ACC inn corruption ge massala balaa kamah bunumun emme fahun Maha suspend koffi!
image
ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި މަހްމޫދު ޝަފީގް (މަހާ)--
2 ކޮމެންޓް
 

އޭސީސީން ކޮރަޕްޝަނުގެ މައްސަލަ ބަލާ ކަމަށް ބުނުމުން އެންމެ ފަހުން މަހާ ސަސްޕެންޑުކޮށްފި!

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މަހްމޫދު ޝަފީގު (މަހާ) ގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ ކަމަށް އެންމެ ފަހުން ބުނުމުން އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ކަމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.
މަހާ އެ މަގާމަށް ހަމަޖެއްސީ އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް އޭސީސީން ކުރިން ބުނުމުންނެވެ. އެކަމަކު އެފަދަ މައްސަލައެއްގެ މައުލޫމާތު ސީއެންއެމް އިން ރިޕޯޓުކުރުމުން، މިއަދު އެންމެ ފަހުން އޭސީސީން ވަނީ މަހާގެ މައްސަލަ ބަލަމުންދާކަން ރައީސް އޮފީހަށް އަންގާފަ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މީހަކު މަގާމަށް އައްޔަން ކުރަނީ ފުލުހުންނާއި އޭސީސީން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށްފަހު ކަމަށެވެ. އަދި މަހާ އެ މަގާމަށް އައްޔަން ކުރީ އެ ދެތަނުގެ ކްލިއަރެންސް ލިބުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަކު މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން އޭސީސީގެ ސިޓީއެއް ރައީސް އޮފީހަށް ލިބިފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އެއާއެކު ރައީސް ސޯލިހު ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިމެންދެން މަހާ މަގާމުން ސަސްޕެންޑު ކުރައްވާނެ ކަމަށެވެ.

"އެހެންވީމަ ޒީރޯ ޓޮލެރެންސް ހިފެހެއްޓުމަށް އޭސީސީގެ އެންގުމާ އެއްގޮތަށް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މަހާ ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަހާ ވަނީ ރައީސްގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަހާގެ މައްޗަށް ކުރެވެނީ ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ކާރެއް ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްދިނުމާއި، ނޯތު ކޮރެއާ އަށް ވަގަށް ތެޔޮ އެތެރެކުރި އުޅަނދުގެ މައުލޫމާތުތައް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން އޮޅުވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

އޭނާގެ މައްސަލައެއް ނުބަލާ ކަމަށް ބުނެ އޭސީސީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވިކަން ސީއެންއެމް އަށް ޔަގީންވި ނަމަވެސް އޭސީސީން އެކަން ދޮގު ކުރެ އެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުން ވެސް އޭސީސީން ވަނީ މަހާގެ މައްސަލައެއް ނުބަލާ ކަމަށް ރައީސް އޮފީހަށް އަންގާފަ އެވެ.

އޭސީސީން އެފަދަ ގޮތަކަށް އަމަލު ކުރެއްވުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވެސް ވަނީ އޭސީސީ އަށް ފާޑުވިދާޅުވެފަ އެވެ. ހޫދު ސީއެންއެމް އަށް ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭ މީހެއްގެ އެފަދަ ކަމެއް ނެތް ކަމަށް ދައުލަތުގެ މުއައްސަސާއަކަށް "އޮޅިގެން" ކަނޑައެޅިގެން ނުވާނެ ކަމަށެވެ.

ސީއެންއެމް އިން ބެލި ބެލުމުން އެނގޭ ގޮތުގައި މަހާ ޓްރާންސްޕޯތްގެ އެގްޒެކްޓިވް ޑައިރެކްޓަރަކަށް އައްޔަން ކުރީ އެމްޑީޕީ ސްލޮޓެއްގަ އެވެ. އަދި އެމްޑީޕީން ތެރޭން އޭނާ އަށް އެ މަގާމު ހޯދައިދޭން ބާރު އެޅީ އެ ޕާޓީ އަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރެއް ކަމަށް ވެއެވެ.

އެމްޑީޕީ ތެރެއިން މަހާ އަށް އެ މަގާމު ލިބުނު އިރު، ޖުމްހޫރީ ޕާޓީގެ ތެރެއިން އޭނާ އެ މަގާމަށް ދިއުމަށް މަސައްކަތް ކުރިކަން ވެސް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ބޮޑެތި ތުހުމަތި ތަކެއް ކުރެވޭ ކަން އެނގޭތީވެ، އެ ޕާޓީ އަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ކަން ހުއްޓުވީ އެވެ. އެމްޑީޕީ ސްލޮޓެއްގައި މަހާ އެ މަގާމު ހޯދީ އެއަށް ފަހު އެވެ.
ހިޔާލު

ޗެސްޓް

މަހާ އަކީ މަގުމަތިން ގެއްލޭ ސައިކަލު ތައް އެހެންމީހުންގެ ނަމަށް ބަދަލުކުރުމުގެ އިސް މޭސްތިރި. ޗެސިސް ނަމްބަރު ބަދަލު ކުރަނީ ދިޓީވީ ހިންގި ޢިމާރާތުގެ ކައިރީ ހުންނަ ވޯކްޝޮޕުން

ސަފްވަތު

މަހާގެ މައްސަލައެއް ނެތްކަމަށް އޭސީސީން ލިޔުން ދިނީ އޭސީސީގެ މެމްބަރު ސަފްވަތު. މަހާ އަކީ ސަފްވަތުގެ ޅިޔަނެއް. އެއީ ބޮޑު އޮޅުވާލުމެއް. މިކަންތައް ރައީސް އޮފީހުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބަލަންޖެހޭ. އެކަން ބަލަން ގޮވާލަން.