Ebbasvunathah uvaali meehunge massala balan jehi dhaane kamuge ishaaraatheh!
image
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ސާޔާ އަހްމަދު
3 ކޮމެންޓް
 

މާލީ ގެއްލުންވާ ގޮތަށް އެއްބަސްވުންތައް އުވާލި މީހުންގެ މައްސަލަ ބަލަން ޖެހިދާނެ ކަމުގެ އިޝާރާތެއް!

ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ގާނޫނުގެ ބޭރުން އުވާލުމުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި އެކަމުގެ ޒިންމާ އުފުލަންޖެހޭ މީހުންނާމެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ދައުލަތަށް މާލީ ގެއްލުންވާ ގޮތަށް އުވާލާފައިވާ ބައެއް އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

"އިންސާފު ހޯދާ ދިނުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް،" އެ ވަހާކަފުޅު ފައްޓަވަމުން ރައީސް ސޯލިހު ފާހަގަކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ މައި ވައުދުފުޅެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކޯޓުތަކާއި އާބިޓްރޭޝަނުން މައްސަލަތަކުގައި ކާމިޔާބުނުވުމުން ދައުލަތުން ދައްކަން ޖެހިފައިވާ އަދި ދައްކަން ޖެހިދާނެ ކަމަށް ބެލެވޭ ފައިސާގެ އަދަދުތަކުގެ ވާހަކަފުޅެވެ.

އެގޮތުން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުން ނިންމި މައްސަލަތަކުގައި މިހާތަނަށް 882 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަދި 216 މިލިއަން ރުފިޔާގެ މައްސަލަ އޮތީ ނުނިމި އެވެ.

އޭގެ އިތުރުން އާބިޓްރޭޝަނުން ނިންމި މައްސަލަތައް 17.89 މިލިއަން ޑޮލަރު މިހާތަނަށް ދައްކަން ޖެހޭއިރު އަދިވެސް 350 މިލިއަން ޑޮލަރުގެ މައްސަލަ ބާކީ އެބަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުން ނަމަ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކުރީގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދިވެހި ދައުލަތުން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭން މަޖުބޫރުވުން އެކަށީގެންވެ އެވެ.

"މިއިން ގިނަ އެއްޗިއްސަކީ ލޯޔަރުން އަޅުގަނޑުމެންނަށް އެ ލަފާ ދެނީ ސަރުކާރަށް ގެއްލޭނެ އެއްޗިއްސޭ. ވިން ނުކުރެވޭނެ އެއްޗިއްސޭ. އެ ހިސާބުގައި ހުރީ،" ރައީސް ސޯލިހުގެ ކަންބޮޑުވުން ރައްޔިތުންނާ ހިއްސާ ކުރެއްވި އެވެ.

އެމަނިކުފަނު ވިދާޅުވީ އިންސާފު ހޯދާ ދޭނެ ކަމަށް ވީ ވައުދުގެ ތެރެއިން އެއްބަސްވުންތައް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހިފައިވާއިރު ވަރަށް މުހިއްމު ކަމަކާ މެދު ވިސްނަންޖެހިވަޑައިގަންނަވަ އެވެ.

"މިކަން ކުރި ބަޔަކާ ދޭތެރޭ ކިހިނެއްތޯ ހަދާނީ. ހަމަ ކޯޓުތަކަށް ގޮސްގެން ވެސް، އާބިޓްރޭޝަނަށް ގޮސްގެން ވެސް، ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ، ތިމަންނަމެން އެކަން ކުރީ، ގާނޫނާ ހިލާފަށޭ،" ރައީސް ވިދާޅުވި އެވެ.

ދެން އެމަނިކުފާނު ފާހަގަކުރެއްވީ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސާއެކު ހަދާފައި އޮތް އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާތަކެއް ދޭން ޖެހިދާނެ ކަމަށް ބެލެވޭ މައްސަލަ އެވެ.

"ނޫމަޑި މައްސަލާގައި ވެސް ސިންގަޕޯ އާބިޓްރޭޝަން، ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ތިމަންނަމެން އެ އެގްރީމެންޓު އުވާލީ ގާނޫނާ ހިލާފަށޭ، އުސޫލުން ބޭރުންނޭ. އޭގެ ބަދަލުގައި އެމީހުން އެ ކްލެއިމް ކުރަނީ 350 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.

ނޫމަޑި އެއްބަސްވުން އުވާލުމުގައި ދޮގު ހެދި ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ އެ ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށްދާ އާބިޓްރޭޝަނަށް ދިން ބަޔާނެއްގަ އެވެ. އެގޮތުން 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެގެން ނޫން ކަމަށާއި، އެކަން ކުރީ ސީދާ ރައީސް ޔާމީނުގެ އެންގުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފަދަ ގިނަ މައްސަލަތަކެއް ހުރިއިރު، ދިވެހި ސަރުކާރަށް އެ މައްސަލަތައް "ވިން" ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެދެނީ ސަރުކާރަށް މި ވިން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ، ދެން އޭގަ މި ދާން ޖެހެނީ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް. ދާއިރުގައި އަޅުގަނޑމުން ވަކި ބަޔަކަށް އެހީވީ ކަމަށް، ވަކި ބަޔަކަށް ލާރިތަކެއް ދިނީ ކަމަށް މި ނިންމަނީ. އެކަމަކު މިއީ އެއް ނޫން އަސްލު އިނގޭތޯ. ކަންކަން ވަމުންދާ ގޮތް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.

އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވައިދާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ސަބަބުން، މި ސަރުކާރަށް ވަނީ ބޮޑު މާލީ ބުރައެއް އުފުލަން ޖެހިފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަތަކަށް ބަލާއިރު، ދައުލަތަށް ބޮޑު މާލީ ގެއްލުން ލިބޭނެހެން އެއްބަސްވުންތައް އުވާލި ފަރާތްތައް ޖަވާބުދާރީކޮށް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށް ބެލެވެ އެވެ. އެއީ އެމީހުންގެ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައި ވާތީ އެވެ.
ހިޔާލު

ހުނއ

މިއީ އޮޅުން ބޮޅުން ސަރުކާރު އޮޅުވާލާ މަކަރުވެރި ސަރުކާރު ކޮންމެ ކަމެއްވެސް ކޮށްފަ ނުކުރާކަމަށް ޖޯކް ސަރުކާރު

ބޭކާރު

މިހާތަނަށް ފިޔަވަޅެއް އެޅުނު މީހަކު އެބަހުރިތަ؟

ރާކަނި

ފިޔަވަޅު އަޅުއްވަން އެބަޖެހެއެވެ.ކޮންމެ މީހެއް ނަމަވެސް އެމީހަކު ދަވްލަތަށް ދޭގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ.