Gulhee falhun flat nulibunu meehunah Hulhumale inn flat dhenee
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގުޅީފަޅުން ފްލެޓް ނުލިބުނު މީހުންނަށް ހުޅުމާލެއިން ފްލެޓް ދޭން ނިންމައިފި

މި ސަރުކާރުން ތަރައްގީ ކުރާ ފްލެޓުތައް ދޭނީ ހެޔޮ އަގުގައި ކަމަށާއި، ގުޅީ ފަޅުން ފްލެޓް ގަނެ، ނުލިބުނު މީހުންނަށް ހުޅުމާލޭގައި ތަރައްގީ ކުރާ ފްލެޓުތަކުން ފްލެޓު ދޭން ނިންމައިފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި ސަރުކާރުން ތަރައްގީ ކުރާ ފްލެޓުތައް ރައްޔިތުންނަށް ދޫކުރާނީ 6000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުގައި އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން އިމާރާތްކުރަން ނިންމާފައިވާ 9200 ފްލެޓުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަރައްގީ ކުރެވޭނެ ކަމަށެވެ.

އޭގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަކީ 7800 އަކަ ފޫޓުގެ އެޕާޓްމަންޓް ކަމަށާއި އެތަން ދޫކުރާނީ މަހަކު 6000 ރުފިޔާއަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 9000 އަކަފޫޓުގެ އެޕާޓްމަންޓްތަކެއް ކަމަށާއި އެތަންތަން ދޫކުރާނީ މަހަކު 7000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަގެއްގައި ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ގުޅީފަޅުން ފްލެޓު ގަނެ ފްލެޓު ނުލިބުނު 140 ފަރާތަށް ހުޅުމާލޭގައި އަލަށް ތަރައްގީ ކުރާ ފްލެޓުތަކުން ފްލެޓު ދޭން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. އަދި އެމީހުންނަށް ފްލެޓު ދޭނީ ގުޅީފަޅުގެ ފްލެޓުތަކަށް އެމީހުން ދެއްކި ފައިސާއިން ކަނޑާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާ މަޝްހޫރުގެ ފްލެޓުތަކަށް އަލި އަޅުވާލާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓުތައް މިހާރު ހުރި ގޮތަށް ދޭނަމަ އެތަނުގެ ކުއްޔަކީ މަހަކު 11000 ކަމަށާއި އެކަމަކު އެތަނަށް ބަދަލުތަކެއް ގެންނަނަމަ ކުލީގެ ގޮތުގައި 13000 ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ.

ރައީސް ވަނީ ފްލެޓުތަކަށް ބަދަލުތަކެއް ގެންނަ ވާހަކަ އެމަނިކުފާނު ދައްކަވަނީ ނަމެއްގައި ފްލެޓު ދޭން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވެފައެވެ.
ހިޔާލު