America akee fasaadha ah masahkaiykuraa gaumeh: Uthuru Korea
image
ކިމް އާއި ޓްރަމްޕްގެ އެންމެ ފަހު ބައްދަލުވުން-- ފޮޓޯ: ކެންބެރަ ޓައިމްސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމެރިކާއިން މަސައްކަތް ކުރަނީ ފަސާދަ އުފައްދަން ކަމަށް އުތުރު ކޮރެއާއިން ބުނެފި

އެމެރިކާއަކީ ފަސާދައަށް މަސައްކަތްކުރާ ގައުމެއް ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.
އުތުރު ކޮރެއާއިން މިހެން ބުނެފައި ވަނީ ދެގައުމުގެ ނިއުކުލިއާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޕިޔޯންގްޔޭންގުން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު ބުދަ ދުވަހު ވިދާޅުވީ އެމެރިކާ ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް "އޮބްސެސް" ވެފައި ކަމަށެވެ.

އެމެރިކާ އިން މަސައްކަތް ކުރަނީ ކޮރިއާ ސަރަހައްދުގެ ހަމަޖެހުން ނަގާލަން ކަމުގެ ތުހުމަތު ވެސް އުތުރު ކޮރެއާއިން ވަނީ ކޮށްފައެވެ.

އުތުރު ކޮރެއާ އިން އެމެރިކާއާ މެދު ނުރުހުން ފާޅުކޮށްފައި މިވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕް ގެ ތާރީހީ ބައްދަލުވުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އެވެ.

އާދީއްދަ ދުވަހު ޓްރަމްޕް އާއި ކިމް ވަނީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ބައްދަލުވާ ޑިމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) ގައި ބައްދަލުކޮށްފަ އެވެ. އަދި ޓްރަމްޕް ވަނީ ކިމް އާއެކު ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާގެ ފަސްގަނޑުގައި ފައި ޖައްސާފަ އެވެ.

ޓްރަމްޕް އަކީ އެމެރިކާގެ ވެރިކަމުގައި ހުރެ އުތުރު ކޮރެއާގެ ފަސްގަނޑުގައި ފައި ޖެއްސި ފުރަތަމަ ރައީސް އެވެ. އެދުވަހުގެ ދެގައުމުން ވަނީ ޑީނިއުކްލިއަރައިޒޭޝަން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް ބުދަ ދުވަހު އުތުރު ކޮރެއާއިން ނެރެފައިވާ ބަޔާނުން ދައްކަނީ މުޅިން ބަދަލުވެފައިވާ ކުލަވަރެކެވެ.

އަދި މީގެ ކުރިންވެސް އެތައް އަހަރެއް ވަންދެން އެމެރިކާ އާއި އުތުރު ކޮރެއާ ދެމެދުވީ ފަދަ ރުޅިވެރިކަމެއް އަލުން އިޔާދަވާން ވަނީ ފަށާފައެވެ.

އުތުރު ކޮރެއާގެ މަންދޫބު ބުނެފައިވަނީ އެގައުމުން ނެރެފައިވާ ބަޔާނަކީ، 2017 ވަނަ އަހަރު އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅާ ހިލާފުވެ ގަވާއިދާއި ހިލާފަށް ތެޔޮ އެތެރެ ކުރިކަމަށް އެމެރިކާއިން ތުހުމަތު ކޮށްފައިވާތީ އޭގެ ރައްދުކަމަށެވެ.

އަދި އުތުރު ކޮރެއާގެ މައްޗަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ، ފްރާންސް، ޖަރުމަން އަދި ޔޫކޭ އިން އދ. ގެ ހުރިހާ ގައުމުތަކަށް ގޮވާލައި ސިޓީ ފޮނުވާފަ ވާތީ އެކަމުގެ ރައްދުކަމުގައެވެ.

އެސިޓީގައި އެހެން ގައުމުތަކުގައި މަސައްކަތްކުރާ އުތުރު ކޮރެއާގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް ވަނީ ގޮވާލާފައެވެ.

ގައުމުތަކުން ގުޅިގެން ފޮނުވި މި ސިޓީ ފޮނުވާފައިވަނީ އެމެރިކާގެ ރައީސް ސަމިޓަކަށް ގޮވާލި ދުވަހާއި އެއްދުވަހެއް ކަމުގައި ވެސް އުތުރު ކޮރެއާއިން ބުނެއެވެ.

އުތުރު ކޮރެއާއިން ބުނެފައިވަނީ އެމެރިކާއިން ބަލާ ގޮތުގައި "ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހުރިހާ މައްސަލައެއްގެ ހައްލު" ކަމަށެވެ. އަދި އެއީ މޮޔަ ކަމެއް ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ.

އުތުރު ކޮރެއާގެ ބަޔާނަށް އެމެރިކާއިން އަދި ރައްދެއް ދީފައެއް ނުވެއެވެ.

އެމެރިކާ އާއި އުތުރު ކޮރެއާ އިން ވަނީ ޑިނިއުކުލިއަރައިޒޭޝަން ދެ ސަމިޓެއް ބާއްވާފާ އެވެ. ފުރަތަމަ ސަމިޓް މިދިޔަ އަހަރު ސިންގަޕޫރު ގައި ބޭއްވި އިރު އެ ސަމިޓް ނިންމާލާފައި ވަނީ ކޮންމެވެސް ވަރެއްގެ އެއްބަސްވުންތަކަށް އައިސްގެންނެވެ.

ނަމަވެސް މިއަހަރުގެ ފެބުރުއަރީ މަހު ވިއެޓްނާމްގައި ބޭއްވި ސަމިޓް ނިންމާލާފައިވަނީ އެއްވެސް ވަރަކަށް އެއްބަސްވުމަކަށް ނާދެވިއެވެ.
ހިޔާލު