Naib Raees aa bahdhalu kuravvaa teacherunge musaara bodu koh dheyn edhijje
image
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ނައިބު ރައީސްއާ ބައްދަލުކުރައްވާ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއި މިއަދު ހެނދުނު ބައްދަލުކުރެއްވުމުން މުސާރަ އާއި އިނާޔަތް ބޮޑުކޮށްދޭން އެފަރާތްތަކުން އެދިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ޕްރިންސިޕަލުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، ސްކޫލުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންތައްތައް އެމަނިކުފާނާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެބޭފުޅުން ވަނީ އުގަންނައިދިނުމުގައި އިތުރަށް ބޭނުންވާ ވަސީލަތްތައް ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖަޢާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދެއްވުމަށް ނައިބު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.

އޭގެ އިތުރުން ޕްރިންސިޕަލުން ވަނީ އެބޭފުޅުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި، އިންޝުއަރެންސް ޕެކޭޖްތަކެއް ތައާރަފު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕްރިންސިޕަލުން އެދިވަޑައިގެންފައިވާ ކަންތައްތައް ވަރަށް ގާތުން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަންކަމަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އެބޭފުޅުންނަށް ދެއްވާފައެވެ.

އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޕްރިންސިޕަލުން އަދާކުރައްވާ މުހިންމު ޒިންމާގެ މައްޗަށް އަލިއަޅުއްވާލައްވައި އެބޭފުޅުންގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުދައްރިސުންނާއި، ދަރިވަރުންނާއި، އަދި ބެލެނިވެރިންނާ ޕްރިންސިޕްލުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެބޭފުޅުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޕްރިންސިޕްލުންގެ އަރިހުން އެދިވަޑައިގެންފައެވެ.
ހިޔާލު