India Raajje ebbasvumakee emmenge salaamathah alhaa fiyavalheh: Raees
image
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިންޑިއާ-ރާއްޖެ އެއްބަސްވުމަކީ އެންމެންގެ ސަލާމަތަށް އަޅާ ފިޔަވަޅެއް: ރައީސް

ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމު ކުރުމަށް ހަމަޖެހިފައިވާ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުމަކީ ޒާތީ ގޮތުން ވަކި މީހެއް ހައްޔަރު ކުރަން ގާއިމުކުރާ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ އެންމެންގެ ސަލާމަތަށް ކުރާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ނުރައްކާތެރި ވިސްނުމުގެ މީހުން އުޅޭ ކަމުގައި ވިޔަސް އެމީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅެން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އޮތް ގޮތުން މިވަގުތު ޓެރަރިސްޓުން ހިފެއްޓޭނެ އެއްވެސް ގޮތެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މިއަދަކު އަޅުގަނޑުމެންނަކަށް ދުނިޔެ އާއި ވަތްކަކުން ނޯވެވޭނެ. ޓެރަރިސްޓުންނަކަށް ނެތް ބޯޑަރެއް. އެމީހުންނަކީ މުޅި ދުނިޔޭގަ ފެތުރިފައިވާ ބައެއް. މިއަދު އަޅުގަނޑުމެންނަށް އައިސިސް ޖަމާއަތުގަ ހަނގުރާމަކޮށްފަ އަންނަ ޓެރަރިސްޓަކު ހިފެހެއްޓޭނެ ގޮތެއް ނެތް ގާނޫނު އޮތް ގޮތުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމް ގެ ބިރުން ރާއްޖެ އާއި މުޅި ދުނިޔެ ވެސް ސަލާމަތް ކުރެވޭނީ އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށެވެ.

އަދި މި އެއްބަސްވުމަކީ ދިވެހި ރައްޔިތެއް އިންޑިއާއަށް ޝަރީއަތަށް ފޮނުވުމަށް ހަދާ އެއްބަސްވުމެއް ނޫން ކަމަށާއި މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅާ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެއްސަކު ޝަރީއަތަށް އިންޑިއާއަށް ފޮނުވާކަށް ނޫން، އިންޑިއާގަ ހުރި މީހަކު މިގައުމަށް ގެނެސް ޝަރީއަތްކުރާކަށް ނޫން ކޮންމެހެން ބޭނުމަކީ. އެހެން ނަމަވެސް ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިއޮތް [ޓެރަރިޒަމްގެ] ވަބާއިން، ބިރުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމުތަކަަކާއި އެކީގައި އެބަޖެހޭ މިކަމުގެ މަސައްކަތް ކުރަން. މިއީ ޒާތީ ގޮތުން ވަކި މީހަކު ހައްޔަރު ކުރަން ނޫނީ ވަކި ބަޔަކަށް ކުރާ ކަމެއް ނޫން. އެންމެންގެ ސަލާމަތަށް އަޅުގަނޑުމެން ކުރާ ކަމެއް." ރައީސް ވިދާޅުވި އެވެ.

މިއީ އެކްސްޓްރެޑިޝަން ނުވަތަ ކުށްވެރިން ގައުމުން ބޭރުކުރާ އެއްބަސްވުމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސްގެ ތަރުޖަމާނު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ބަދަލުކުރެވޭނީ ކުށްވެރިންނެއް ނޫންކަމަށާއި ކުށްވެރިންގެ މައުލޫމާތު އެކަނި ކަމަށެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ގާނޫނާއި ޚިލާފު، ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއެއްބަސްވުން ބައްލަވާ އެއްބަސްވުމާއި ބެހޭގޮތުން ބަންޑާރަ ނައިބު ލަފާއަރުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި އެއްބަސްވުމަކީ މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވި އިރުވެސް އޮތް އެއްބަސްވުމެއް ކަމަށާއި އަވަސް އަރުވާލައިގެން އެކަން ނިންމުމަށް ނޫޅޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ވެސް އެކަމާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ހަމައެކަނި އިންޑިއާ އާއި އެކީ މަޝްވަރާ ކުރެވޭ ކަމެއް ނޫން ކަމަށާއި ސްރީލަންކާ އާއެކީވެސް އަދި އެހެން ގައުމުތަކާއި އެކީވެސް މިފަދަ އެއްބަސްވުންތަކުގެ މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މުއާހަދާއަކީ މީގެ 10 އަހަރު ކުރިން ވުޖޫދުވި އެއްޗެކެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު، އެކި ސަބަބުތަކާ ހުރެ އެއްބަސްވުމުގައި ސޮއިކުރެވޭ ގޮތެއް ނުވެ އެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ.
ހިޔާލު