JSC ge dhashah DJA badhalukurumuge bill balaigane, Judiciary committee ah fonuvaifi
image
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއްގައި، އެކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ--
0 ކޮމެންޓް
 

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލު ކުރުމުގެ ބިލް ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ފަޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު ލިބިފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން ބަލައިގަނެ، އެބިލް އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

އެބިލަކީ، ޖޭއެސްސީގެ ގާނޫނަށް، ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލެކެވެ. ނަމަވެސް އެބިލު މަޖިލީހަށް ހުށަހެޅުއްވުމަށް ރިޔާސަތުން އެދުނު ވަގުތު ޖަލްސާގައި ސިރާޖު ހާޒިރުވެ ނެތުމުން، އެބިލް ހުށަހަޅުއްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އެހެންކަމުން މިހާރު އެބިލްގެ "ސްޕޮންސަ" އަކީ އިމްތިޔާޒު ފަހުމީ އެވެ.

އެބިލްގެ މައިގަނޑު މަގްސަދަކީ، ފަނޑިޔާރުންނާ މެދު ކުރެވޭ ޝަކުވާތައް ބެލުމާއި، ފިޔަވަޅު އެޅުމާ ގުޅޭ ގާނޫނީ އުސޫލުތައް ހަރުދަނާ ކުރުމާއި، އެކި ގާނޫނުތަކުގައި، ހުރި އިޖުރާއަތުތައް އެއް ގާނޫނަކަށް ގެނައުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގައި ޖޭއެސްސީއަށް ލިބިދޭ ބާރުތަކާއި، މައްސަލަ ރައްދުވާ ފަނޑިޔާރުންނަށް ލިބިދޭ ހައްގުތައް ބަޔާން ކުރުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ހުށަހަޅައި، ބަލައި ގޮތެއް ނިންމުމުގައި ފަސޭހަ އިޖުރާއަތުތަކެއް ކަނޑައެޅުމަށްޓަކައި، ޖޭއެސްސީގެ ގާނޫނަށް ގެންނަޖެހޭ އިސްލާހުތައް ގެނައުމެވެ.

އެބިލުގައި ޖޭއެސްސީގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، ޖޭއެސްސީގެ މެމްބަރުކަމުގެ ޝަރުތުތަކާއި، ޖޭއެސްސީގެ ރައީސާއި ނާއިބު ރައީސް ވަކި ކުރާނެ ގޮތާއި، ޖަލްސާތައް ބާއްވާނެ ގޮތާއި، ދަށު ކޯޓުތަކަށް ފަނޑިޔާރުން ކަނޑައެޅުމާއި، ފަނޑިޔާރުންނާއި ކޯޓުތަކާއި ގުޅޭ އިސްލާހުތަކެއް ހުށަހެޅިފައި ވެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅޭ ގޮތުން، އެބިލުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި އަދުލްއިންސާފު ގާއިމުކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުމަށްޓަކައި، މިގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށެވެ.

އޭގެ އިތުރުން އެބިލުގައި ބުނެފައި ވަނީ، ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެދުމާއެކު، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވި، އެ ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާޓްމަންޓްގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މިގާނޫނުގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެހިނދުން ފެށިގެން ބަދަލުވީ ކަމަށެވެ.

ހުށަހެޅިފައިވާ ބިލުގައި ބުނެފައިވާ ގޮތުން، ޑީޖޭއޭގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައްޔަން ކުރުމާއި ވަކިކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި އެ ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ވެސް ސުޕްރީމް ކޯޓުންނެވެ.

އެބިލާ ދެކޮޅަށް އިދިކޮޅު ބައެއް މެމްބަރުންނާއި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންވެސް ބަހުސް ކުރެއްވި އެވެ. ނަމަވެސް އެބިލަށް ތާއީދު ކުރައްވާ ކަމަށް އެބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވެފައި ވެއެވެ.
ހިޔާލު