Dhivehi Rayyithukamah midhiya aharu 5 Bidheysee aku edhifaivey
image
ޖުމްހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް-- ފޮޓޯ: މުހައްމަދު ޝަރުހާން
0 ކޮމެންޓް
 

ދިވެހި ރައްޔިތުކަމަށް ފަސް ބިދޭސީއަކު އެދިފައިވޭ

ސިޓިޒެންޝިޕް ގާނޫނުގެ ދަށުން މިިދިޔަ އަހަރު ފަސް ބިދޭސީއަކު ދިވެހި ރައްޔިތުކަން ބޭނުންވެގެން އެކަމަށް އެދި ހުށަހަޅައިފި އެވެ.
އެކަމަށް އެދިފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހެއްގެ އިތުރުން ޖޯޑަން އަދި ސްރީލަންކާ އަށް ނިސްބަތްވާ ދެ މީހެކެވެ.

ދިވެހި ރައްޔިތު ކަމަށް އެދޭ މީހާއަކީ ސިޓިޒެންޝިޕް ގާނޫނުގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވާ މީހެއް ނަމަ އެމީހަކަށް އެކަން ލިޔުމުން ފޮރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އޮވެއެވެ.

އެ ގާނޫނުގައިވާ ގޮތުން އެކަމަށް އެދޭ މީހާއަކީ މުސްލިމަކަށް ވުމުގެ އިތުރުން ރާއްޖޭގައި މެދުނުކެނޑި އުޅޭތާ 12 އަހަރުވެފައިވާ މީހަކަށް ވާން ޖެހެއެވެ.

އެ މުއްދަތުގައި އެހެން ގައުމަކަށް ދިޔަ ނަމަވެސް ހަ މަހަށް ވުރެ ދިގު މުއްދަތެއް އެހެން ގައުމެއްގައި އުޅެގެން ނުވާނެ ކަމަށް ވެސް އެގާނޫނުގައި ބުނެއެވެ.

އޭގެ އިތުރުން އެމީހަކީ ދިވެހި އިނގޭ މީހަކަށްވުމުގެ އިތުރުން ކުށެއްގެ އަދަބު ތަންފީޒު ކޮށްފައި ނުވާ މީހަކަށް ވެސް ވާން ޖެހެއެވެ.

އެ ގާނޫނުގައި ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރެއް ބެލުމަށް އެކަމަށް އެދޭ މީހުންނަށް އިމްތިހާނެއް ވެސް ހަވާލު ކުރެއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުގެ މިދިޔަ އަހަރު އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ދިވެހި ރައްޔިތު ކަމަށް އެދުނު މީހުންގެ ތެރެއިން އެ އިމްތިހާނުން ފާސްވީ އެންމެ ބިދޭސީއެކެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ހަބީބު ރަހުމާން މުހައްމަދު ހަނީފެވެ.

އެ އިމްތިހާނުން ފާސްވެއްޖެނަމަ އެމީހަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ އިހްތިޔާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ދިވެހި ރައްޔިތު ކަމަށް އެދުމުގެ ފުރުސަތު ބިދޭސީންނަށް އޮންނައިރު ދިވެއްސަކު ބޭނުންވެއްޖެ ނަމަ އެމީހުންނަށް އެހެން ގައުމެއްގެ ރަށްވެހިކަން ހޯދުމުގެ ފުރުސަތު ސިޓިޒެންޝިޕް ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ލިބެއެވެ.
ހިޔާލު