Media thakah internet agu heyo kohdheyn edhijje
image
0 ކޮމެންޓް
 

މީޑިއާތަކަށް އިންޓަނެޓް އަގު ހެޔޮކޮށްދޭން އެދިއްޖެ

މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ދަންނަވައިފި އެވެ.
މީޑިއާތަކަށް އިންޓަނެޓް އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް، އެމްއެމްސީން އެދުނީ މިއަދު ހެނދުނު މިނިސްޓަރު މަލީހު އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކަގައި މީޑިއާތަކުގެ މާލީ ހާލަތަށް ބަލާއިރު، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ފާހަގަކުރެއްވިއެވެ. އިންޓަނެޓްގެ އަގު ބޮޑުވުމުގެ ސަބަބުން އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ހުރި ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށް މީޑިއާ ކައުންސިލުން އެދޭ ކަމަށް ވެސް ހިދާޔަތުﷲ ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު މަލީހު ދެއްކެވި ވާހަކަގައި ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް މިނިސްޓަރ މަލީހު ވިދާޅުވެފައިވާ ކަމަށް މީޑީއާ ކައުންސިލުން ބުނެއެވެ.

އެމްއެމްސީން ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކުގައި އެ މިނިސްޓްރީގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ކައުންސިލްގެ މެމްބަރުން ވަނީ މިނިސްޓަރާ މަޝްވަރާ ކުރައްވާފައެވެ.

ކައުންސިލްގެ ރައީސް ހިދާޔަތުﷲ ގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާޒިފް އާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޞަތު އާއި ކައުންސިލް މެމްބަރު އަޒްމީ އަލީ އާއި ކައުންސިލް މެމްބަރު ޝިފްޒާ މުސްތަފާގެ އިތުރުން ކައުންސިލް މެމްބަރު އަބްދުއްލަތީފް އަހުމަދު އެވެ.
ހިޔާލު