Ebbasvunthah efuh mifushah jehumun libunu gellun ethah billion dollar ehga!
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސާޔާ އަހްމަދު
1 ކޮމެންޓް
 

އެއްބަސްވުންތައް "އެފުށް މިފުށަށް" ޖެހުމުން ލިބުނު ގެއްލުން އެތައް ބިލިއަން ޑޮލަރަށް އަރާ: ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެގްރީމަންޓުތައް އެފުށް މިފުށަށް ޖެހުމުން މިހާރު ވެސް ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަން ޑޮލަރަކަށް އަރާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒިންމާދާރު ކަމެއް ނެތި އެގްރީމަންޓުތައް އުވާލުމުން ލިބިފައިވާ މާލީ ގެއްލުން އެހާ ބޮޑުއިރު، އަނެއްކާވެސް އެގްރީމަންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ ސަބަބެއް ކަމުގަ އެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި ޒިންމާދާރު ކަމެއް ނެތި އެގްރީމަންޓުތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަކަށް އަރާފައިވާއިރު، ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި، އަނެއްކާ ވެސް އެގްރީމަންޓުތައް އެފުށް މިފުށަށް ޖަހަން ވިދާޅުވުމަަކީ، ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅަށް ވެރިކަމުގެ ބާރުތައް ލިބޭ ދުވަހަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ އެގްރިމެންޓުތައް ބަދަލު ކުރާނެ "އެފުށް މިފުށަށް" ޖައްސަވާނޭ ކަމަށެވެ.

"މާތް ﷲ ގެ ރަހުމަތާ އެކު ސަރުކާރު ބަދަލުވެއްޖެ ނަމަ ނުވަތަ އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެ ނަމަ މި ހުރިހާ އެގްރިމަންޓެއް އެފުށް މިފުށަށް ޖަހާނަން،" ސަރުކާރާއި ދެކޮޅަށް ވަރަށް ފޯރީގައި އަޑު އުފުއްލަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވެފައިވާއިރު ،އިއްޔެ މެންދުރު އޮތް ނޫސް ކޮންފެރެންސެއްގައި ރައީސް ސޯލިހު ވަނީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ގާނޫނުގެ ބޭރުން އުވާލުމުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި އެކަމުގެ ޒިންމާ އުފުލަންޖެހޭ މީހުންނާމެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ގާނޫނާއި ގަވައިދާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުތަކާއި އާބިޓްރޭޝަނުން މައްސަލަތަކުގައި ކާމިޔާބުނުވުމުން ދައުލަތުން ދައްކަން ޖެހިފައިވާ އަދި ދައްކަން ޖެހިދާނެ ކަމަށް ބެލެވޭ ފައިސާގެ އަދަދުތަކުގެ ވަރަށް ބޮޑު ކަމަށެވެ.

އެއްބަސްވުންތައް "އެފުށް މިފުށަށް" ޖެހުމުން ވެފައިވާ ގެއްލުން

ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުން ނިންމި މައްސަލަތަކުގައި މިހާތަނަށް 882 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަދި 216 މިލިއަން ރުފިޔާގެ މައްސަލަ އޮތީ ނުނިމި އެވެ.

އާބިޓްރޭޝަނުން ނިންމި މައްސަލަތައް 17.89 މިލިއަން ޑޮލަރު މިހާތަނަށް ދައްކަން ޖެހޭއިރު އަދިވެސް 350 މިލިއަން ޑޮލަރުގެ މައްސަލަ ބާކީ އެބަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުން ނަމަ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކުރީގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދިވެހި ދައުލަތުން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭން މަޖުބޫރުވުން އެކަށީގެންވެ އެވެ.

"މިއިން ގިނަ އެއްޗިއްސަކީ ލޯޔަރުން އަޅުގަނޑުމެންނަށް އެ ލަފާ ދެނީ ސަރުކާރަށް ގެއްލޭނެ އެއްޗިއްސޭ. ވިން ނުކުރެވޭނެ އެއްޗިއްސޭ. އެ ހިސާބުގައި ހުރީ،" ރައީސް ސޯލިހުގެ ކަންބޮޑުވުން ރައްޔިތުންނާ އިއްޔެ ހިއްސާ ކުރެއްވި އެވެ.

އެމަނިކުފަނު ވިދާޅުވީ އިންސާފު ހޯދާ ދޭނެ ކަމަށް ވީ ވައުދުގެ ތެރެއިން އެއްބަސްވުންތައް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހިފައިވާއިރު ވަރަށް މުހިއްމު ކަމަކާ މެދު ވިސްނަންޖެހިވަޑައިގަންނަވަ އެވެ.

"މިކަން ކުރި ބަޔަކާ ދޭތެރޭ ކިހިނެއްތޯ ހަދާނީ. ހަމަ ކޯޓުތަކަށް ގޮސްގެން ވެސް، އާބިޓްރޭޝަނަށް ގޮސްގެން ވެސް، ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ، ތިމަންނަމެން އެކަން ކުރީ، ގާނޫނާ ހިލާފަށޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވީ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސާއެކު ހަދާފައި އޮތް އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާތަކެއް ދޭން ޖެހިދާނެ ކަމަށް ބެލެވޭ މައްސަލަ އެވެ.

"ނޫމަޑި މައްސަލާގައި ވެސް ސިންގަޕޯ އާބިޓްރޭޝަން، ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ތިމަންނަމެން އެ އެގްރީމެންޓު އުވާލީ ގާނޫނާ ހިލާފަށޭ، އުސޫލުން ބޭރުންނޭ. އޭގެ ބަދަލުގައި އެމީހުން އެ ކްލެއިމް ކުރަނީ 350 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.

ނޫމަޑި އެއްބަސްވުން އުވާލުމުގައި ދޮގު ހެދި ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ އެ ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށްދާ އާބިޓްރޭޝަނަށް ދިން ބަޔާނެއްގަ އެވެ. އެގޮތުން 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެގެން ނޫން ކަމަށާއި، އެކަން ކުރީ ސީދާ ރައީސް ޔާމީނުގެ އެންގުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފަދަ ގިނަ މައްސަލަތަކެއް ހުރިއިރު، ދިވެހި ސަރުކާރަށް އެ މައްސަލަތައް "ވިން" ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެދެނީ ސަރުކާރަށް މި ވިން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ، ދެން އޭގަ މި ދާން ޖެހެނީ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް. ދާއިރުގައި އަޅުގަނޑމުން ވަކި ބަޔަކަށް އެހީވީ ކަމަށް، ވަކި ބަޔަކަށް ލާރިތަކެއް ދިނީ ކަމަށް މި ނިންމަނީ. އެކަމަކު މިއީ އެއް ނޫން އަސްލު އިނގޭތޯ. ކަންކަން ވަމުންދާ ގޮތް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.

އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވައިދާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ސަބަބުން، މި ސަރުކާރަށް ވަނީ ބޮޑު މާލީ ބުރައެއް އުފުލަން ޖެހިފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަތަކަށް ބަލާއިރު، ދައުލަތަށް ބޮޑު މާލީ ގެއްލުން ލިބޭނެހެން އެއްބަސްވުންތައް އުވާލި ފަރާތްތައް ޖަވާބުދާރީކޮށް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށް ބެލެވެ އެވެ. އެއީ އެމީހުންގެ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައި ވާތީ އެވެ.
ހިޔާލު

ހަރާން

އަވަހައް ޔާމީންނުގެ ވިއްކާލާންވި ރަތްޔިތުންގެ ހައްގުހޯދަން