EIA ga vaa gothun bridge kairin kandah elhi kunyah zinmaa vaan jehenee planning ministry: EPA
image
ބްރިޖު ސަރަހައްދުގެ ކަނޑަށް އަޅާފައި ހުރި ކުނި-- ފޮޓޯ: އަބްދުﷲ ފުކު އަރީފް
0 ކޮމެންޓް
 

އީއައިއޭ ގައިވާ ގޮތުން ބްރިޖު ކައިރިން ކަނޑަށް އެޅި ކުންޏަށް ޒިންމާވާން ޖެހެނީ ޕްލޭނިން މިނިސްޓްރީ

ސިނަމާލެ ބްރިޖުގެ ކަނޑުގެ ސަރަހައްދަށް އަޅާފައިވާ ކުނި ސާފު ނުކުރި މައްސަލާގައި ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރީ އެ މަޝްރޫއަށް ހެދި އެންވާރަމަންޓް އިމެޕްކެޓް އެސެސްމަންޓް (އީއައިއޭ) ގައިވާ ގޮތުން އެކަމަށް ޒިންމާވާން ޖެހެނީ އެ މިނިސްޓްރީން ކަމުގައި ވާތީ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އިއްޔެ އީޕީއޭ އިން ވަނީ ބްރިޖު ސަރަހައްދުގެ ކަނޑަށް އަޅާފައިވާ ކުނީގެ މައްސަލާގައި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފުވެފައި ވާތީ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 892,500 ރުފިޔާ އިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު، މާލެ އާއި ހުޅުމާލެ ގުޅާލާ ބްރިޖު ހުޅުވިއިރު، އެތަނުގެ ކަނޑަށް އަޅާފައިވާ ގިނަ ދަގަނޑު ކުނިތަކުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރީ އެތަނުގައި ރާޅާއަރަންދާ ފަރާތްތަކެވެ. އެގޮތުން އެތަނުގެ ކަނޑު އަޑީގައި ހުރި ދަގަނޑު ހޮޅި އާއި އިތުރު ކޮންސްޓްރަކްޝަން ކުނި ބުނީގެ ފޮޓޯތައް އާއްމުވި އެވެ.

އެކަމާ ގުޅިގެން ބްރިޖު މަޝްރޫއު ކުރިއަށް ގެންދިޔަ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން މިދިޔަ އޮކްޓޯބަރު މަހު ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގެ ކަނޑު އަޑި ސާފު ކުރުމަށް ޕްލޭނެއް ރާވަމުންދާ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެތަން ސާފުކޮށްފައެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ އީޕީއޭ އިން ބުނީ އެފަދަ ކަމެއް ހިނގައިފި ނަމަ އެކަން އީޕީއޭގެ ސަމާލުކަމަށް ގެނައުމަށް އީއައިއޭގައި ލިޔެފައި އޮތް ނަމަވެސް މަޝްރޫއުގެ ވެރި ފަރާތުން އެކަން އީޕީއޭ އަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އަދި އީޕީއޭ އިން ކުރި މުއާމަލާތުތަކަށް ޖަވާބުދާރީ ވެފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންކަމުން އީޕީއޭ އިން ނިންމީ އީއައިއޭ ގައިވާ ގޮތަށް ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި ޖޫރިމަނާއަށްވާ ފައިސާ ދައްކާށެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސީއެންއެމް އަށް ވިދާޅުވީ އީއައިއޭ ގައިވާ ގޮތުން އެ މަޝްރޫއުގައި އެފަދަ ކަމެއް ހިނގައިފިނަމަ ޒިންމާވާން ޖެހެނީ އެ މިނިސްޓްރީން ކަމަށެވެ.

ޗައިނާގެ ކުންފުނިން އަމަލު ކުރި ގޮތުގެ ސަބަބުން ޕްލޭނިން މިނިސްޓްރީ އަށް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހުނު މައްސަލާގައި އެ މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.
ހިޔާލު