Mihaaruge Memberun thibegen insaafu verikkoh Massalla eh nubeleyne: PSM
image
ޕީއެސްއެމްގެ ކުރީގެ ބޯޑާއި އެކު އޭސީސީގެ ކުރީގެ ރައީސް ލުތުފީ އަދި މިހާރުވެސް އެ ކޮމިޝަންގެ ނާއިބު ރައީސް މުއައްވިޒު --
1 ކޮމެންޓް
 

އޭސީސީގެ މިހާރުގެ މެމްބަރުން ތިބެގެން އިންސާފުވެރިކޮށް މައްސަލައެއް ނުބެލޭނެ: ޕީއެސްއެމް

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖުމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ "ބައެއް ކަންކަން" ރަނގަޅު ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ލަފާދީފައިވާއިރު އޭސީސީގެ ހިންގުމުގައި މިހާރު ތިއްބެވި ބޭފުޅުންގެ މަސްލަހަތު ފުށުނާރާނެ ގޮތަކަށް މައްސަލަ އިންސާފުން ނުބެލޭނެ ކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް ކޮމިޓީ (އެސްއޯއީ) އަށް ޙާޒިރުވެ ޕީއެސްއެމްއާ ގުޅޭ ގޮތުން އޭސީސީގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދީ އެކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީއެސްއެމް ހިންގުން މިސަރުކާރުން ހަވާލުކުރި އާ މެނޭޖުމަންޓުން ހަވާލުވުމުގެ ކުރިން ކުރީގެ މެނޭޖްމަންޓުން ހިންގަން ފަށާފައިވާ ބައެއް މަސައްކަތްތައް ހިންގުމުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ބައެއް ކަންކަން މިހާރުގެ މެނޭޖުމަންޓަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިހާރު އޭސީސީ ހިންގެވުމާ ހަވާލުވެ ތިއްބެވި ވެރިންގެ މަސްލަހަތު ފުށޫ ނާރާނެ ގޮތަކަށް މިކަން އިންސާފުގެ މަގުން އެއްކިބާ ނުވެ، މި ކުންފުނިން ހުށަހަޅާފައިވާ މައްސަލަތައް ބެލިދާނެ ކަމަށް މިކުންފުނިން ނުދެކެން،" ޕީއެސްއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.

ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން މިހާރުވެސް އޭސީސީއަށް ވިއްސަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާތާ ފަސް މަސްދުވަހަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަތައް އޭސީސީއަށް ހުށަހަޅަން ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން ނިންމީ ކުންފުނީގެ އެތެރޭގައި އެކަންކަން ބަލައި އިދާރީ ތަޙުޤީގެއް ކުރުމަށްފަހު އިތުރަށްބަލަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެން، ކުންފުނީގެ ބޯޑުން އެގޮތަށް ނިންމުމާ ގުޅިގެން ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

ޕީއެސްއެމްއިން ބުނީ އެ ކުންފުނީގައި ހުރި ކޮޕަރްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކޮމިޝަނުގެ ތަޙްޤީޤް ޓީމުތަކުން އެކުންފުންޏަށް ގޮސް، ބޭނުންވާ ކޮންމެ ލިޔުމެއް އެމައްސަލައަކާއި ގުޅުންހުރި ޑިޕާޓްމަންޓްތަކުން ހޯދައިގެން ގެންދެވޭނޭ އިންތިޒާމްވެސް ހަމަޖައްސާފައިވާނެ ކަމަށެވެ. އެ މައްސަލަތަކާއި ގުޅިގެން ޕީއެސްއެމްގެ ކަމާ ގުޅޭ މުވައްޒަފުންގެ ކޮމްޕިއުޓަރތަކުގެ ހާރޑްޑިސްކްތަކާއި، އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތައްވެސް އޭސީސީގެ ތަޙްޤީޤްގެ ބޭނުމަށް ގެންގޮސްފައިވާކަން ޕީއެސްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހިނގާފައިވާކަމަށް ބެލެވޭ މަޝްރޫއުތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކުތަކާއި އީމެއިލް މެދުވެރިކޮށް ކޮށްފައިހުރި މުއާމަލާތްތައްވެސް އޭސީސީގެ ތަހުގީގު ބޭނުންފުޅަށް [އޭސީސީގެ] އެބޭފުޅުން ވަޑައިގެން ވަނީ ގެންދަވާފައި. ތަހުގީގަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް އެ ކޮމިޝަނުން ފޮނުވާ އަމުރުތަކާ އެއްގޮތައް އެކޮމިޝަނަށް ވަނީ ފޮނުވާފައި،" ބަޔާނުގައި ބުނެ އެވެ.

ނަމަވެސް އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ދެއްވި މަޢުލޫމާތުގައި، ޕީއެސްއެމްއިން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅުންހުރި ބައެއް ލިޔެކިއުންތައް ފެންނަން ނެތްކަމަށާއި، އެކަމުގެ ސަބަބުން އެކޮމިޝަނުން ކުރަމުންދާ ތަޙުޤީޤަށް ހުރަސް އެޅުނުކަމަށް އޭސީސީން ހާމަކުރުމަކީ ޕީއެސްއެމްއިން އޭސީސީއަށް ހުށަހެޅި މައްސަލަތައް ނުބަލައި ފައިލް ކުރުމުގެ ނިޔަތުގައި އެކޮމިޝަނުން ކުރެއްވި ކަމެއްކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.
އޭސީސީ ޕީއެސްއެމް
ހިޔާލު

ނާމިން

އަސްލު ވެސް ހަގީގަތަކީ 2013 ފެށިގެން ތިއްބެވި ހުރިހާ މިނިވަން މުއްއްސަސާތަކެއްގެ މެމްބަރުން ވަކިކޮއްގެން ނޫން ގޮތަކަށް އެއްވެސް ތަނެއް ރަގަޅު ނުވާނެއެވެ. ލައްފިލުވާ ޖެހިޔަސް ސާފެއްނުވާނެއެވެ. މުސްކުޅިން ބުނެއުޅޭ ގިތެޔޮ ގުޅިން ވަސް ފިލުވަން އުޅުނަސް އެވަހެއް ނުފިލާނެއެވެ. ރައްޔިތުން އެދެނީ ހުރިހާ މިނިވަން މުއައްސަސާތަކަށް އަލުން މީހުން ލުމަށެވެ. މީގައި ކާސިމެއް ދަލޭކައެއް ހައްވައެއް ބަލާނެކަމެއް ނެތެވެ.