Rilwan vagah negithaa 5 aharu, HRCM un report ekulavaalevunee adhikiriyaa!
image
އެޗްއާރުސީއެމްގެ ބައެއް މެމްބަރުން: ރައީސް އާމިނަތު އީނާސް (ކ)--
2 ކޮމެންޓް
 

ރިލްވާން ވަގަށް ނެގިތާ ފަސް އަހަރު، އެޗްއާރުސީއެމުގެ ރިޕޯޓެއް އަދިކިރިޔާ!

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ބަޔަކު މީހުން ވެގެން ވަގަށް ނެގިތާ ފަސް އަހަރުވާން ކައިރިވެފައި ވަނިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ތަހުގީގު ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެޗްއާރުސީއެމުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، 2014 އޮގަސްޓް 08 އިން ފެށިގެން އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ މިއަދު ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ، އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ. މީގެއިތުރުން، މި މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ.


އެޗްއާރުސީއެމްގެ އެރިޕޯޓުގެ މައުލޫމާތު އޮޅުން ފިލުވުމަށް އެޗްއާރުސީއެމްގެ ރައީސް އާމިނަތު އީނާސްއަށް ގުޅާލުމުން ވިދާޅުވީ، ރިލާވާން ގެއްލުނު މައްސަލާގައި މިހާތަނަށް އެކޮމިޝަނަށް ފާހަގަވި ކަންކަން އެ ރިޕޯޓްގައި ވާނެ ކަމަށާއި ނަމަވެސް އެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ.

ބަޔަކު މީހުން ރިލްވާން ވަގަށް ނަގާފައިވަނީ 2014 އޮގަސްޓް 08 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެއެވެ. އެންމެ ފަހުން ރިލްވާން ފެނިފައި ވަނީ އެ ރޭ މާލޭގައި ހުންނަ އުޅުމާލެ ފެރީޓާމިނަލްގެ ތެރެއިން ނެވެ. އޭރު ރިލްވާން ދިރިއުޅެނީ ހުޅުމާލޭގަ އެވެ.

ރިލްވާން ގެއްލުނު ދުވަހުން ފެށިގެން އޭނާގެ އާއިލާއިންނާއި ގާތް ޓައްޓެހިންނާއި އެއާއިލާއަށް ހެޔޮއެދޭ އެތައްބަޔަކު އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވީނަމަވެސް، ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަށީގެންވާ ގޮތެއްގައި އެމައްސަލަ ބަލްމުން ގޮސްފައެއް ނުވެއެވެ. ހާއްސަކޮށް، ފުލުހުންނާއި އެޗްއާރުސީއެމަށް ރައްޔިތުންގެ ކަންބޮޑުވުމުގެ އިނގި ދިއްކުރަމުންދިޔަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ވުމާއެކު އެމަނިކުފާނު ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާތީ، ރިޔާސީ ކޮމިޝަނެއް އުފައްދާ، ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން ފަށާފަ އެވެ. އަދި އެކޮމިޝަނުން ރިލްވާން ވަގަށް ނެގި މައްސަލަ ތަހުގީގު ކުރުމަށްފަހު، ދާދިފަހުން ވަނީ ރައީސް ސޯލިހުއާ ރިޕޯޓް ހަވާލު ކުރައްވާފައި އެވެ.
ހިޔާލު

އެމްޑީޕީ.

ކޮބާތަ ތިޔަ ރިޕޯޓުވެސް ރައްޔިތުންނާ ހަމައަށް ގެންނަންވެއްޖެ ނޫންތަ؟

ޙަލީމު

ސީއެންއެން އަށް އެނގޭތަ އަދި ކިރިޔާކަން މަޖިލީހުން އެރިޕޯޓް ބޭނުންވެގެން ބުނީ. އެހެންނޫނަސް އެހާދިސާގެ ތަހުގީގު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުނިމޭ. ދެން ތިބުނާ މަރުކޮމިޝަނުން ކުރާ މަސައްކަތަކީ އެޗްއާރުސީއެމް އާއި ފުލުހުން ކޮށްފައިހުރި ބުރަ މަސައްކަތްތަކުގެ ރިޕޯޓް ގެންގޮސް އެމީހުންގެ އެބުރަ މަސައްކަތް ކޮޕީ ކޮށްލަނީ.