Lanka defence ministry ge huhdha libumun Luthfee gennaanan: Minister Imran
image
މިއަދުގެ މަޖިލީހުގައި ލުތުފީ މައްސަލާގައި ހޯމް މިނިސްޓަރު ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ލަންކާ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބުމާއެކު ލުތުފީ ރާއްޖެ ގެންނާނަން: މިނިސްޓަރު އިމްރާން

ނޮވެމްބަރު 3 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވެން އޮތީ ލަންކާގެ ޑިފެންސް މިނިސްޓްރީން ލިބެން ޖެހޭ ލިޔުންތައް ލިބުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ލުތުފީގެ މައްސަލާގައި ހޯމް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އިމްރާން ވަނީ މިއަދު ހެނދުނުގެ މަޖިލިސް ޖަލްސާ އަށް ހާޒިރުވެވަޑައިގެން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

މަޖިލިސް ތަޅުމުގައި މިއަދު އިމްރާން ވިދާޅުވީ 2010 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ލުތުފީ ގެނައުމަށް އެކި ގޮތް ގޮތަށް މަސައްކަތް ކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން އެބަހުރި ކަމަށެވެ.

އިމްރާން ވިދާޅުވީ މޭ 1 ގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ލުތުފީ ހަވާލުވުމުން އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ކަމާ ގުޅޭ މުއައްސަސާތަކާ ވާހަކަދައްކައިގެން ލުތުފީ ރާއްޖެ ގެނައުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.

ލަންކާގެ ވަކިވަކި މުއައްސަސާތަކުން ލުތުފީ ގެނައުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމުގެ ހުއްދަ ވެސް ލިބިފައިވާކަން އިމްރާން ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް މިހާރު މަޑު ކޮށްގެން މިތިބީ ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސުން ލިބެންޖެހޭ ޚާއްސަ ހުއްދަ ނުވަތަ ލިޔުން އަޅުގަނޑުމެންނަށް ލިބުމާ އެކު. ލުތުފީ ގެނައުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މީގެ ކުރިން ލަންކާގެ އެޓާނީ ޖެނެރަލް (އޭޖީ) ގެ ފަރާތުން ލިބެން ޖެހޭ ލިޔުން ވެސް ލިބިފައި ނުވި ނަމަވެސް ލުތުފީ އެނބުރި ރާއްޖެ ގެނައުމަށްޓަކައި ލިބެންޖެހޭ ލިޔުން ލަންކާގެ އޭޖީގެ ފަރާތުން މިހާރު ލިބިފައިވާ ކަމަށެވެ.

ލުތުފީ ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ލުތުފީ އަކީ އަދިވެސް މި ގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ ކަމަށާއި އެއަށް ބަދަލެއް ނާންނަ ކަމަށެވެ.

"އެހެންވީމާ ލުތުފީ އަށް މައާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. ލުތުފީ އަށް ކޮށްފައި އޮތް ހުކުމް ތަންފީޒު ކުރަން ލުތުފީ ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ލުތުފީ އަކީ ފަހުގެ ޒަމާނެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޙާއިނު ކަމަށާއި އެކަން އަބަދު ވެސް އޮންނާނީ އެގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހިޔާލު