Lanka ga maruge hukum thanfeez kurun madu jassaalaifi
image
ސްރީ ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ-- ފޮޓޯ: ނިއުސް 18
0 ކޮމެންޓް
 

ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލައިފި

މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުން މެރުމަށް ސްރީ ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ނިންމި ނިންމެވުން ތަންފީޒު ކުރުން މަޑު ޖައްސާލަން އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ލަންކާގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުން އޮކްޓޯބަރު 29 އާ ހަމައަށް މަޑު ޖައްސާލަން އަންގާ ކަމަށެވެ.

ސިރިސޭނާ ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހަކު މަރަން ތައްޔާރުވެ ވަޑައިގެންފަ އެވެ. ލަންކާގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒު ކުރީ މީގެ 40 އަހަރު ކުރިންނެވެ.

ސިރިސޭނާގެ ނިންމެވުމާ ދެކޮޅަށް ގިނަ އަދަދެއްގެ ޕެޓިޝަން ވަނީ ހަދާފަ އެވެ. އަދި އެތަނުން އެއް މައްސަލަ ވެއްދީ ސުޕްރީމް ކޯޓަށެވެ. އިތުރު ކޯޓުތަކުގައި އެކަމާ ދެކޮޅަށް 11 މައްސަލަ އެބަ އޮތެވެ.

މަރުގެ ހުކުމް ތަންފީޒު ކުރަން ސިރިސޭނާ ބޭނުންވެވަޑައިގެންނެވި ނަމަވެސް، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެކަމާ ދެކޮޅެވެ. ބޭރުގެ އެކި ގައުމުތަކުން ވަނީ ސިރިސޭނާގެ ނިންމެވުމަށް ފާޑުކިޔާފަ އެވެ.
ސްރީލަންކާ
ހިޔާލު