Nukulhedhun therikan hunna meehun thibee havaasaa koffa: Minister Shidhatha
image
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
0 ކޮމެންޓް
 

ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބީ ހަވާސާކޮށްފައި: މިނިސްޓަރު ޝިދާތާ

ނުކުޅެދުންތެރިކަން ހުންނަ މީހުން ގަސްދުގައި ހަވާސާކޮށް އެ މީހުންގެ ސިޔާސީ ފައިދާ ނާޖާއިޒު ގޮތުގައި ނަގަމުން ގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް "ރިވެލި" އެވޯޑު ދިނުމަށް މިއަދު ހެނދުނު ބޭއްވި ހަފްލާގައި ޝިދާތާ ވިދާޅުވީ ކުރިން މަޝްރޫއުތައް ހިންގި ގޮތުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވެފައިވާ ކަމަށެވެ.

ފާއިތުވި ދިޔަ އަހަރުތަކުގައި ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ވަރަކަށް ވިސްނައިގެން ނޫން ކަމަށް ޝިދާތާ ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަން އޮތް އަހަރު 2020 ގެ ތަސައްވަރަށް މަރުހަބާ ކިޔަން ތައްޔާރުވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަ ނިޒާމުތަކެއް ގާއިމްވެފައި ނެތުމުން ލަދު ގަންނަން ޖެހޭ ކަމަށެވެ.

އެމީހުންނަށް ފަސޭހައިން ހިނގާ ބިނގާވެ އުޅޭނެ ގޮތެއް ނެތް ކަމާއި، ދަތުރުފަތުރު ކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް ވެސް އިންތިޒާމުތައް ނެތްކަން ޝިދާތާ ފާހަގަކުރެއްވި އެވެ.

މުޖުތަމައުގައި "އިންކްލޫސިވިޓީ" އަދި "އެކްސެސިބިލިޓީ" ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބު ވެފައިވާ މުޖުތަމައެކޭ ނުދެންނެވޭނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުން އެކަންކަން ރަނގަޅު ކުރަން ހާއްސަ އިސްކަމެއް ދޭ ކަމަށާއި އެއީ ރިޔާސީ ވައުދުފުޅެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ދައުރު ހަމަވެގެންދާ އިރު، ސަރުކާރުން ގެނެސްދޭ ތަރައްގީގެ ނަތީޖާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުން ފެނިގެންދާނެ ކަމުގެ ޔަގީނަކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"ރިވެލި" އެވޯޑު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގައި އޮތް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު