School kudhinge naasthaa ah ithuru MVR 34 million
image
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
0 ކޮމެންޓް
 

ސްކޫލު ކުދިންގެ ނާސްތާ ރަނގަޅުކުރަން އިތުރު 34 މިލިއަން ރުފިޔާ ކަނޑައަޅައިފި

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމަށް ހިންގަމުންދާ ޕްރޮގްރާމަށް އިތުރު 34 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ނާސްތާ ޕްރޮގްރާމަށް ކުރަން ޖެހޭ ހަރަދު ބޮޑުވެފައި ވަނީ ދަރިވަރުންނަށް ދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމަށް ކަމަށާއި އެގޮތުން ކުރިން 150 މިލިޔަން ރުފިޔާ ކަނޑައެޅި އެ ޕްރޮގްރާމަށް މިހާރު 184 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު ރާއްޖޭގެ 213 ސްކޫލަށް ހެނދުނުގެ ނާސްތާ ދޭން ފެށުނުއިރު އެ ސްކޫލުތަކުގައި 70،000 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

އަޖުމަ ބެލުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގައި ވަނީ އަތޮޅު ތެރެއާއި މާލޭގެ ސްކޫލުތައް ހިމެނޭހެން 25 ސްކޫލަކަށް ކިޔަވަން އަންނަ 14720 ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދީފަ އެވެ.

އެ ޕްރޮގްރާމު އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވަނީ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް 35 ރަށެއްގައި 245 ކްލާސްރޫމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި 21 މަލްޓި ޕާޕަސް ހޯލް މި އަހަރު ބައެއް ސްކޫލުތަކުގައި ތަރައްގީ ކުރައްވާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާލު