Fahi dhiri ulhun corporation inn dhoo kuraa flat ge agu MVR 6000 ga
image
ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓުގެ އަގު 6000 ރުފިޔާގައި

''ފަހި ދިރިއުޅުން ކޯޕަރޭޝަން'' އިން ދޫކުރާ ފްލެޓްތަކުގެ އަގު ހުންނާނީ އަތްފޯރާފަށުގައި ކަމަށާއި ފްލެޓެއްގެ އަގު އިންޓްރެސްޓާއެކު އުޅެނީ 6000 ރުފިޔާގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މާޗް މަހުގެ 12 ވަނަ ދުވަހު އުފައްދާފައިވާ ކުންފުންޏެކެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން ފަދަ ބޯހިޔާވަހިކަމާ ގުޅޭ ކަންކަން އެ ކުންފުނިން ފޯރުކޮށްދެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެއްގައި އެ ކޯޕަރޭޝަނުގެ އޮފިޝަލުން ވިދާޅުވީ އެތަނުން އަޅާ ހައުސިން ޔުނިޓުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ފްލޯ އޭރިއާގައި މަދުވެގެން 900 އަކަފޫޓު ހުންނަ އަތްފޯރާ ފަށުގައި ލިބޭނެ ތަންތަން ކަމުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހައުސިން ޕްރޮޖެކްޓްތައް ހިންގަން ހަމަޖެހިފައިވާ ކަމަށާއި ހައުސިން މިނިސްޓްރީގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ދެކުނުގައި އަދި މެދު ރާއްޖެ ތެރޭގައި 5000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ރައްޔިތުންނަށް ފަސޭހަ ހަމަޖެހިގެން ދިރިއުޅެވޭނެ ފަދަ މާހައުލެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ހިޔާލު