IOIG 2023 raajjeygai beyhvumuge bodu ummeedheh
image
އައިއޯއަޖީ ވަފުދާއެކު ބޭއްވި ނޫސް ކޮންފެރެންސްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމުގެ ބޮޑު އުއްމީދެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބުވުން ގާތް ކަމަށް ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ބުނެފި އެވެ.
މި އަހަރުގެ ގޭމްސް ބޭއްވުމަށް 2015 ވަނަ އަހަރު ޝައުޤުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އެކި ސަބަބުތަކާހުރެ ކުރިޔަށްދާ ގޮތެއް ނުވި އެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން 2023 ވަނަ އަހަރު އޮންނަ އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ސަރުކާރަށް ދެންނެވުމާއެކު އެކަމަށް ތާއީދުކޮށް ކުޅިވަރުގެ ހުރިހާ ދާއިރާއަކަށް މި މަސައްކަތް ކުރުމަށް ވަނީ ދަންނަވާފަ އެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއް ވައުދެކެވެ.

ފާއިތުވި ދެ ދުވަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ވަފުދެއް ރާއްޖެ ޒިޔާރަތް ކުރައްވައި ރާއްޖޭގެ ހުރިހާ ވަސީލަތްތަކެއް ބަލައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަނީ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން ކުޅިވަރުގެ މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތައް ވެސް ވަނީ ބައްލަވާފައެވެ.

ރޭ ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ގޭމްސްގެ ރައީސް ގޯޕާލް ވިދާޅުވީ ހުރިހާ އެންމެން ގުޅިގެން ރާއްޖޭގައި ގޭމްސް ބާއްވަން ބޭނުންވެފައި ތިބި މިންވަރާއި ސަރުކާރުގެ އޮލިމްޕިކް ކޮމިޓީ އެކުގައި ފެނުމަކީ އުފާ ކުރާ ކަމެއް ކަމަށާއި ކުޅިވަރަށް ދޭ ސަމާލުކަން ފެނިގެންދިއުމުން ރާއްޖެއާއި މެދު ކުރާ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން ކޮމޮރޯސް އަދި މަޑަގަސްކާ އިން 2023 ވަނަ އަހަރު ގޭމްސް ބާއްވަން ބިޑްކޮށްފާވާއިރު ޤައުމެއް ކަނޑައަޅަން ހިޔާލުކުރަނީ މޮރިޝަސްގައި މި މަހުގެ 19 ވަނަ ދުވަހު ފަށާ އައިއޯއިޖީގެ ނިންމުމުގެ ރަސްމިއްޔާތާ ގާތްކޮށް ކަމަށް ގޯޕާލް ވިދާޅުވި އެވެ.

''އަހަރެމެންގެ އުންމީދުތައް އޮތީ ރާއްޖެއާއެކު. އެކަމަކު ވަކި ގައުމެއްގެ ކޮޅަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން،'' ގޯޕާލް ވިދާޅުވި އެވެެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ ގޭމްސް ބޭއްވުމަށް ސަރުކާރުގެ ޝައުގުވެެރިކަން ހުރި މިންވަރު ގޭމްސްގެ ޑެލިގޭޝަނާއި ހިއްސާ ކޮށްފައިވާނޭ ކަމަށެވެ. މަހުލޫފު ވިދާޅުވީ މިފަދަ ގޭމްސް އެއް ބޭއްވޭނެ އިންފްރާސްޓްރަކްޗާ ޕްލޭން ޑެލިގޭޝަނަށް ހިއްސާކުރެވިފައި ވާނެ ކަމަށެވެ.
ހިޔާލު