February 7 thakuraaru viya nudheyn minister aa suvaalu kuran hushahalhaifi
image
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރަން އުޅުނުއިރު، މިހާރުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ--
0 ކޮމެންޓް
 

ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދޭން މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި ހިނގާދިޔަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ބަދަލުވެގެން ދިޔަ ގޮތާއި، ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު ހިނގި ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް އިމްރާނާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީރަކާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުމާއެކު، އެ ވަޒީރަކަށް 14 ދުވަހުގެ (ރަސްމީ ބަންދު ދުވަސްތައް ނުލައި) ނޯޓިހެއް ދޭން ޖެހެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރު، ފުލުހުން ވަނީ އޭރު ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެ އަށް ގެއްލުންދީ، ޖުމްހޫރީ މައިދާނަށް އެއްވެފަ އެވެ. އެތަނުގައި ފުލުހުންނާއެކު ސިފައިންގެ ބަޔަކު ވެސް ބައިވެރިވި އެވެ.

އެކަމުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި މިހާރުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ނާޒިމް ވަނީ ހަތެއް ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ޖުމްހޫރީ މައިދާނަށް އެއްވެފައި ތިބި މީހުންނާ މުހާތަބުކޮށް، އެއްވެސް ޝަރުތަކާ ނުލާ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދުގެ އަރިހުގައި ދަންނަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނާޒިމް އެގޮތަށް ވިދާޅުވީ، އާއްމު ރައްޔިތެއްގެ ގޮތުގައި ސިފައިން މައި މަރުކަޒަށް ވަދެވަޑައިގެންނެވުމަށް ފަހުގަ އެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީފުޅު ހުށަހެޅުއްވީ އަބްދުﷲ ރިޔާޒެވެ.

އޭރު ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ނާޒިމެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވިގެން ދިޔައީ އަބްދުﷲ ރިޔާޒެވެ.
ހިޔާލު