Mahaa ge mahsalaeh nubalaa kamah olhigen sitee eh nudhen: ACC
image
އޭސީސީ: އޮޅިގެން ސިޓީއެއް ނުދޭ ކަމަށް ބުނޭ.
0 ކޮމެންޓް
 

މަހާގެ މައްސަލާގައި އޮޅިގެން ސިޓީއެއް ނުދެން: އޭސީސީ

ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރު ގަވާއިދާ ހިލާފަށް ރައީސް ޔާމީނުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ނަމުގައި ރަޖިސްޓްރީކުރުމުގައި ބައިވެރިވުމުގެ އިތުރުން ކޮރަޕްޝަނުގެ އިތުރު މައްސަލައެއްގެ ތުހުމަތު ކުރެވޭ މަހްމޫދު ޝަފީގް (މަހާ) އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމު ދިނީ އޭސީސީން އޭނާގެ މައްސަލައެއް ނުބަލާ ކަމަށް ބުނެ ސިޓީއެއް ލިބުމުން ކަން "ސީއެންއެމް" އަށް ޔަގީންވި ނަމަވެސް އެ ކޮމިޝަނުން އެކަން ދޮގުކޮށްފި އެވެ.
އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު "ސީއެންއެމް" އަށް ވިދާޅުވީ މަހާ އެ މަގާމަށް އައްޔަން ކުރުމަށް، އޭނާގެ އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ބުނެ އޭސީސީން ސިޓީއެއް ދީފައި ނުވާ ކަމަށެވެ. އެހެން ހައިސިއްޔަތަކުން އޭނާ އަށް އެފަދަ ސިޓީއެއް ދީފައިވާނެތޯ ސުވާލު ކުރުމުން ހަސަން ވިދާޅުވީ މީހަކު އަމިއްލަ އަށް އެދިގެން ދޭ ސިޓީތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ރަސްމީ ކޮމެންޓެއް ނުދޭނެ ކަމަށެވެ.

ހަސަން އެހެން ވިދާޅުވި ނަމަވެސް "ސީއެންއެމް" އަށް ވަނީ، މަހާ އެ މަގާމަށް އައްޔަން ކުރީ އޭސީސީން އޭނާގެ މައްސަލައެއް ނުބަލާ ކަން އެންގުމުންނެވެ. ނަމަވެސް ފަހުން އޭސީސީން ވަނީ އޭނާގެ މައްސަލައެއް އޮތް ކަމަށާއި، ކުރިން އެގޮތަށް އެންގީ އޮޅިގެން ކަމަށް ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ކާރު ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން ނޯތު ކޮރެއާ އަށް ވަގަށް ތެޔޮ އެތެރެކުރި އުޅަނދުގެ މައުލޫމާތުތައް، ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން އޮޅުވާލާފައިވާއިރު އެކަމުގައި ވެސް މަހާގެ ބައިވެރިވުން ބޮޑު ކަމަށް ވެއެވެ. ނަމަވެސް އެ ކަމުގެ ތަފްސީލުތައް ނުލިބެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ޕޮލިސީގެ ދަށުން އޭނާ މަގާމަށް އައްޔަން ވެގެން ނުވާނެ އެވެ. އެކަމަކު "ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި މަހާ އެ މަގާމަށް ދިޔައީ، އޭނާ އާ ގުޅޭ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަމުން ނުދާ ކަމަށް ބުނެ ސިޓީ ދިނުމުންނެވެ.

"ސީއެންއެމް" އިން ބެލި ބެލުމުން އެނގޭ ގޮތުގައި މަހާ ޓްރާންސްޕޯތްގެ އެގްޒެކްޓިވް ޑައިރެކްޓަރަކަށް އައްޔަން ކުރީ އެމްޑީޕީ ސްލޮޓެއްގަ އެވެ. އަދި އެމްޑީޕީން ތެރޭން އޭނާ އަށް އެ މަގާމު ހޯދައިދޭން ބާރު އެޅީ އެ ޕާޓީ އަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރެއް ކަމަށް ވެއެވެ.

އެމްޑީޕީ ތެރެއިން މަހާ އަށް އެ މަގާމު ލިބުނު އިރު، ޖުމްހޫރީ ޕާޓީގެ ތެރެއިން އޭނާ އެ މަގާމަށް ދިއުމަށް މަސައްކަތް ކުރިކަން ވެސް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ބޮޑެތި ތުހުމަތި ތަކެއް ކުރެވޭ ކަން އެނގޭތީވެ، އެ ޕާޓީ އަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ކަން ހުއްޓުވީ އެވެ. އެމްޑީޕީ ސްލޮޓެއްގައި މަހާ އެ މަގާމު ހޯދީ އެއަށް ފަހު އެވެ.
ހިޔާލު