Zimbabwe ge Igthisaadhah lolhumeh, Passport ah ves Jehijje
image
ޒިމްބާބްވޭ ޕާސްޕޯޓް--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޒިމްބާބްވޭގެ އިގްތިސާދަށް ލޮލުމެއް، ޕާސްޕޯޓަށް ވެސް ޖެހިއްޖެ

ޑޮލަރު މަދުވެ ޒިމްބާބްވޭގައި ޕާސްޕޯޓު ނުހެދި ގިނަ ބަޔަކު ގައުމުގައި ތާށިވެއްޖެ އެވެ.
ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި އެގައުމު ޕާސްޕޯޓަށް ޖެހިފައި މިވަނީ ޕާސްޕޯޓު އުފެއްދުމަށް ބޭނުންވާ ކަރުދާހާ، ދެލި އަދި އިތުރު ތަކެތި ގައުމަށް އެތެރެކުރާނެ ޑޮލަރު ސަރުކާރުގައި ނެތުމުންނެވެ. އެހެންވެ، އެތަކެތި ރައްޔިތުންނަށް ހޯދަން އަހަރުތަކެއް ވާނެކަން ވެސް ސަރުކާރުން މިހާރު އަންގާފައިވާ ކަމަށް ވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން އެގައުމުގައި ވެރިކަން ކުރި ރޮބަޓް މުގާބޭއަށް ފަހު، އެމާސަން ނަންގާވާ ވެރިކަމަށް މިހާރު އައިސްފައިވާއިރު އޭނާގެ ވެރިކަމުގައި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުއްމީދު ރައްޔިތުންނަށް ދިން ނަމަވެސް އެފަދަ ހެޔޮ ބަދަލެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.

އެމާސަން ވިދާޅުވާ ގޮތުގައި ޕާސްޕޯޓު އުފައްދާ ކުންފުންޏަށް ސަރުކާރުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ޕާސްޕޯޓު ހަދައި ދިނުމަށް ކުންފުނިން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ޕާސްޕޯޓު ހެދުމަށް ޕާސްޕޯޓު އޮފީހުގެ ބޭރުގައި އެތައް ބަޔަކު ކިއުގައި ޖެހުނު ނަމަވެސް ޕާސްޕޯޓު ލިބޭނީ އަންނަ އަހަރު ނުވަތަ އޭގެ އަނެއް އަހަރު ކަމަށް ބުނާ ކަމަށް ކިއުގައި ޖެހުނު ބައެއް މީހުން ނޫސްތަކަށް ބުނެއެވެ.

އެގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާއިރު ތެޔޮ އަދި ކަރަންޓަށް ލިބުމުގެ ދަތިތަކެއް މީގެ މަސްތަކެއް ކުރިން ވަނީ ކުރިމަތިވެފައެވެ.

ގައުމުގެ އިންފްލޭޝަން ވެސް އެތައް ގުނައެއް މައްޗަށް ގޮސްފައިވާއިރު މިއީ މިފަހުގެ ތާރީހެއްގައި އެގައުމުގެ އިގްތިސާދު އެހާ ބޮޑަށް އަޑި އަޅާލި ފުރަތަމަ ފަހަރެވެ.
ހިޔާލު