ACC ge memberunge dhauru hamavaairu, ismuvahzafunthakeh vazeefa ah nagaathee Majleehah!
image
އޭސީސީގައި މިވަގުތު ތިއްބެވި ހަތަރު މެމްބަރުން--
0 ކޮމެންޓް
 

އޭސީސީ މެމްބަރުންގެ ދައުރު ހަމަވާއިރު، އިސް މުވއްޒަފުންތަކެއް ނަގާތީ މަޖިލީހަށް!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް، އެ ކޮމިޝަނުގެ މަތީ މަގާމުތަކަކަށް މީހުން ނަގަން އުޅޭ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް އެޝަކުވާ ހުށަހަޅަފައިވަނީ ދާދިފަހުން އޭސީސީން އިއުލާން ކޮށްފައިވާ، ސިސްޓަމް އެޑްމިނިސްޓްރޭޓަރު (އިއިޓީ ހެޑް)، ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމަށް ބޭފުޅުން ހޯދުމަށް އިއުލާން ކޮށްފައިވާތީ އެވެ.

ކޮމެޓީގައި އެމައްސަލައަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ، މިހާރު އޭސީސީގައި ތިއްބެވި އެކޮމިޝަނުގެ މެމްބަރުންގެ ދައުރު ހަމަވާން ދެމަހަށް ވެފައި ވަނިކޮށް، އެހާ އިސް ދެ މަގާމަށް މީހުން އައްޔަން ކުރަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މެމްބަރުން ވިދާޅުވީ އޭސީސީގެ އަދި އެހެން މިނިވަން މުއައްސަސާއެއްގެ އިދާރީ ހިންގުމުގެ ކަންކަމުގެ ތެރެއަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނުމަކީ އެހާ އެދޭ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭސީސީން ކަންކަން މިހާތަނަށް ކުރައްވާފައިވާ ގޮތާއި، އެކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިދަނޑިވަޅުގައި، އަދި އިތުރު ދައުރަކަށް އެކޮމިޝަނުގެ މެމްބަރުކަމުގައި ދެމިތިބެވޭނެ ކަމުގެ ޔަގީންކަން އެ މެމްބަރުންނަށް ނެތް އިރު، ކޮމިޝަނުގެ އައިޓީ ހެޑާއި ސީނިއާ އިންވެސްޓިގޭޝަން އޮފިސަރެއް ހޯދަން އިއުލާން ކޮށްފައިވާތީ ސުވާލު އުފެދޭ ކަމަށެވެ.

ގިނަ މެމްބަރުން ވިދާޅުވީ، މީގެ ކުރިން އެކޮމެޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް ކަންކަން އޮޅުންފިލުވިއިރު، ގާނޫނާއި ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހިންގައި، ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފޮރުވުމަށް މަސައްކަތް ކޮށްފައިވާކަން ކޮމެޓީގެ އެބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުންގެ އިއުތިރާފުން އެނގެން އޮތްއިރު، އެ ކޮމިޝަނުގެ މެމްބަރުން ވަގުތުން ވަގުތަށް ވަކިކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ.

އޭސީސީން އައިޓީ ހެޑާއި ސިނިއާ އިންވެސްޓިގޭޝަން އޮފިސަރެއް ހޯދަން އިއުލާން ކޮށްފައިވާއިރު، އެކޮމިޝަނުގެ މެމްބަރުންގެ ދައުރު ހަމަވާތީ ރައީސް އޮފީހުން ވަނީ އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އަދި އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ބަންދުވެފަ އެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމު ކުރުމުގެ ކުރިން އޮފީހަށް ވަޑައިނުގަންނަވާ ބަރާބަރަށް މުސާރަ ނަންގަވާފަ އެވެ. އެނގިފައިވާ ގޮތުގައި މިދިއަ ފެބްރުއަރީ މަހުން ފެށިގެން ލުތުފީ އޮފީހަށް ވަޑައި ނުގަންނަވާ ވަނީ ބަރާބަރަށް މުސާރަ ނަންގަވާފަ އެވެ. އެމައްސަލަ މިނިވަން މުއައްސަސަތަކާބެހޭ ކޮމެޓީން ބެލުމަށްފަހު ވަނީ ލުތުފީ އިތުބާރު ނެތްކަމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ނިންމާފަ އެވެ. މަޖިލީހުން ލުތުފީގެ އިތުބާރު ނެތްކަމަށް ނިންމުމުގެ ކުރިން މިދިއަ ހަފްތާގައި ލުތުފީ ވަނީ އޭސީސީން އިސްތިއުފާ ދެއްވާފަ އެވެ.

މިހާރު އެކޮމިޝަނުގެ ރައީސަކީ މުއައްވިޒު ރަޝީދު އެވެ. ނާއިބު ރައީސަކީ އާމިނަތު މިންނާ އެވެ. ދެ އެކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން (މީރާގެ އިސްވެރިޔާ) ޔަޒީދު މުހައްމަދުގެ ކޮއްކޮ، ޔަޒްމީދު މުހައްމަދުގެ އިތުރުން ޞަފްވަތު މުހައްމަދު އެވެ.

އޭސީސީގެ މައްސަަލަތަކެއް ރިޔާސީ ކޮމިޝަނުންނާއި ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުން ނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން ކައިރިވިއިރު، އެމަނިކުފާނު ވެސް ވަނީ ސަރުކާރުގެ އިދާރާތަކަށާއި ސަރުކާރުގެ ކުންފުނިތަކުން އެތައް ބަޔަކަށް ވަޒީފާ ދީފަ އެވެ. ހަމަ އެކަނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވެސް 200 އަށް ވުރެ ގިނަ މީހުން ވަޒީފާ ދީފައިވާއިރު، އެމީހުންގެ ވަޒީފާގެ ޒިންމާއެއް އޮތްކަމަކަށް ނުވެއެވެ.
ހިޔާލު