Gavaaidhaa hilaafah ulhey bidheyseen Legal State ah vehdhumah program eh fashanee
image
ރާއްޖޭގައި އުޅޭ ބިދޭސީންތައް-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން "ލީގަލް ސްޓޭޓަށް" ވައްދަނީ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން "ލީގަލް ސްޓޭޓަށް" ދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް މިމަހުގެ ތެރޭގައި ހާއްސަ ޕްރޮގްރާމެއް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އިކޮނޮމިކް މިނިސްޓްރީން ބޭއްވި އިވެންޓެއްގައި އެ މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ ބިދޭސީންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ޕްރޮގްރާމު މިމަހު ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

އެ ޕްރޮގްރާމުގެ ބޭނުމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުތަކާއި އިމުގެ ތެރެއަށް ވެއްދުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފީއަކާ ނުލާ އަޅުގަނޑުމެން މި ޕްރޮގްރާމު މި ކުރިއަށް ގެންދަނީ ވެސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެހެން މީހެއްގެ ވަޒީފާއަކަށް ދާން ބޭނުމިއްޔާ އެފުރުސަތު ހުޅުވާލަނީ ލީގަލް ސްޓޭޓަށް އައުމަށް އެކްޓިވް ހުއްދައަކާ އެކީގައި،" އެ ޕްރޮގްރާމު މިމަހުގެ ތެރޭގައި ފަށާނެކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ބިދޭސީންނާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އުސޫލުތައް ރިވިއު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން އުސޫލުތައް ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާނެ ގޮތަށް ބައްޓަން ކުރެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެސް، އެމީހުންގެ ޕާސްޕޯޓު އަތުލާ، ހިއުމަން ޓްރެފިކިން ހިންގުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. އެ މައްސަލައަށް ހައްލެއް ލިބިފައި ނުވަނީ ކޮރަޕްޝަނުގެ ސަބަބުން ކަމަށް ގިނަ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބިދޭސީ މަސައްކަތްތެރިން އެތެރެ ކުރުމާ ބެހޭ އުސޫލުތައް މުރާޖައާކޮށް، ކޮރަޕްޝަން ނުހިމެނޭނެ ފަދަ ހަރުދަނާ އުސޫލަކުން އެކަން ކުރެވޭނެ ގޮތެއް ހެދުމަށެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މިހާރު ރާއްޖޭގައި 250،000 ބިދޭސީން އުޅޭ ކަމަށް ބެލެވެ އެވެ. އެއީ ރާއްޖޭގެ ޖުމްލަ އާބާދީގެ 50 އިންސައްތަ އެވެ. އެކަމަކު ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅެމުން ދަނީ ކިހާ އަދަދެއްގެ ބަޔެއް ކަމެއް ނޭނގެ އެވެ.
ހިޔާލު

ޢާދަނު

ޢެމީހުނާ ނުލާ ނޫޅެވޭނެ މިހާރަކު

ލުނބޯ އަހްމަދު

އަދިވެސް އެމީހުން ގިނަ ކުރެވޭތޯ ބަލާ