
image
އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 35 މިލިއަން ރުފިޔާގެ ލޯނު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ސަރުކާރުން ހެދި ބޭންކުން މިހާތަނަށް 35 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ މިނިސްޓްރީން މިއަދު ބޭއްވި އިވެންޓެއްގައި އޮފިޝަލަކު ވިދާޅުވީ އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބޭންކުން މިހާތަނަށް 35 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެއީ 32 ލޯނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގެ 70 އިންސައްތަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިއްސާކުރާއިރު، އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނުތައް ހޯދޭނެ އިންތިޒާމެއް ހޯދުމަށް އުފެއްދި ބޭންކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެގޮތުން އެސްއެމްއީ ބޭންކު އުފެދުނު ފަހުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު އެޕްލިކޭޝަން ލިބިފައިވާ ކަމަށް ކުރިން މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ އެ ބޭންކަށް އިތުރު ފަންޑުގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޯދުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ މިއަހަރުގެ ތެރޭގައި އެވަރުގެ ފަންޑެއް ހަމަޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އެސްއެމްއީ ބޭންކުން ލޯނު ހޯދުމަށް އެންމެ ގިނަ ބަޔަކު ހުށަހަޅާފައި ވަނީ ކ. އަތޮޅުން ކަމަށެވެ. އެގޮތުން އެޕްރޫވް ކުރެވުނު ގިނަ ލޯނުތަކުގެ 40 އިންސައްތައަކީ ކ. އަތޮޅުން ހުށަހެޅި ލޯނުތަކެވެ. އޮފިޝަލް ވިދާޅުވީ ހަމަޖެހުނު 32 ލޯނުގެ ތެރެއިން 12 ލޯނަކީ މާލެއަށް ހަމަޖެހުނު ލޯނުތައް ކަމަށާއި ބާކީ ލޯނުތައް ހަމަޖެހިފައި ވަނީ އަތޮޅު ތެރެއަށް ކަމަށެވެ.

މާލޭގައި ކަންމަތީ ފިހާރަ ހުޅުވުމަށް އެދޭ ލޯނުތަކަށް ވުރެ ބޮޑަށް އަތޮޅު ތެރޭގައި ވިޔަފާރިތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީގެ ދަށުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.
ހިޔާލު