Vaahaka: Hus Hiyy
image
ވާހަކަ: ހުސް ހިތް-
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: ހުސް ހިތް

ތަނަވަސް ބޮޑު ފެންޑާއެކެވެ. ފެންޑާގެ އެއްކޮޅު ގުޅިފައިވަނީ ގޭގެ ސަރައްކާއްޔެވެ. އަނެއްކޮޅުން މައިގެތެރެއަށެވެ. އެއީ ބަލައިލަން ފަސޭހަ މަންޒަރެކެވެ. ތަނުގެ ތަރުތީބެވެ. ފެންޑާގެ އެއް ފަރާތުގައިވަނީ މަޑު ފޭރާމަކުން ޖަރީކުރުވާފައިވާ ސޯފާއެކެވެ. ސޯފާގެ ކުރިމަތީގައި ބިއްލޫރި މޭޒެއް ހުއްޓުވެ. މޭޒުގެ ކުރިމަތީ ހުރި ޓީވީ ހަރުގައި ހުރީ ހަމަ އެކަނި ޓީވީއެއް ނޫނެވެ. އެއީ ހަނދާންތަކުގެ މަކާނެކެވެ. ކާމިޔާބީތަކުގެ ކޮށާރެކެވެ. މުނިފޫހިވިލުވާދޭ މަތާރަން ފިލައެކެވެ. މުނި އަވަސްކޮށްދޭ މިތުރެއްގެ ޖަގަހައެކެވެ.
މައީދަށް ބަލައިލެވުނީ ޓީވީ ހަރުގައި ހުރި ފޮޓޯ ލޯގަނޑަށެވެ. މައީދުގެ ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް ދުވެލިއެވެ. ނާރުތަކުގެ ތެރެއިންނެވެ. ނާރުތަކަށް ވާންވިއެވެ. އޭނާގެ މުޅި ގައިގެ އެތަންމިތަން ތޮޅެން ފެށިއެވެ. އެއާއެކު މައީދުގެ ނޭވާ އަވަސް ވިއެވެ. ނޭވާ ކުރުވާން ފެށިއެވެ. ގޮނޑީގައި މައީދު ހަމަޖެހިލިއެވެ. މަޑުމަޑުން ގޮނޑީގައިވާ ދަގަނޑުގައި ހިފައިލިއެވެ. އެއާއެކު މުށްކަވާލިއެވެ. ގޮނޑީގެ ދަގަނޑާއެކުގައެވެ. އެވަރުން ވެސް އޭނާގެ ހަށިގަނޑަށް އަރަމުން ދިޔަ ބާރުތައް މައިތިރިވާ ގޮތެއް ނުވިއެވެ.

މައީދުގެ ނޭވާ އިހުނަށްވުރެ އަވަސްވަމުން ދިޔައެވެ. މުޅި މީހާ ރޯމަހެއް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. މައީދުގެ ކޮނޑުގައި މީހަކު އަތްޖައްސައިލިއެވެ. އޭނާގެ ގަޔަށް އަރާފައި ހުރި ބާރުގަނޑު ރާސްލައިފައި ކެނޑިގެން ދިޔައެވެ. ހީވީ ކަށްޓެއް ހަރައިލިހެންނެވެ. މައީދަށް ބަލައިލެވުނީ ފަހަތަށެވެ. އެއީ މާނާއެވެ.
"އަހަރެން... އަހަރެން..." ދަތި އުނދަގޫ ގޮތަކަށް މައީދު ވާހަކަދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ހަނދާންވީ ދޯ؟ އާން މިއަދު މިއީ، ދޮންތަ ނިޔާވިތާ ސާޅީށް ދެ އަހަރު ފުރޭ ދުވަސް،" ބަލި ރާގެއްގައި މާނާ ބުނެލިއެވެ. "އަހަރެން ވެސް ދޮންތަ މަތިން ވަރަށް ހަނދާންވޭ."

މާނާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. މައީދު އިށީނދެއިން ފުރޮޅުލީ ގޮނޑީގެ ކައިރީގައި އޭނާ އިށީނެވެ. އޭނާގެ ދޮންތަ، މުނާގެ ފޮޓޯ ގަނޑަށް ބަލައިގެންނެވެ. މައީދުގެ ކަޅި ވެސް ވަނީ މުނާގެ ފޮޓޯގައި ތަތްވެފައެވެ. އޭނާގެ ހިތުގެ އައްސޭރި ފަށުގައި ބީހެމުންދަނީ މުނާގެ ހިނިތުންވުމެވެ. މުނާގެ މިޔުޒިކީ އަޑެވެ. މުނާގެ ލުއި ހަރަކާތްތަކެވެ.

މައީދުގެ މަޑުމަޑުން ބަލައިލީ މާނާއަށެވެ. މާނާ ވެސް އިނީ މުނާގެ ފަރިފަރި ހިނިތުންވުމުގެ އަވާގައި ޖެހިފައެވެ.

"އަހަރުމެން ކިހައި މަޖަލެއް ކުރިން. ކިހައި ސަކަރާތެއް ޖެހިން. އެ ހަނދާންތައް މިއަދު ވެސް އާވެ އާލާވަމުން މިދަނީ،" ކުރަކިވެފައިވެ، ޖޯޝު ގެއްލިފައިވާ އަޑަކުން މާނާ ބުނެލިއެވެ. "ދުނިޔެއަކީ ހާދަ ފާޑެއްގެ ތަނެކޭދޯ. ދައްކަވަން ހުރި ތަނެއް ދައްކަވާނެ. ވާން ހުރިކަމެއް ވާނެ. އޭގެފަހުން ގެންދަވާނީ."
"މުނާގެ ދުނިޔެއަކީ... މުނާގެ އުއްމީދަކީ... މުނާގެ ނިންމުމަކީ" މައީދަށް ބުނެވެނީ ޖުމުލަ ބުރިބުރިއެވެ. އެއްވެސް ޖުމުލައެއް ފުރިހަމައެއް ނުކުރެވެއެވެ.
މައީދުގެ އަނގައިން ވަރު ދަނީއެވެ. މުސްކުޅިވުމުންނެވެ. ގައިބާރު ދެރަވުމުންނެވެ. މައީދުގެ ފައިވަނީ ފިނިވެފައެވެ. ހަރުވެފައެވެ. އޭނާގެ ފަޔަކީ އޭނާއަށް އޮތް ބުރައެކެވެ. ފިނިބަލީގެ ޝިކާރައަކަށް ވުމުންނެވެ. މައީދަށް އެ ވަރު ކޮށްލެވިފައި އެ ވަނީ ވެސް މާނާގެ ލައްކަ މަސައްކަތުންނެވެ. މާނާގެ އޯގާތެރިކަމުންނެވެ. ހުއްޓުމެއް ނެތި ދެވުނު އަތުފަރުވާގެ ސަބަބުންނެވެ.

"ދޮންތަގެ އެ ހިނިތުންވުން. އެ ދުވަސްތައް. އަހަރެންގެ ޅަދުވަސް ހަނދުމަކޮށްދޭ. އެ އުފާވެރިކަން އިހުސާސް ކުރެވޭ" މާނާގެ ލޮލަށް ކަރުނަތައް ގިނަވަމުން ދިޔައެވެ.
މައީދުގެ ހިޔާލުތައް މާނާގެ ވާހަކަތަކާއެކު މާޒީގެ ތެރެއަށް ގެނބެން ފެށިއެވެ. އެއީ މައީދު ނެގި މުނާގެ ފޮޓޯއެކެވެ. މުނާގެ އުފަންދުވަސް ފާހަގަ ކުރަން ބޭއްވި ކުޑަކުޑަ ޕާޓީގެ ތެރެއިން ކުރަހައިލެވުނު މަންޒަރެކެވެ. މުނާގެ ޖާދުވީ ހިނިތުންވުމެވެ. އެ ހިނިތުންވުމުގެ ބޭނުމުގައި ދުނިޔެ ފަތަހަކުރަން ޖެހިދާފަދަ ބާރުގަދަ ހިނިތުން ވުމެކެވެ. މާނަހުރި، މާނަފުން އަސަރުގަދަ ހިނިތުންވުމެކެވެ. މައީދަށް ކަޅި ޖަހައިލެވުނެވެ. ހީވީ މުނާ އެސްފިޔަ ޖަހައިލިހެންނެވެ. މައީދަށް ގޮވާލިހެންނެވެ. އެއާއެކު އެ މަންޒަރުގެ ތެރެއަށް މައީދު ގެނބުނެވެ.

"ދެން ދޮންތާ... މި ދޮންތަ ވަރަށް ލާނެތްވާނެ" މާނާ ނުރުހިފައި މުނާއާ ދިމާއަށް އަތްމަޅައިލިއެވެ.

އެއީ މުނާގެ ވިހިވަނަ އުފަންދުވަހެވެ. މުނާގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ކުޑަކުޑަ ހަފުލާއެވެ. މާނާއާއި މައީދުގެ ރޭވުމެވެ. މުނާއާ ސިއްރުން ބޭއްވި ކުއްލިސިހުމެވެ. ޕާޓީއެކެވެ. ރަށުގެ ތުނޑީގައެވެ. މުނާ ހުރީ ހިތްހަމަ ޖެހިފައެވެ. އެހައިމެ މަޖާ ވެސް ވެފައެވެ. މާނާ އޭނާގެ މޫނުގައި ކޭކު އުނގުޅުމުންނެވެ. މުނާ ވެސް މާނާގެ މޫނުގައި ކޭކު އުނގުޅަން އުޅުނެވެ. މައީދު ހުރީ އެ މަންޒަރުތައް ފުރޭމުކުރާށެވެ. ދޭތެރެއަކުން މައީދު އެ ދެމީހުންގެ ސަކަރާތުގައި ބައިވެރިވެލައެވެ.
މައީދަށް ބަލައިލެވުނީ އޭނާއަށް ނެގުނު މުނާގެ ފޮޓޯއަށެވެ. ކަޅި ޖަހައި ނުލައި ކެމެރާގެ ޑިސްޕްލޭއިން އެ ފޮޓޯއަށް ބަލަން ހުއްޓެވެ.
"މައީ.. މައީ ކިހިނެއްވީ؟ އަނެއްކާ ޖިންނިއެއްގެ ފޮޓޯއެއް ނެގުނީތަ؟ އިރުއޮއްސޭ ގަޑިވީމަ ޖިންނިތައް މިތަނަށް ފޭބީތަ މިހާރު؟" ދިހަވަރަކަށް ފޫޓު ދުރުގައި ހުރި މާނާ މަޖާ ރާގެއްގައި ބުނެލިއެވެ.

މާނާ ހެމުންހެމުން މައީދާ ދިމާކޮށްލިއެވެ. އޭރު ވެސް މުނާ އުޅުނީ މާނާގެ މޫނުގައި ކޭކު އުނގުޅޭތޯއެވެ.
"އާން ވަރަށް ބައިވަރު ޖިންނި އެބައުޅޭ ތި ތަނުގައި. އާދެބަލަ ދައްކާނަން،" މައީދު ވެސް މާނާއަށް އިވޭ ވަރަށް ބާރަށް ބުނެލިއެވެ. "ވަރަށް ބިރުވެރިއޭ."
"ދައްކަބަލަ" މާނާ ދުވެފައި މައީދުގެ ގާތަށް އައެވެ.

"ސަޅިދޯ،" މާނާއަށް ކެމެރާގެ ޑިސްޕްލޭ މައީދު ދައްކައިލިއެވެ. "ކިހައި ކިއުޓު. ކިހައި ލޯބި ހިނިތުންވުމެއް."
"ވާވް ވަރަށް ލޯބި. ވަރަށް ޗާލު،" މާނާ ވެސް ހައިރާންވިއެވެ. "ހާދަ މާނަފުނޭދޯ. މި ފޮޓޯ ވާނެ ފުރޭމްކޮށްލަން. އަޅޭ އަހަރެންގެ ވެސް ތިހާ ރީތި ފޮޓޯއެއް ނަގައިދީބަލަ."

އޭރު މުނާ އައިސް މާނާއާ ހަމަ ވަނީއެވެ.
"މިކަހަލަ ފޮޓޯ ނަގާނެ މީހަކު ޖެހޭނީ ހޯދަންދޯން. އަހަންނަށް ނެގޭނީ އަހަރެންގެ ލޯބިގަނޑުގެ ލޯބިލޯބި ފޮޓޯތައް ދޯ މުންނޫ" މައީދު މުނާގެ ގައިގައި އޮޅުލައިގަތެވެ.
މާނާ ނެގިމަޑުވިއެވެ. ހިނިތުންވުމުން ބަރުހެލިވެފައިވާ މޫނުމަތީގައި ހުރި ހިނިތުންވުން އެ މައުސޫމު މޫނުން ފުންމައިލިއެވެ. މާނާ ފެންކަޅިވިއެވެ. އެއާއެކު އޭނާ އެނބުރިލިއެވެ.

"އޭ އިރު އޮސްފުހެނީ. ހިނގާ ގެއަށްދަމާ،" މުނާ ބަލައިލީ މާނާއާ ދިމާއަށެވެ. "މަންމަ ހުންނާނެ ލަސްވެފަ. މިހާރު މިކަން ވެސް މި ނިމުނީނު. ދެން ތިކޮޅަށް ނުގޮސް މިކޮޅަށް އާދޭ."

މާނާ ފަސްއެނބުރި ބަލައިލިއެވެ. މުނާގެ އަތްއޮތީ މައީދުގެ އަތްދަނޑީގެ ތެރެއަށްލައިފައެވެ. އެ ދެ މީހުން ތިބީ ފިތިބާރުވެފައެވެ. މާނާއަށް އުނދަގޫވިއެވެ. އެ މަންޒަރު ބަލާށެވެ. އޭނާގެ ސިކުނޑީގައި އެނބުރިގަތީ މައީދުގެ ޖުމުލަތަކެވެ. އެ ޖުމުލަތައް އެކި ގޮތްގޮތަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެކި ރާގުރާގަށް ބަދަލުވަމުންނެވެ.

"ދޮންތަ މަޑުކޮށްލާ، މިއަންނަނީ ފައިވާނާއި ދަބަސް ހިފައިގެން." މާނާ ހިނިތުންވެލިއެވެ.
މާނާގެ ހިތުގައި ރޭވެމުން ދިޔަ ފިކުރުތަކަށް އަމަލީ ސިފައެއް ގެންނަން އޭނާ ބޭނުންވިއެވެ. ލަސްކުރުމަކީ އޭނާގެ މިޒާޖެއް ނޫނެވެ. ވަގުތުން ގޮތް ނިންމުމަކީ އޭނާ ތާއިދުކުރާ ފަލްސަފާއެވެ. އޭނާގެ މިޒާޖެވެ. ކޮނޑުގައި ދަބަސް އެލުވައިލަމުން މާނާ ހިނިތުންވެލިއެވެ.

"މިފަހަރު ގޮތް ދައްކައިލާނަން. ހުރެބަލަ. މަ ބަލާނަން މަށާ ދިމާއަށް އެހެން ބުނެފަ މޮޅެއް ލިބިދާނެތޯ" އަމިއްލަ ނަފުސަށް އިވޭ ވަރަށް މަޑުމަޑުން، މާނާ ބުނެލިއެވެ.
މާނާގެ އިންތިޒާރުގައި މުނާއާއި މައީދު ތިއްބެވެ. މާނާގެ ހަރަކާތްތަކަށް ބަލާށެވެ. މާނާ ބަލައިލީ އެ ދެ މީހުންނަށެވެ. އޭނާ ޔަގީންކޮށްލީ މުނާއާއި މައީދު އޭނާއަށް ސަމާލުކަން ދޭތޯއެވެ.

ކުއްލިއަކަށް މާނާގެ ފަޔަށް ގޮތެއް ހަދައިލިއެވެ. އެއާއެކު އޭނާ އަރިއަޅައިލިއެވެ. މާނާ ވެއްޓުނެވެ. މުނާއަށް ދުއްވާގަނެވުނެވެ. ފަހަތުން މައީދު ވެސް އަޔެވެ.
"ފައި ފަށްވީ. ވަރަށް ތަދުވޭއެބަ." ކަނާއަތު ފައިގެ ކުޑަހުޅުގައި އަތްއަޅައިގެން އޮވެ މާނާ ރޯންފެށިއެވެ.

"ތުނޑީގެ ފަސްގަނޑަކަށް ސައިކަލެއް ވެސް ނުވެއްދޭނެ. އެހެން ނޫނަސް އަހަރެން މިއައީ ވެސް ސައިކަލް ތިގޭ ކައިރި ބަހައްޓާފައި. ދެން ކިހިނެއް ހަނދާނީ؟" މައީދު ބޯ ކަހައިލިއެވެ.

"ކޮއްކޮއަކަށް ނުހިނޭގެނެތަ؟، ވަރަށް ތަދުވޭތަ؟" މުނާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

"އާނ. އަހަންނަކަށް ނުހިނގޭނެ. ވަރަށް ތަދުވޭ އެބަ. ކޮއްކޮމެންދޭ ގޭ ދޮށަށް ގޮސް މީހުން ގޮވައިގެން އަންނަން. އަހަރެން އިންނާނަން" ރޮމުންރޮމުން މާނާ ބުނެލިއެވެ.
"މައީ ކޮއްކޮ ހިއްލައިލައިގެން މައީއަށް ގެންދެވޭނެތަ؟" މުނާ ބަލައިލީ މައީދުގެ މޫނަށެވެ.

"ކީއްވެ ނުކެރެންވީ؟ މުންނީ ބުނެފިނަމަ ދުނިޔެ ވެސް ހިއްލައިލަފާނަން" މައީދު ގުދުވެލަމުން މާނާ ހިއްލައިލިއެވެ.
މާނާ މަޑުމަޑުން މައީދުގެ މޭގައި ބޯ ޖައްސައިލިއެވެ. މުނާ މައިދުގެ އަތްދަނޑީގައި ހިފައިލިއެވެ.


(ނުނިމޭ)
ހިޔާލު

ބޯހަލާކު

ގެންދާނީ ހިއްލައިގެންތަ ނުވަތަ އުފުލައިގެންތަ؟