Bridge sarahahdhuge kandah kuni elhumun planning ministry joorimanaa!
image
ބްރިޖު ސަރަހައްދުގެ ކަނޑަށް އަޅާފައި ހުރި ކުނި-- ފޮޓޯ: އަބްދުﷲ ފުކު އަރީފް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ބްރިޖު ސަރަހައްދުގެ ކަނޑަށް ކުނި އެޅުމުން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ!

ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ސަރަހައްދުގެ ކަނޑަށް ކުނި އެޅި މައްސަލާގައި ޕްލޭނިން މިނިސްޓްރީ މިލިއަނެއްހާ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މާޗް 2016 އިން ފެށިގެން ސެޕްޓެމްބަރު 2018 ގެ ނިޔަލަށް ބުރިޖު އެޅުމުގެ މަޝްރޫއު ކުރިއަށް ދިޔައިރު ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި ލިބުމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މެދުވެރިކޮށް އެސަރަހައްދުގެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ކުރި އިންސްޕެކްޝަނުން އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި ހުރިކަން ފާހަގަވެފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

އެ މަޝްރޫގެ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓުގައި އެފަދަ ކަމެއް ހިނގައިފި ނަމަ އެކަން އީޕީއޭގެ ސަމާލުކަމަށް ގެނައުމަށް އަންގާފައިވީ ނަމަވެސް މަޝްރޫއުގެ ވެރި ފަރާތް އެކަމާ ގުޅިގެން އީޕީއޭ އަށް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި އެޖެންސީގެ ފަރާތުން ކޮށްފައިވާ މުއާމަލާތުތަކަށް ޖަވާބު ދާރީ ނުވާ ކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ބުރިޖު މަޝްރޫއުގައި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފަށް މަސައްކަތް ކޮށްފައިވާތީ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 892,500 ރުފިޔާ އިން ޕްލޭނިން މިނިސްޓްރީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ޕްލޭނިން މިނިސްޓްރީ އަށް ވަނީ އަންގާފަ އެވެ.

ބުރިޖު ހެދި ޗައިނާގެ ކުންފުނި ސީސީސީސީ އިން އެތަން ސާފުކުރުމުގެ ޕްލޭނެއް އޮތް ކަމުގައި ބުނެފައިވީ ނަމަވެސް އެކަން ކުރުމަށް އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ހިޔާލު