Luthufee ah maafeh nudheynan, ei enme bodu haainu: Raees
image
އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

ލުތުފީ އަށް މައާފެއް ނުދޭނަން، އެއީ އެންމެ ބޮޑު ހާއިނު: ރައީސް

ނޮވެމްބަރު ތިނެއްގެ އުފުވާނީ ހަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އަށް މައާފް ނުދޭނެ ކަމަށާއި، އޭނާ އަކީ ރާއްޖޭގެ އެންމެ ބޮޑު ހާއިނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށް ރައީސް ވިދާޅުވީ، ވަރަށް އަވަހަށް ލުތުފީ އަނބުރާ ގެންނާނެ ކަމަށެވެ. އަދި އެކަން ލަސްވެގެން ގޮސްފައިވަނީ ލަންކާގެ އެޓާނީ ޖެނަރަލް އޮފީހުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެޓާނީ ޖެނަރަލް އޮފީހުން އެ ދުއްދަ ދެވޭނީ ލަންކާގެ ސީއައިޑީން ގޮތެއް ނިންމުމުން ކަމަށް އަންގާފައިވާ ކަމަށާއި، އެގޮތުން ސީއައިޑީން އެ މައްސަލަ ބަލާ، ލުތުފީ ރާއްޖެ ގެނައުމަށް މައްސަލައެއް ނެތް ކަމަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު އޭނާ ރާއްޖެ އަށް ގެނައުމަށް ބޭނުންވަނީ އެޓާނީ ޖެނަރަލް އޮފީހުގެ ހުއްދަ އެކަނި ކަމަށާއި، އެ ހުއްދަ ކޮންމެ ވަގުތެއްގައި ވެސް ލިބިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ހުއްދަ ލިބުމާ އެކު ލުތުފީ ގެނެސް ޖަލަށް ލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ލުތުފީ ގެނައުމަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތައް ވެސް ރައީސް ވަނީ ދޮގުކުރައްވައިފަ އެވެ. އެގޮތުން އޭނާ ގެންނަން ވިސާ އޯވާސްޓޭ ކުރުމުން 3،000 ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި އޭނާ ގެނައުމަށް ޓިކެޓް ދައުލަތުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު އެ ފައިސާ އަކީ ލުތުފީ ދައްކަން ޖެހޭނެ ފައިސާ ކަމަށާއި ނަމަވެސް، މިވަގުތު އޭނާ އަތުގައި އެއްވެސް ފައިސާ އެއް ހުރިކަމަށް ބުނެފައި ނުވާތީ ސަރުކާރުން ވީހާވެސް އަވަހަކަށް އޭނާ ގެނައުމަށް ބޭނުންވާތީ އެ ހަރަދު ދައްކަން ނިންމީ ކަމަށް ރައީސް ވިދާޅުވި އެވެ.

ލުތުފީ ހުރީ އެމްބަސީގައި ނޫން ކަމަށާއި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އޭނާ މިވަގުތު ހުރީ ކޮން ތާކު ކަމެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.
ހިޔާލު