Shareeatheh nethi jaluga 2 aharu heydha koffavaa Yemen meehaa ge sitee eh Raees ah!
image
ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރް-- ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ޝަރީއަތެއް ނެތި ޖަލުގައި ދެ އަހަރު ހޭދަކޮށްފައިވާ ޔަމަނު މީހާގެ ސިޓީއެއް ރައީސަށް!

ޝަރީއަތެއް ކުރުމެއް ނެތި ދެ އަހަރަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރި ޔަމަނުގެ މީހާ އެންމެ ފަހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.
ޔަމަނުގެ ޔާސިރު ޔަހުޔާ ސޯލިހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ މީގެ ގާތްގަނޑަކަށް ދެހަފްތާ ކުރިން ޖޫން 26 ގައި ކަމަށް ވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ލިޔުއްވާފައިވާ ސިޓީއެއް ކަމަށް ބުނާ އެއްޗެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ޔާސިރުގެ އާއިލާގެ މެމްބަރަކު ސީއެންއެމް އަށް ބުނީ އެ ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ނަމަވެސް، ރައީީސް ސޯލިހަށް ރަސްމީކޮށް ފޮނުވާފައި ނުވާ ކަމަށެވެ. އެކަމަކު އެމައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާ ކުރުމުން، އެ ކޮމިޝަނުން އެކަން ބަލަމުންދާ ކަމަށް ބުނެފައިވާ ކަމަށް އެމީހާ ބުންޏެވެ.

އެ ސިޓީގައި ބުނެފައި ވަނީ އޭނާ ބަންދުކޮށްފައި ހުންނަ ހުޅުމާލެ ޑިޓެންޝަނު ސެންޓަރު ގާޑުން އޭނާއާ މެދު އަމަލު ކުރަމުން ދަނީ އަނިޔާވެރިކޮށް ކަމަށާއި އޭނާއަށް ލިބެން ޖެހޭ އިންސާނީ ހައްގުތަކާއި، ގާނޫނީ ހައްގުތަކުން ވެސް މަހުރޫމްކޮށްފައިވާ ކަމަށެވެ.

ޔާސިރަކީ ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. އެ ދެމަފިރިންގެ އަންހެން ދަރިއަކު ވެސް ހުރެ އެވެ. ޔާސިރް ހައްޔަރުކޮށްފައި ވަނީ އޭނާގެ އަންހެނުން ބަލިވެ އިންތާ ހަތް މަސްވެފައި ވަނިކޮށެވެ. އޭރު ޔާސިރަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގެ ޓީޗަރެކެވެ.

ޔާސިރްގެ ސިޓީގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ފެބްރުއަރީ މަހު އިމިގްރޭޝަނުން އޭނާ ހާޒިރުކޮށް އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖޭން ދިޔުމަށް އަންގާފައިވާ ކަމަށެވެ. އެއީ ކީއްވެގެންތޯ ސާފު ކުރަން އުޅުމުން، އެއްވެސް ސަބަބެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނި ކަމަށް އޭނާގެ ސިޓީގައި ވެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ފުލުހުން ވަނީ ޔާސިރް ހައްޔަރުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. އަދި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އޭނާ ބަންދު ކުރި އެވެ. ޔާސިރު ބުނީ އެތަނުގައި ބަންދުކޮށްފައި ހުންނައިރު، ޖިސްމާނީ އަދި ނަފްސާނީ ގިނަ އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން އޭނާއަށް ނުކެވޭ ފަދަ ތަކެތި ކާން ދިނުމާއި، ސިއްހީ ގޮތުން ކުރިމަތިވާ މައްސަލަތައް އިތުރަށް ގޯސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ ސިޓީގައި ތުހުމަތުކޮށްފައި ވެއެވެ.

ޔާސިރް ވަނީ އޭނާގެ ދަރިފުޅާއި އަނބިމީހާއާ ވަކިން ދެ އަހަރު ހޭދަ ކުރަން ޖެހުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޔަމަން ގައި ތިބި އޭނާގެ އާއިލާއާ މުއާސަލާތު ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އެއީ ކީއްވެތޯ ސުވާލުކޮށްފައި ވެއެވެ.

ޔާސިރް ބުނެފައި ވަނީ އޭނާ އަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ. ނަމަވެސް ކުށްވެރިއެއް ނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅާ ޝަރީއަތެއް ނުބާއްވަނީ ކީއްވެތޯ އާއި އޭނާގެ މައްޗަށް ގާނޫނާއި ގަވާއިދު ތަންފީޒް ނުކުރަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

މި މައްސަލައާ ގުޅިގެން ސީއެންއެމް އިން ފުލުހުންނަށް ގުޅާލުމުން ބުނީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޔާސިރާ މެދު ކަންތައް ކުރާ ގޮތާ ބެހޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް މި މައްސަލައާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ.

އޭގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޔާސިރު ހައްޔަރު ކޮށްފައި ވަނީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބުދުލް އަޒީޒް 2017 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި އޮތް ދުވަސްވަރުގަ އެވެ. ޔާސިރް ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ރަސްގެފާނު ސަލްމާން އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ކަމަށެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިން ދަނީ ހަނގުރާމަ ކުރަމުންނެވެ. ރާއްޖެ އަކީ އެ ހަނގުރާމައަށް އުފެއްދި އަސްކަރީ ކޯލިޝަނުގެ މެމްބަރު ގައުމެކެވެ.

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދު ކުރާ ތަންތަނުގެ ހާލަތު ބެލުމަށް އުފެއްދި ކޮމިޝަނުން ނެރުނު ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ވެސް ޔާސިރުގެ ވާހަކަ ފާހަގަކޮށްފައި ވެއެވެ.

ޔާސިރާ ބެހޭ ގޮތުން އޮޑިޓު ރިޕޯޓުގައިވާ ބައި

ހުޅުމާލެ ޖަލުގައި ބަންދުގައިހުރި ...... ރައްޔިތެއް ކަމަށްވާ ..... އޭނާ މިހާރު ކޯޓެއްގެ ކުރިމަށްޗަށް ގެންދިއުމެއް ނެތި ބަންދުގައި ހުންނަތާ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު ދީފައިނުވާ ކަމާއި އެއީ އިމިގްރޭޝަނުން ހުއްދަ ނުދީގެންކަން ކޮމިޝަނާ ހިއްސާކޮށްފައި ވެއެވެ. ބަންދުކޮށްފައި ވަނީ، ...... ޖިހާދަށް މީހުން ފޮނުވާ ކަމުގެ ތުހުމަތުގައި ކަމަށާއި، ހައްޔަރު ކުރި ސަބަބު ބުނެދީފައި ނުވާ ކަމަށާއި، ނަމަވެސް ..... ރާއްޖެ އައުމަށް މަހަކަށް ވެފައި ވަނިކޮށް އިމިގްރޭޝަނަށް ގެންގޮސް މި ބަންދު މީހާ މި ޤައުމުން ނިކުންނަން ޖެހޭ ކަމަށް ބުނި ކަމަށާއި، އަދި އެއީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި ކަމަށް ބުނެފައިވާ ކަމަށް ކޮމިޝަނަށް މަޢުލޫމާތު ދީފައި ވެއެވެ.

...... 2016 އިން 2017 އަށް ރަސްމީކޮށް ކިއަވައި ދެމުން ގެންދިއަ ކަމަށާއި، ޕާޓް ޓައިމްކޮށް އިސްލާމިކް ޔުނިވަސިޓީ ގައި ވެސް ކިއަވައިދިންކަން ކޮމިޝަނާ ޙިއްސާކޮށްފައި ވެއެވެ. ބަންދުކުރި ފަހުން ފުލުހުން ބައެއް ފޮޓޯ ދައްކައި، މިއީ ކޮން ބައެއްކަން ދަންނަންތޯ އާއި އެމީހުން ޖިހާދަށް ގޮސްފައިވޭތޯ އެހިކަން ކޮމިޝަނާ ޙިއްސާކޮށްފައި ވެއެވެ. މި ބަންދު މީހާ ވަނީ، ޕޮލިސް އާއި އިމިގްރޭޝަންގެ މުވައްޒަފުން މި މީހާ ގާތަށް ބަންދުކުރި ފަހުން އައިސްފައި ވަނީ، އެއް މަސް ފަހުން ކަމަށާއި، އޭގެ ފަހުން އެއް ފަހަރު ވެސް އައިސްފައި ނުވާ ކަމަށާއި، އަދި ޕޮލިސް ސާވިސް އާއި އިމިގްރޭޝަންގެ އެއްވެސް މުވައްޒަފަކު ނުދެކޭތާ ދެ މަސް ފާއިތުވެފައިވާކަން ކޮމިޝަނާ ޙިއްސާކޮށްފައި ވެއެވެ. މި ބަންދުމީހާ ވަނީ، ފުރައިގެން ޤައުމަށް ދިއުމަށް އޭނާ ގާތު ބުނިކަ މަށާއި، ސަލްމާނު ރަސްގެފާނު ޤަތުލުކުރަން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން، ޤައުމަށް ދިއުމަކީ މި ބަންދު މީހާއަށް ހުރި ނުރައްކަލެއް ކަމަށާއި، ސަބަބަކީ އޭނާއަކީ ޔަމަނުގެ ވެރިރަށް ޞަންޢާގެ މީހެއް ކަމަށާއި، އޭނާއަކީ ސުންނީ މުސްލިމެއް ކަމާއި، އަދި ޤައުމުގެ ވެރިކަން މިވަގުތު އޮތީ ޝިއައީ މުސްލިމުންގެ އަތްމަތީގައި ކަމަށްވެފައި، ޞަންޢާ އޮތީ އެމީހުންގެ ބާރުގެ ދަށުގައި ކަމަށް ވުމުންނާއި އަދި ދެކުނުގެ ސުންނީ ވެރިކަން މިހާރު ކުރަމުން ދަނީ ސަޢޫދީ ފަސްގަނޑުގައި ކަމުން މިޙާލަތުގައި ޤައުމަށް ދިއުމަކީ މި ބަންދުމީހާގެ ފުރާނައަށް ހުރި ނުރައްކަލެއް ކަމަށް ކޮމިޝަނަށް މަޢުލޫމާތު ދީފަ އެވެ.

މި ބަންދު މީހާ ވަނީ، އޭނާ ފޮތް ކިއުމަށް ވަރަށް ލޯބި ކުރާ ކަމާއި، ބަންދުކޮށްގެން ގެނައި ފުރަތަމަ އެއް މަސް ދުވަހުގެ ތެރޭގައި ފޮތް ގެންގުޅެވުނު ކަމަށާއި، އަދި ފޯނު ވެސް ބޭނުން ކުރެވުނު ކަމަށާއި، އަދި މަހަކު ދެ ފަހަރު ޢާއިލާގެ މީހުންނަށް ގުޅުމުގެ ފުރުޞަތުދޭ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް ޙައްޤެއް ނުލިބޭތާ މިހާރު އެތައް މަހެއް ވެއްޖެ ކަމަށާއި، އަދި މިހާރު އޭނާގެ ސަބަބުން ކަމަށް ބުނެ، މިޖަލުގައި ބަންދުގައި ތިބޭ ބިދޭސީ އެންމެންގެ މި ޙައްޤުތައް ނިގުޅައި ގަނެފައިވާކަން ވެސް ކޮމިޝަނާ ހިއްސާކޮށްފައި ވެއެވެ. މި ޖަލުގައި ތިބޭ ދިވެހި ޤައިދީންނަށް ބޭނުންވާ ތަކެތި ގަނެވޭ ކަމަށާއި ނަމަވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް އެއްވެސް އެއްޗެއް ނުގަނެވޭ ކަމަށާއި، އަދި އިންސާނުންގެ ގޮތުގައި ދެކެނީ ދިވެހި ގައިދީން ކަމަށާއި، ބިދޭސީންނަކީ އިންސާނުން ކަމަށް ނުދެކޭކަން މި ބަންދު މީހާ ކޮމިޝަނާ ހިއްސާކޮށްފައި ވެއެވެ. މީގެ ގާތްގަނޑަކަށް އެއް އަހަރު ކުރިން އެއްތަރި އަރާފަހުރި އޮފިސަރެއް ..... ކިޔާ އޮފިސަރެއް، ކުއްލިއަކަށް ހެނދުނު 6 ޖެހިއިރު އައިސް ހިނގަން ގަދަ ކަމުން ނެރުނު ކަމަށާއި، އެއީ ނަފްސާނީ ގޮތުން ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށާއި، މިކަމާ ނުރުހިގެން ބަންދު މީހާ އުޅުނު ކަމާއި، މިބަންދު މީހާ ވަނީ، މިގޮތަށް އެންމެން ގަދަކަމުން ހިނގުމަށް ނެރެނީ ކީއްވެތޯ އަހައި ގަދަކަމުން ނެރުމާ ދެކޮޅު ހެދި ކަމަށާއި، މިހެން ކަންތައް ކުރުމުން، ބިދޭސީން ތިބި ގޮޅިތައް ބަދަލުކޮށް ބިދޭސީންނާ، ވަރަށް އިހާނެތިކޮށް، ލާއިންސާނީ ގޮތަށް ކަންތައްތައް ކުރިކަމާއި، ހުރިހާ އަންނައުނެއް ބާލުވައި، ފާޚާނާއަށް ވައްދައި، އެންމެންގެ ހަށިގަނޑު ޗެކްކުރި ކަމަށާއި، މިގޮތަށް ޢަމަލުކޮށްފައި ވަނީ 6 ޖަހާއިރު ބޭރަށް ނެރޭތީ އެކަމަށް ދެކޮޅު ހެދުމުން ދޭ އަދަބެއްގެ ގޮތުންކަން ކޮމިޝަނާ ހިއްސާކޮށްފައެވެ.

ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ..... ބުނި ކަމަށާއި، ނަމަވެސް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅަން، މި ބަންދު މީހާ، ބޭނުން ނުވާ ކަމަށާއި އޭނާ މައްސަލަ ހުށަހަޅަން ބޭނުން ވަނީ، އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް އޯގަނައިޒޭޝަނަކަށް ކަމަށް ބުނެފައި ވާނެ ކަމަށާއި، އެގޮތަށް އޭނާ ބުނެފައި ވަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަކީ ރަޢީސް ޔާމީނުގެ ނުފޫޒު އޮންނަ ތަނެއް ކަމަށް އޭނާގެ އަނބިމީހާ އޭނާ ގާތު ބުނެފައިވާތީ ކަމަށް ކޮމިޝަނަށް މަޢުލޫމާތު ދީފައެވެ.

ބަންދުމީހާ ވަނީ، އޭނާގެ އަންހެނުން އޭނާއާ ބައްދަލުކުރަން އައުމުން، އޭނާ މޫނު ބުރުގާ އަޅައިގެން ހުންނާތީ ވަކިން ބައްދަލުކޮށް އަންހެނުންގެ މޫނު ދެކިލުމަށް ބުނުމުން އެ ފުރުޞަތު ވެސް ދީފައި ނުވާކަން ކޮމިޝަނާ ހިއްސާކޮށްފައި ވެއެވެ.

އެ މައްސަލަ ހައްލު ކުރަން ކޮމިޝަނުގެ ހުށަހެޅުން: މިރިޕޯޓް ހިއްސާކުރާތާ ...... ރައްޔިތެއް ކަމުގައިވާ ..... އަށް ޤާނޫނު އަސާސީގެ 48 މާއްދާގެ ލިބިދޭ ހައްޤުތައް މިނިސްޓަރު ކަށަވަރުކޮށްދޭން ޖެހޭ ހުރިހާ ކަންތައްތައް ކުރުން.

ގާނޫނު އަސާސީގެ 48 ވަނަ މާއްދާއަކީ ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކުގެ ވާހަކަ ބަޔާން ކުރާ މާއްދާ އެވެ. ރިޕޯޓުގައިވާ ހުށަހެޅުން ތަންފީޒު ކުރުމާ ބެހޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.
ހިޔާލު

ށީން

ސުރުޙީއިން ދޭހަވަނީ ވެނިމިފައިވާ ކަމެއްހެން "ދެ އަހަރު ހޭދަކޮށްފައިވާ" އޭ ޖަހާފަ އޮތީމަ. ޚަބަރު ކިޔާލީމަ އެނގުނީ އެޔާމުޅީން ޚިލާފުކަން

ކައްލަބް

ޑީޕޯޓް ކޮއްލިނަމަ ނިމުނީނު. ކޮންހާ ސަކަރާތެއް