Efun mifushah jahan raiyyithun furusathu dheynetha!
image
ހުކުރު ވިލޭރޭ ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި އެއްވުމުގެ ތެރެއިން--
0 ކޮމެންޓް
 

"އެފުށް މިފުށަށް" ޖަހަން ރައްޔިތުން ފުރުސަތު ދޭނެތަ!

އެއްވެ އުޅުމަށް ޖޯކް ޖައްސަވާ، އެއްވާން ބޭނުމިއްޔާ "ހައްޖަށް" ދާންވީ ނޫންހޭ ވިދާޅުވެ، ރައްޔިތުންނަށް މަލާމާތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކަށް އެއްވެ އުޅުމުގެ އު ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވީ އެއްވެސް ޖެހިލުމެއް ނެތި އެވެ.
އެއްވުން ބޭއްވުމަށް ކާނިވާ ސަރަހައްދު، ސަރުކާރުން ދޭނެކަން، އެނގި ތިބެ، ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓައި، އެ އެއްވުން ބޭއްވުމުގެ ފުރުސަތު ނުދީފި ނަމަ ސަރުކާރަށް އިންޒާރުތައް ދިޔައީ ދެމުންނެވެ. އަސްލުވީ ގޮތަކީ އެއްވުމެއް ނުބާއްވާތާ ގިނަ ދުވަސްވާތީ، އިދިކޮޅު ބައެއް ފަރާތްތަކުން ތިބީ ކުޑަކޮށް ހިތްމަހަމަ ނުޖެހިފަ އެވެ. އެހެންވެ، އެ ފަރާތްތައް ހިތްހަމަ ޖައްސާ ދިނުމަށް ކޮންމެހެން ވެސް އެއްވުމެއް ބާއްވަން ޖެހެއެވެ. އެއްވުމެއް ބޭއްވިޔަސް ކާނިވާ ސަރަހައްދު ފަޅުފިލާވަރާ ގާތަށް ވެސް މީހުން ނުދާނެކަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސްވެރިންނަށް އެނގޭތީ، ދެން ބެލީ އެއްވުމުގެ ހުއްދައަށް އެދުމަށްފަހު، އެ ހުއްދަ ސަރުކާރުން ނުދީ ހިފެހެއްޓޭނެ ގޮތެކެވެ. އެހެންކަމުން ގަދަބަސް ބުނަމުން ސަރުކާރަށް އިންޒާރުދެމުން ދިޔައިރު ވެސް، ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ ސައިޒް އެނގޭތީ، އެއްވެސް ޖެހިލުމެއް ނެތި، އެއްވާން ބޭނުންވާތަން ދިނެވެ.

އެއްވާނެ ތަނާއި ސެކިއުރިޓީ ހަމަޖައްސައި ދިނުމުން ވެސް، އިދިކޮޅު ފަރާތްތަކަށް ކާނިވާ ސަރަހައްދު ފަޅުފިލާވަރާ ގާތަށް ވެސް މީހުން އެއްކޮށެއް ނުލެވުނެވެ.

އިދިކޮޅު ފަރާތްތަކުން އެއްވުމަށް ގޮވާލުމުން މީހުން ނުނިކުތުމަކީ އެއީ ސަރުކާރުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ އިދިކޮޅު ލީޑަޝިޕްގައި އެވަރުގެ ގާބިލުކަމެއް ނެތުމެވެ.

މިހިސާބުން، އެ އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ބައެއް ވާހަކަތަކަށް ބަލާލާނަމެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފޮރުވައިގެން ގެންގުޅުމަކީ ގާނޫނީ ގޮތުން މި ސަރުކާރުން ކުރަމުން ގެންދާ ވަރަށް ބޮޑު ކުށެއް ކަމަށާއި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ލުތުފީ އަމިއްލައަށް އެމްބަސީއަށް ދިއުމުން ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގައި ދަށުގައި ހުރިކަން އެނގިހުރެ، ވީއައިޕީ ފެންވަރުގައި، ލުތުފީއަށް ހިދުމަތް ދެމުންދާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ މިވަގުތަށް އެވާހަކަ ދައްކައިގެން ރައްޔިތުންގެ މެދުގައި ސަރުކާރަށް ނަފްރަތު އެފެއްދުމުގެ ބޭނުމުގަ އެވެ.

ލުތުފީ ހުރީ އެމްބަސީގައި ނޫން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ސްރީލަންކާއިން ނިންމަން ޖެހޭ ނިންމުންތަށް ނިންމައި، ލަންކާ އެޓާނީ ޖެނެރަލްގެ ލިޔުމެއް ލިބުނުހާ އަވަހަކަށް ރާއްޖެ ގެނެސް، ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށް، އަދި ލުތުފީއާ ގުޅޭ ވަރަށް ގިނަ ސުވާލުތަކެއް ނޫސްވެރިން ރައީސް ސޯލިހާ އަމާޒު ކުރެއްވިއިރު ވެސް އެއްވެސް ފޮރުވުމެއް ނެތި، ކަން ހިނގި ގޮތާއި މިހާރު ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ވަނީ ވަރަށް ތަފްސީލުކޮށް، ރައްޔިތުންނަށް ހާމަކޮށްދެއްވާފަ އެވެ. އެހެންވީމާ، ލުތުފީގެ ވާހަކަ ދައްކައިގެން އިދިކޮޅު ފަރާތްތަކަށް ދެން "ކެއްކޭނެ ރިހައެއް" ނެތެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު އެ ސަރުކާރުން އެއް ލައްކައަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ލިބިފައިވާ ކަމަށް ވިދާޅުވިއިރު، ޒުވާނުން ވަޒީފާ ނުލިބިގެން މިއުޅޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އެހާ ގިނަ އަދަދެއްގެ ވަޒީފާ ޒުވާނުންނަށް ލިބުނު ކަމުގައި ވިއަސް މި ސަރުކާރުން ޒުވާނުންނަށް ވަޒީފާ ނުލިބޭ ކަމަށާއި އަދި ވަޒީފާ ލިބެނީ ވަކި ކުލައެއްގެ ބަޔަކަށް ކަމަށް ވިދާޅުވިއިރު ހަމަޖެހޭ ގޮތަކަށް ވިދާޅުވި ނަމަވެސް ރަނގަޅެވެ. އެނގޭ އެއްޗަކީ ރައީސް ޔާމީންގެ ސަރުކާރުން އެއް ލައްކަ ޒުވާނުންވަށް ވަޒީފާ ދީފައިވާނަމަ، ރައީސް ސޯލިހުގެ ސަރުކާރުން ޒުވާނަކަށް ދޭނެ ވަޒީފާއެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި ވަކި ކުލައަކަށް ވަޒީފާ ދެނިއްޔޭ ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަން ހިންގި ބައެއް ބޭފުޅުން މިހާރު ވެސް ތިބީ ރައީސް ސޯލިހުގެ ސަރުކާރުގަ އެވެ. އެމީހުން ވަޒީފާއިން ވަކި ނުކޮށްގެން ރައީސް ސޯލިހުގެ ސަރުކާރަށް ވެސް ވަރަށް "ޕްރެޝަރު" ބޮޑެވެ. ގިނަ މިނިވަން މުއައްސަސާތަކުގައި ވެސް އަދި ތިއްބެވި ރައީސް ޔާމީންގެ ކޮރަޕްޓް ސަރުކާރުގެ ބައިވެރިންނެވެ.

އެއްލައްކަ ޒުވާނުންނަށް ވަޒީފާ އިތުރުކޮށްފައިވާ ކަމަށް ބުނާއިރު، ވަޒީފާ އިތުރުވި އަދަދު ރައީސް ޔާމީންގެ ސަރުކާރުގެ ދެ މިނިސްޓަރަކު އެއް އަދަދެއް ވިދާޅުވެފައެއް ނުވެއެވެ. އެއް މިނިސްޓަރަކު 60،000 ވަޒީފާ އުފައްދާފައިވާ ކަމަށް ވިދާޅުވިއިރު، އަނެއް މިނިސްޓަރު 70،000 ވަޒީފާ އުފައްދާފައިވާ ކަމަށް ވިދާޅުވެދާނެ އެވެ. ވެރިކަން ނިމެންދަނިކޮށް 76،000 ވަޒީފާ އުފައްދާފައިވާ ކަމަށް ވިދާޅުވެފައިވާއިރު، މިހާރު އެ ވިދާޅުވަނީ އެއްލައްކަ ޒުވާނުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.

ޖުޑީޝަރީގެ ބާރުތައް ޖުޑީޝަރީން ބީވެގެން ދިއުމަކީ އެއް ގޮތަކަށް ވެސް ހިތްހަމަޖައްސައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މުޅި ޖުޑީޝަރީ ކީއްކުރަން ހެއްޔެވެ. މުޅި ދައުލަތުގެ ނިޒާމުގެ އޮޅުން ބޮޑުކޮށް، ގަޑުބަޑު ކޮށްލީ ކޮން ސަރުކާރަކުން ކަމާމެދު ރައްޔިތުން ސުވާލެއް ނުއުފައްދަ އެވެ.

ރާއްޖޭގެ ކޯޓުތަކުގެ ބާރު ކަނޑުވާލީ ވެސް ރައީސް ޔާމީންގެ ސަރުކާރުންނެވެ. ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދާ، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް ޖަލަށްލައި، މުޅި ޖުޑީޝަރީ "އެފުށް މިފުށަށް" ޖެއްސެވީ ވެސް ހަމަ ރައީސް ޔާމީން ނޫން ތޯ އެވެ.

ރައީސް ޔާމީން އެވެ. ރައީސް ސޯލިހުގެ ސަރުކާރުން އެދަނީ މަނިކުފާނާއި ސަރުކާރުން ޖުޑީޝަރީ ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާށެވެ. އެކަމާ ކޮންމެހެން ދެރަފުޅުވާނެ ކަމެއް ނެތެވެ. ޖުޑީޝަރީގެ ބާރުތައް އަލުން ގާއިމުކޮށް، ގާނޫނުތަކަށް ގެންނަޖެހޭ ބަދަލުތައް އެދަނީ ގެންނަމުންނެވެ. ކޮންމެހެން، ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް އަމުރުތައް ނެރުމަށް ގޮވާލައްވާނެ ކަމެއް ނެތެވެ.

ވެރިކަމުގެ ބާރު މިހާރުގެ އިދިކޮޅު ފަރާތްތަކަށް ލިބޭ ދުވަހަކުން ރައީސް ސޯލިހު ސަރުކާރުން ހަދާފައިވާ އެގްރިމެންޓުތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު ލަދު ހަޔާތުގެ ކަންފުޅެއް ވެސް ހަމަނެތީ ތޯއެވެ. އެއްވެސް ވަރެއްގެ ސިޔާސީ ވިސްނުމެއް ހުރި، އަމުދުން ސިޔާސީ ލީޑަރުން ދައްކާ ޒާތުގެ ވާހަކައެއް ވެސް ނޫނެވެ. އަދި އަމުދުން ދުނިޔޭގައި ނެތް ފެންވަރުގެ އިގްތިސާދީ މާހިރަކަށްވެ ހުންނަވާ ދައްކަން ހެޔޮނުވާ ވަރުގެ ވާހަކަ އެކެވެ. ދުވަހަކު ވެސް ވެރިކަމަށް އަންނަން ހިތުލައިގެން ހުރި މީހަކު ދައްކާނެ ފަދަ ވާހަކައެއް ވެސް ނޫނެވެ. ލިބުނު ފުރުސަތުގައި ވެރިކަން ކުރެއްވީ ވެސް މުޅި ދައުލަތުގެ ތިޖޫރީ އަމިއްލަފުޅު ގެއަށް ވައްދައިގެންނެވެ. އަމިއްލަފުޅު ބޭންކު އެކައުންޓަށް ބިލިއަނުން ފައިސާ ޖަމާކޮށް، މުޅި ދައުލަތް ލޫޓުވާލިއިރު، އަދިވެސް ތިޔައުޅުއްވަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަންތޯ އެވެ.

ރައީސް ޔާމީން އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި ވެސް އެންމެ އަޑީގައި ހުންނެވީ މަނިކުފާނު ނޫންތޯ އެވެ. ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. ވަހީދު ހަސަންމަނިކުގެ ސަރުކާރަކީ މަނިކުފާނުގެ ފުރިހަމަ ބާރު ހިނގި ސަރުކާރެއް ނޫންތޯ އެވެ. އެސަރުކާރާއި މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު، ތިޔަވިދާޅުވި ގޮތަށް އެއްބަސްވުންތައް "އެފުއްމިފުށަށް" ޖެހުމުން ދައުލަތަށް ލިބުނު ގެއްލުން އެނގިވަޑައިގަންނަވާތޯ އެވެ. އެއާރޕޯޓް އެއްބަސްވުން ބާތިލު ކުރުމުން، އިންޑިއާގެ ޖީއެމްއާރަށް 400 މިލިއަން ޑޮލަރު ދައްކަން ޖެހުނު ނޫންތޯއެވެ. އަދި 2 މިލިއަން ޑޮލަރުގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުމުން ބާތިލު ކުރުމުން 18 މިލިއަން ޑޮލަރު ދައްކަން ޖެހުނު ނޫންތޯ އެވެ. އެއީ އާބިޓްރޭޝަނުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކުން ދައުލަތަށް ވެފައިވާ ގެއްލުންތަކެވެ.

އަދި ކޮބައިތޯއެވެ، މިހާރުވެސް އާބިޓްރޭޝަނުގައި 350 މިލިއަން ޑޮލަރު މައްސަލައެއް ކުރިއަށްދާއިރު، އެއީ މަނިކުފާނުގެ ސަރުކާރުން ބާތިލްކުރި "ނޫމަޑި" އެއްބަސްވުމެވެ. އެ އެއްބަސްވުން ބާތިލްކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް މަނިކުފާނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އެވަނީ ވިދާޅުވެފަ އެވެ. އެހެންވީމާ، އެ 350 މިލިއަން ޑޮލަރަކީވެސް ދައުލަތުން ދައްކަންޖެހޭ ފައިސާކަމަށް މިވަނީ ބެލެވިފަ އެވެ.

ދައުލަތާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލު ކުރުމުން ނުވަތަ ހިލާފުވެގެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކާ ގުޅިގެން ރައީސް ސޯލިހުގެ ސަރުކާރުން 882 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ. އަދި ކޯޓުތަކުގައި 216 މިލިއަން ރުފިޔާގެ މައްސަލަ ކުރިއަށް އެބަދެ އެވެ.

ރައީސް ޔާމީން އެވެ. އަދިވެސް ތިޔަވިދާޅުވަނީ ސަރުކާރުގެ އެއްބަސްވުންތައް "އެފުއްމިފުށަށް" ޖައްސަވާނެ ކަމަށްތޯ އެވެ. މަނިކުފާނު އެވެ. ކޮންމެހެން ދައުލަތަށާއި ރައްޔިތުންނަށް އިތުރަށް ގެއްލުން ދޭން ނުހައްދަވާށެވެ. ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންތަކެއް ދިނުމަށްފަހު، އަދި ވެސް އިތުރަށް ގެއްލުން ދޭން ވިސްނަވާނަމަ، މަނިކުފާނު މުޅި ދައުލަތް "އެފުއްމިފުށަށް" ޖަހައިގެންވިޔަސް، ތިޔަ ހޯއްދެވިގޮތަކަށް ހޯއްދަވާފައިވާ ގޯއްޗާއި، އެގޯތީގައި އިމާރާތްކުރާ 17 ބުރީގެ ގަނޑުވަރުގައި އިންނެވުމުގެ ފުރުސަތު ރައްޔިތުން ދޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
ހިޔާލު