ACC ge naib raees kamah Minna ayyan koffi
image
އޭސީސީގެ ނައިބު ރައީސް މިންނާ (ކަނާތުން ދެވަނަ އަށް)--
0 ކޮމެންޓް
 

އޭސީސީގެ ނައިބު ރައީސަކަށް މިންނާ އައްޔަނުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް އެކޮމިޝަނުގެ މެމްބަރު އާމިނަތު މިންނާ (މިންނު) އައްޔަން ކޮށްފި އެވެ.
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ސީއެންއެމަށް ވިދާޅުވީ މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން މިންނާ އެކޮމިޝަނުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ އޭސީސީގެ މެމްބަރުކަމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ ރައީސް ކަމަށް މިދިޔަ ހަފްތާގައި އައްޔަން ކުރައްވާފައި ވަނީ އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު އެވެ. ކޮމިޝަނުގެ ރައީސަކަށް މުއައްވިޒު އައްޔަން ކުރެއްވުމާ ގުޅިގެން އެކޮމިޝަނުގެ މެމްބަރު މިންނު މިވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.

އޭސީސީގެ މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާތީ، އެކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއް އެކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި މިހާރު ވެސް އޭސީސީގެ ވަޒީފާގައި ތިއްބެވި ގިނަ ފަރާތްތަކެއް ހިމެނެއެވެ.

އޭސީސީގެ ކުރީގެ ރައީސް ލުތުފީ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައި ވަނިކޮށެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އޮފީހަށް ނުނިކުންނަވައި، ގިނަ ދުވަސްތަކެއް ވަންދެން ލުތުފީ ވަނީ ބަރާބަރަށް މުސާރަ ނަންގަވާފަ އެވެ.

އޭސީސީން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ، އެ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒު ވެފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ވެރިކަން ދިފާއު ކުރުމަށް އޭސީސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރުން ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުން ދިޔައިރު، އޭސީސީން އަޅާނުލާ ތިބި ތިބުމަށް އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވެފައި ވެއެވެ.
ހިޔާލު