JSC ge gaanoonah fandiyaarunge jamiyyaage hushahelhun thah hissaakoffi
image
ފަނޑިޔާރުންގެ ބައްދަލުވުމެއްގެ ތެރެއިން--
1 ކޮމެންޓް
 

ޖޭއެސްސީގެ ގާނޫނަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ހުށަހެޅުންތައް ހިއްސާކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން، އެޖަމިއްޔާ އަށް ފެންނަ ހިޔާލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ހުށަހެޅި ހިޔާލުތަކުގެ ތެރޭގައި، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލުގައި، ޖޭއެސްސީ އަށް ކަނޑައަޅާ ބައެއް މެންބަރުންގެ ޝަރުތެއްގެ ގޮތުގައި، އުމުރުން 40 އަހަރުވެފައިވުން ކަނޑައަޅާފައި ވާތީ އެ އުމުރު މަތިކަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރާއި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެމްބަރަކީ އުމުރުން 40 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުނަނީ، އެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކުން ވަކި އުމުރެއް ކަނޑައަޅާފައިވާ މަގާމުތަކުގެ ތެރޭގައި ވެސް 35 އަހަރުން ދަށުގެ އުމުރު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި ކޯޓުތަކުގެ ރަޖިސްޓްރާގެ މަގާމާ ގުޅޭ ބައެއް ހިޔާލުތައް ވެސް ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ މަޖިލީހާ ހިއްސާކޮށްފަ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއަކީ 2008 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެއް ނަމަވެސް އެޖަމިއްޔާގެ ހަރަކާތްތައް ފެންނަށް މިފެށީ، މިހާރުގެ ސަރުކާރުން ޖުޑީޝަރީ އިސްލާހު ކުރުމުގެ މައްސަކަތް ކުރަންފެށި ހިސާބުންނެވެ. ޖުޑީޝަރީ އިސްލާހު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

އެބިލަކީ، ޖޭއެސްސީގެ ގާނޫނަށް، ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލެކެވެ. ނަމަވެސް އެބިލު މަޖިލީހަށް ހުށަހެޅުއްވުމަށް ރިޔާސަތުން އެދުނު ވަގުތު ޖަލްސާގައި ސިރާޖު ހާޒިރުވެ ނެތުމުން، އެބިލް ހުށަހަޅުއްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އެހެންކަމުން މިހާރު އެބިލްގެ "ސްޕޮންސަ" އަކީ އިމްތިޔާޒު ފަހުމީ އެވެ.

އެބިލްގެ މައިގަނޑު މަގްސަދަކީ، ފަނޑިޔާރުންނާ މެދު ކުރެވޭ ޝަކުވާތައް ބެލުމާއި، ފިޔަވަޅު އެޅުމާ ގުޅޭ ގާނޫނީ އުސޫލުތައް ހަރުދަނާ ކުރުމާއި، އެކި ގާނޫނުތަކުގައި، ހުރި އިޖުރާއަތުތައް އެއް ގާނޫނަކަށް ގެނައުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގައި ޖޭއެސްސީއަށް ލިބިދޭ ބާރުތަކާއި، މައްސަލަ ރައްދުވާ ފަނޑިޔާރުންނަށް ލިބިދޭ ހައްގުތައް ބަޔާން ކުރުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ހުށަހަޅައި، ބަލައި ގޮތެއް ނިންމުމުގައި ފަސޭހަ އިޖުރާއަތުތަކެއް ކަނޑައެޅުމަށްޓަކައި، ޖޭއެސްސީގެ ގާނޫނަށް ގެންނަޖެހޭ އިސްލާހުތައް ގެނައުމެވެ.

އެބިލުގައި ޖޭއެސްސީގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، ޖޭއެސްސީގެ މެމްބަރުކަމުގެ ޝަރުތުތަކާއި، ޖޭއެސްސީގެ ރައީސާއި ނާއިބު ރައީސް ވަކި ކުރާނެ ގޮތާއި، ޖަލްސާތައް ބާއްވާނެ ގޮތާއި، ދަށު ކޯޓުތަކަށް ފަނޑިޔާރުން ކަނޑައެޅުމާއި، ފަނޑިޔާރުންނާއި ކޯޓުތަކާއި ގުޅޭ އިސްލާހުތަކެއް ހުށަހެޅިފައި ވެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅޭ ގޮތުން، އެބިލުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި އަދުލްއިންސާފު ގާއިމުކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުމަށްޓަކައި، މިގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށެވެ.

އޭގެ އިތުރުން އެބިލުގައި ބުނެފައި ވަނީ، ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެދުމާއެކު، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވި، އެ ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާޓްމަންޓްގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މިގާނޫނުގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެހިނދުން ފެށިގެން ބަދަލުވީ ކަމަށެވެ.

ހުށަހެޅިފައިވާ ބިލުގައި ބުނެފައިވާ ގޮތުން، ޑީޖޭއޭގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައްޔަން ކުރުމާއި ވަކިކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި އެ ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ވެސް ސުޕްރީމް ކޯޓުންނެވެ.

އެބިލާ ދެކޮޅަށް އިދިކޮޅު ބައެއް މެމްބަރުންނާއި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންވެސް ބަހުސް ކުރެއްވި އެވެ. ނަމަވެސް އެބިލަށް ތާއީދު ކުރައްވާ ކަމަށް އެބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވެފައި ވެއެވެ.
ހިޔާލު

ކިޔު5

އިސްލާހަށްޓަކައި ފަނޑިޔާރުންގެ ޖަމްއިއްޔާއިން މަސައްކަތްކުރާކަން އެބަ ފާހަގަވޭ. ރަނގަޅު.