Shareeatheh nukoh bandhu koffa huri Yemen meehaa ge massala HRCM inn balanee
image
އެޗްއާރްސީއެމް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޝަރީއަތެއް ނުކޮށް ބަންދުކޮށްފައި ހުރި ޔަމަނު މީހާގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ޔާސިރު ޔަހުޔާ ސޯލިހު ގެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ފަޒްލާ އަހްމަދު ޝަފީގު ސީއެންއެމް އަށް ވިދާޅުވީ ޔާސިރްގެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ބަލަމުންދާ މައްސަލައަކަށްވުމުން ތަފްސީލް މިވަގުތު ހާމަކުރެވެން ނެތްކަމަށް ފަޒްލާ ވިދާޅުވި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ޔާސިރްގެ އާއިލާ މެމްބަރަކު ބުނީ ޔާސިރްގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް 10 ދުވަސް ވެފައިވާއިރު އޭނާގެ ހާލު ދެރަ ކަމަށެވެ. ޔާސިރްގެ މައްސަލަ އެޗްއާރްސީއެމް އަށް އެތައް ފަހަރަކު ހުށަހަޅައިފި ކަމަށާއި ނަމަވެސް އަބަދުވެސް ލިބޭ ޖަވާބަކީ މައްސަލަ "ބަލަމުން" ދާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރާއި ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަކަށް ވެސް އެދިފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ޔާސިރަކީ 2017 ވަނަ އަހަރު ހައްޔަރު ކުރެވުނު ގޮތައް ޝަރީއަތެއް ނެތި ދެ އަހަރު ވަންދެން ހުޅުމާލެ ޑިޓެންޝަނު ސެންޓަރު ގައި ބަންދުކޮށްފައިވާ ޔަމަންގެ ރައްޔިތެކެވެ. އޭނާ އަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އެދެމަފިރިންގެ އަންހެން ދަރިއެއްވެސް ހުރެއެވެ.
ހިޔާލު