ACC in Raees ah olhuvaali! Mahaa suspend kuranee
image
ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑައިރެކްޓަރަކަށް އައްޔަން ކުރި މަހާ.
5 ކޮމެންޓް
 

އޭސީސީން ރައީސް އަށް އޮޅުވާލެއްވި! މަހާ ސަސްޕެންޑްކުރަނީ

ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރު ގަވާއިދާ ހިލާފަށް ރައީސް ޔާމީނުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ނަމުގައި ރަޖިސްޓްރީކުރުމުގައި ބައިވެރިވުމުގެ އިތުރުން ކޮރަޕްޝަނުގެ އިތުރު މައްސަލައެއްގެ ތުހުމަތު ކުރެވޭ މަހްމޫދު ޝަފީގް (މަހާ) އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމު ދިނުމުގެ މަރުހަލާގައި ހިނގައިދިޔަ ކަންތައްތަކުގަި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮޅުވާލެއްވިކަމުގެ ތުހުމަތު ކުރެއްވިއްޖެ އެވެ.
"ސީއެންއެމް" އަށް ޔަގީންވާ ގޮތުގައި، ރައީސް ޔާމީނުގެ ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުރި މަހާ އަށް ޓްރާންސްޕޯޓްގެ އެގްޒެކްޓިވް ޑިރެކްޓަރުކަން ދިނީ އޭސީސީން އޭނާގެ މައްސަލައެއް ނެތް ކަމަށް ރައީސް އަށް އެންގުމުންނެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ކުރިން އޭސީސީގެ އިތުރުން ފުލުހުންގެ ކްލިއަރެންސް ހޯދާ ކަމަށެވެ. އެގޮތުން މަހާ އަށް އެ ދެ ތަނުގެ ކްލިއަރެންސް ވެސް ލިބުނު ކަމަށާއި، ނަމަވެސް އޭނާގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް މިއަދު އޭސީސީން އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މަހާ ސަސްޕެންޑް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަގާމަކަށް މީހަކު މި ލަނީ ޕޮލިހުންނާއި އޭސީސީންނާ ހޯދަންވާ މައުލޫމާތު ހޯދުމަށް ފަހު. އަޅުގަނޑުމެންނަށް އެ މަގާމަށް އެ ބޭފުޅާ އައްޔަން ކުރިއިރު ހުރިހާ ތަނަކުން ވެސް ކްލިއަރެންސް ލިބިފައި އޮތް. އެކަމު މިއަދު އަޅުގަނޑަށް އޭސީސީން އެބައޮތް ސިޓީއެއް ފޮނުވާފައި، އޭނާގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ވާހަކަ. އެހެން ވީމާ އަޅުގަނޑުމެން މިކަމުގަ ކުރީގައި ވެސް އަމަލު ކުރި ގޮތަށް، އެކަން ނިމެންދެން ސަސްޕެންޑް ކުރަން އަޅުގަނޑު ނިންމާނަން،" ސީއެންއެމްގެ ނޫސްވެރިޔާ ރައްޔާން މުހައްމަދު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއަދު، މީގެ ކުޑަ އިރުކޮޅެއް ކުރިން އަޅުގަނޑަށް އެ ސިޓީ ލިބުނީ. އެހެންވީމާ އެއާ އެއްގޮތަށް އަޅުގަނޑުމެން އެ ޒީރޯ ޓޮލަރެންސް ހިފެހެއްޓުމަށްޓަކައި އޭސީސީން އެ އެންގި އެންގުމާ އެއްގޮތަށް، ލިބުނު މައުލޫމާތާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،"

މަހާގެ މައްސަލައެއް ނުބަލާ ކަމަށް ބުނެ އޭސީސީން ސިޓީއެއް އޮޅިގެން ސިޓީއެއް ދިން ކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރު ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ރައީސް މިއަދު ހާމަކުރެއްވި މައުލޫމާތު ތަކާއި އެކު، އޭސީސީން އޭނާގެ މައްސަލައެއް ނެތްކަން އެންގުމަށް ފަހު، އަލުން އޭނާގެ މައްސަލައެއް އޮތް ކަމަށް ބުނެ ސިޓީ ފޮނުވިކަން މިވަނީ ހާމަވެފަ އެވެ.

އޭސީސީން މަހާގެ މައްސަލައެއް ނެތް ކަން އެނގުމަށް ފަހު، އޭނާ އެ މަގާމަށް އައްޔަން ކުރުމުން، އޭނާ އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލާ ކަމަށް ބުނާ ދެ ވަނަ ސިޓީ އެއް ރައީސް އަށް ފޮނުވި އިރު، އޭސީސީ މެމްބަރުންގެ ތެރޭގައި މަހާގެ ޅިޔަނެއް ހިމެނިވަޑައިގަންނަވާކަމަށް ވެ އެވެ.

ގަވާއިދާ ހިލާފަށް ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ކާރު ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން ނޯތު ކޮރެއާ އަށް ވަގަށް ތެޔޮ އެތެރެކުރި އުޅަނދުގެ މައުލޫމާތުތައް، ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން އޮޅުވާލާފައިވާއިރު އެކަމުގައި ވެސް މަހާގެ ބައިވެރިވުން ބޮޑު ކަމަށް ވެއެވެ. ނަމަވެސް އެ ކަމުގެ ތަފްސީލުތައް ނުލިބެ އެވެ.

"ސީއެންއެމް" އިން ބެލި ބެލުމުން އެނގޭ ގޮތުގައި މަހާ ޓްރާންސްޕޯތްގެ އެގްޒެކްޓިވް ޑައިރެކްޓަރަކަށް އައްޔަން ކުރީ އެމްޑީޕީ ސްލޮޓެއްގަ އެވެ. އަދި އެމްޑީޕީން ތެރޭން އޭނާ އަށް އެ މަގާމު ހޯދައިދޭން ބާރު އެޅީ އެ ޕާޓީ އަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރެއް ކަމަށް ވެއެވެ.

އެމްޑީޕީ ތެރެއިން މަހާ އަށް އެ މަގާމު ލިބުނު އިރު، ޖުމްހޫރީ ޕާޓީގެ ތެރެއިން އޭނާ އެ މަގާމަށް ދިއުމަށް މަސައްކަތް ކުރިކަން ވެސް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ބޮޑެތި ތުހުމަތި ތަކެއް ކުރެވޭ ކަން އެނގޭތީވެ، އެ ޕާޓީ އަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ކަން ހުއްޓުވީ އެވެ. އެމްޑީޕީ ސްލޮޓެއްގައި މަހާ އެ މަގާމު ހޯދީ އެއަށް ފަހު އެވެ.
ހިޔާލު

މައުމޫން

ޟަރުކާރު ގެމަގާމް ތަށް ދެނީ އިބްރާހިމް މުހައްމަދު ސޯލިހް ގެ ކެމްޕެއިން އަށް ޙުރަސް އެޅިމީހުންނަށް.

ފަގީރު ކޮއެ

ރަނގަޅު ހުރިހާ މަގާމު ތަކެއް ދެނީ، ޔާމީނު ކާރީގަ އުޅުނުހާ ވަގުން ނަށް! އިޚްލާސް ތެރިން ބާކީ ކޮއްލީ. ދެން ގޮވާނީ އަތަށް!😭😭😂😂😂🤦🏻‍♀️🤷

މިނިސްޓަރ

ކުރިން މައްސަލަނެތިފަ މިހާރު އޮތުމަކީ އިޝޫއެއްނޫން. ރިޕޯޓަރަށް ވާނުވާގޮތް ނޭނގެނީ... ނިކަން ޓުއަރިޒަމް ނިމިސްޓަރުގެ ކޭސްއަށްވީގޮތް ބަލާލަބަލަ

ލިން

އައިޝާ ވަރެއް ނެތޭ ބުނަނީ އެހެންވީމަ.. ކަރަޕްޝަނާ ދެކޮޅު ޑިމޮކްރެޓިކް ޕާޓީގެ އެމްޕީން އޭނާއަށް މަޤާމުދީފައި މިއޮތީ

ޝިޢުބު

ތީ ދެދުވަހެގެ ކަމެއް
ޟިސާލަކށް އެމް އެމް ޕީ އާރު ސީން ޑޮލަރު ގަތް އެންމެނަށް އެނގޭ އެކަން ހިނގާގޮތް އެކަމު ގަތީ
ޢެނގި ހުރެ އެފަދަކަމެއްގައި ބައިވެރި ވުމަކީ ކުށެއް
ޛަލަސް ފޯނު ވައްދާގެން ފައިދާ ހޯދުމާއި އެމ އެމް ޕީ އާރު ސީން ޑޮލަރު ގަތުމާ މިދެކަމަކީވެސް އެނގިތިބެ ކުރާ ގޯސްކަންކަން