India Raajje ebbasvumaa Gasim dhekolhu
image
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
3 ކޮމެންޓް
 

އިންޑިއާ-ރާއްޖެ އެއްބަސްވުމަށް ގާސިމްގެ ފާޑުކިޔުން

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުގެ ވިސްނުމާ އެއް ގޮތަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައްޔިތުންގެ މަޖިލިހުގައި ބަހުސް ކުރައްވައިފި އެވެ.
އިންޑިއާ އާއެކު ހަދަން މަސައްކަތް ކުރަނީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުމެވެ. މިއީ ޖިނާއީ މައްސަލަތަކުގައި އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެކެވެ.

އެ އެއްބަސްވުން ދިރާސާ ކުރުމަށް ފަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށެވެ. މިއަދު މަޖިލިސް ތަޅުމުގައި ވަނީ އެ ރިޕޯޓާ ބެހޭ ގޮތުން މެމްބަރުން ބަހުސް ކުރައްވާފަ އެވެ.

އިދިކޮޅު މެމްބަރުންގެ ވިސްނުމަށް ތާއީދު ކުރައްވަމުން، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވަނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ އެއްބަސްވުމުގެ ކަންކަން ދިރާސާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތަށް ފާޑުވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ކޮމެޓީގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށް އަދި އެދި އެ އެއްބަސްވުން ރަނގަޅަށް ދިރާސާ ކުރެއްވުމަށް ކޮމެޓީގެ މުގައްރިރު އިބްރާހީމް ޝަރީފް ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ. އަދި ޝަރީފް އެ ކޮމެޓީ ހިންގެވީ ޑިކްޓޭޓަރެއްގެ އުސޫލުން ކަމަށް ވިދާޅުވި އެވެ.

ގާސިމް އެގޮތަށް ވިދާޅުވިއިރު، އޭނާ ކޮމެޓީގައި އަޑުގަދަކޮށް، ޒުވާބު ކުރާ މަންޒަރާއި އަޑު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

"މިއީ [ސޮއި] ކުރަން ހެޔޮވާ ވަރުގެ ޓްރީޓީއެއް ނޫން. ކަނޑައެޅިގެން ދިވެހި ރާއްޖެއަށް ވަރަށް ބޮޑެތި ނިކަމެތި ކަމާއި އަދި މީގެ ނިވާގައި އަޅުގަނޑުމެންގެ އިސްތިލާލަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ،" މަޖިލިސް ތަޅުމުގައި މިއަދު ގާސިމް ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރައްވާ، ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ވިދާޅުވީ އެ އެއްބަސްވުމަކީ ޓެރަރިޒަމްގެ އަމަލުތަކާއި ބޮޑެތި ވައްކަމާއި މަނީ ލޯޑާ ކުރުމުގެ މައްސަލަތައް ހައްލު ކުރުމަށް ވެވޭ އެއްބަސްވުމެއް ކަމަށެވެ.

ސަރުކާރު ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ސަރުކާރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، ބައެއް އެމްޑީޕީ މެމްބަރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އޭގެ ތެރޭގައި ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖާބިރު ވަނީ ސަރުކާރު ކޯލިޝަނެއް މިހާރު ނެތް ކަމަށާއި، ކެބިނެޓުގެ ހުރިހާ މިނިސްޓަރުންގެ ގޮތުގައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއްބަސްވުމާ ބެހޭ ގޮތުން ރައީސްގެ ވާހަކަފުޅު

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކީ ޒާތީ ގޮތުން ވަކި މީހެއް ހައްޔަރު ކުރަން ގާއިމު ކުރާ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ އެންމެންގެ ސަލާމަތަށް ކުރާ ކަމެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ނުރައްކާތެރި ވިސްނުމުގެ މީހުން އުޅޭ ކަމުގައި ވިޔަސް އެމީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅެން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އޮތް ގޮތުން މި ވަގުތު ޓެރަރިސްޓުން ހިފެހެއްޓޭނެ އެއްވެސް ގޮތެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މިއަދަކު އަޅުގަނޑުމެންނަކަށް ދުނިޔެއާ ވަތްކަކުން ނޯވެވޭނެ. ޓެރަރިސްޓުންނަކަށް ނެތް ބޯޑަރެއް. އެ މީހުންނަކީ މުޅި ދުނިޔޭގަ ފެތުރިފައިވާ ބައެއް. މިއަދު އަޅުގަނޑުމެންނަށް އައިސިސް ޖަމާއަތުގަ ހަނގުރާމަކޮށްފަ އަންނަ ޓެރަރިސްޓަކު ހިފެހެއްޓޭނެ ގޮތެއް ނެތް ގާނޫނު އޮތް ގޮތުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމް ގެ ބިރުން ރާއްޖެ އާއި މުޅި ދުނިޔެ ވެސް ސަލާމަތް ކުރެވޭނީ އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށެވެ.

އެ އެއްބަސްވުމަކީ ދިވެހި ރައްޔިތެއް އިންޑިއާއަށް ޝަރީއަތަށް ފޮނުވުމަށް ހަދާ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އަޅާ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެއްސަކު ޝަރީއަތަށް އިންޑިއާއަށް ފޮނުވާކަށް ނޫން، އިންޑިއާގަ ހުރި މީހަކު މިގައުމަށް ގެނެސް ޝަރީއަތްކުރާކަށް ނޫން ކޮންމެހެން ބޭނުމަކީ. އެހެން ނަމަވެސް ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިއޮތް [ޓެރަރިޒަމްގެ] ވަބާއިން، ބިރުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމުތަކަަކާއި އެކީގައި އެބަޖެހޭ މިކަމުގެ މަސައްކަތް ކުރަން. މިއީ ޒާތީ ގޮތުން ވަކި މީހަކު ހައްޔަރު ކުރަން ނޫނީ ވަކި ބަޔަކަށް ކުރާ ކަމެއް ނޫން. އެންމެންގެ ސަލާމަތަށް އަޅުގަނޑުމެން ކުރާ ކަމެއް." ރައީސް ވިދާޅުވި އެވެ.

އެއީ އެކްސްޓްރެޑިޝަން ނުވަތަ ކުށްވެރިން ގައުމުން ބޭރުކުރާ އެއްބަސްވުމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ބަދަލުކުރެވޭނީ ކުށްވެރިންނެއް ނޫން ކަމަށާއި ކުށްވެރިންގެ މައުލޫމާތު އެކަނި ކަމަށެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ގާނޫނާއި ޚިލާފު، ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އެއްބަސްވުން ބައްލަވާ އެއްބަސްވުމާ ބެހޭ ގޮތުން ބަންޑާރަ ނައިބު ލަފާ އަރުއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލު

ބުމަރު

ގާސިމް އަބަދު ވެސް ބޭނުން މި ރާއްޖޭގެ ރަށްތަކާއި ބިންތަކަކީ ހަމައެކަނި ގާސިމު ކަހަލަ ދެތީން މީހުންގެ ތަރިކަ މުދަލަށް ހަދާށެވެ. ދެން ރައްޔިތުން ސަރުކާރަށް ދައްކާ ޓެކްސް ފައިސާއިން ކޮންމެ ސަރުކާރަކުން ވެސް މިލިއަންޑޮލަރު ހޯދުމެވެ. އެހެން ނަމަވެސް ގާސިމް ދީފައިވާ ރަށްތަށް މަސައްކަތް ނުކޮށް އެއޮތީ ބާއްވާފައެވެ. ދެން ރަށްތަށް ނެގީމާ ކަރެޕްޓް ޖުޑީޝަރީއާއި ގުޅިގެން ފައިސާ ހޯދަށް ދަޢުވާކޮށް ބައި އަޅާގޮތަށް ނިންމީމާ ނިމުނީނުންތޯ ؟ ގާސިމު ވޯޓުދީގެން ނޫންތޯ އެސް އީ ޒެޑް ވެސް އުފެއްދީ އެއީ ބިން ވިއްކުން ނޫންތޯ ؟އެއީ ގައުމުގެ ސިޔާދަތާއި އިސްތިޤްލާލާ ގުޅިފައިވާ ކަމެއް ނޫންތޯ ؟

މާލިދީފު

ގާސިމްގެ މުށަށް އެއްޗެއް ލައިދިނީމަ އެނިމުނީ އެހެން ނުވާތި ދެއްކޭ ވާހަކަ އެ ހުންނަނީ ޗައިނާއަށް ހުރިހާކަމެއް ހުއްދަ އިންޑިޔާއަށް ހުރިހާކަމެއް މަނާ މީ ގާސިމް މެންގެ ފެންވަރު އެކަމަކު ގާސިމްވެސް ބަލި މީހުންނަށް ވިޔާފާރީގެ އުސޫލުން ބޭސްކޮށްދޭން އިންޑިޔާއިން ތަންހިފާފަ ހުރޭ

އަލީރާޖާ

ގާސިމް ސިޔާސީ ހަޔާތް ފެށީވެސް ހަމަ ތިޔަ ގޮވެލި ތަކުން. 2008 ގައިވެސް ގާސިމް ދެއްކީ ހަމަ އެއް ވާހަކައެއް. ދީން ގެއްލެނީ، މިނިވަންކަން ގެއްލެނީ، ސިޔާދަތު ގެއްލެނީ، މިސްކިތްތައް ނަގާ ފައްޅި އަޅާނެ، ބަންގިއެއް ނުގޮވާނެ،، އާދޭސް ކުރަން، އަހުރެން ކަމެއް ކޮށްދީފައި އޮތް މީހެއް ވިއްޔާ އަޑުއަހާ.... މިހާަރު 2019 އައީ. އަދިވެސް ހަމަ އެބުނި ކަމަކުން ކުރެ އެއްވެސް ކަމެއް ނުހިގާ. އެކަމަކު ގާސިމް ހަމަ އަދިވެސް ދައްކަނީ އެ ވާހަކަ. ހަމަ އެއް ރާގެއްގައި އެއް ވާހަކައެއް! ބޮޑުވަރެއް ނޫން؟