Jumhooree Party ves othee agreement thah efuh mifushah jehumugai idhikolhah!
image
އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް--
1 ކޮމެންޓް
 

ޖޭޕީ ވެސް އޮތީ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖެހުމުގައި!

ވެރިކަން ލިބޭ ދުވަހަކުން މި ސަރުކާރުން ހަދާފައިވާ އެގްރީމަންޓުތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވާތީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ސަރުކާރުގެ ކޯލިޝަނުގައި ތިބެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެއްބާރުލުން ދޭން ބޭނުން ނުވާކަން ހާމަވެއްޖެ އެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، ބޭރުގެ ބައެއް ފަރާތްތަކާއި ރާއްޖޭގެ ބައެއް ފަރާތްތަކާއެކު ކުރީގެ ސަރުކާރުތަކުން ވެފައިވާ ބައެއް އެއްބަސްވުންތައް ބާތިލްކޮށް، ނުވަތަ އެއްބަސްވުންތަކާ ހިލާފުވުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ރައީސް ޔާމީންގެ ވެރިކަމުގައި ދީފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން ބޭއްވި ޖަލްސާގައި، ވެރިކަން ލިބިވަޑައިގެންފިނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ އަދި ހަދަމުންދާ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް ވިދާޅުވެފައި ވާތީ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނިހާދު ވިދާޅުވީ، ރައީސް ޔާމީން ނިސްބަތްވާ ޕާޓީތަކުން ބޭއްވި އެއްވުމެއްގައި އެމަނިކުފާނަށް ބާރެއް ލިބިވަޑައިގަންނަވާ ދުވަހަކުން ސަރުކާރުގެ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށް ވިދާޅުވުމަކީ ދައުލަތަށް އިންޒާރު ދެއްވުން ކަމަށެވެ. ނިހާދު ވަނީ ރައީސް ޔާމީންގެ ވާހަކަފުޅު ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

އެ ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ ވޯޓު ދެއްވާފައި ވަނީ ކުއްލި މައްސަލައަށް ބަހުސް ނުކޮށް، މަޖިލީހުން ބޭރުކޮށްލުމަށެވެ. އަދި އިދިކޮޅު ކޯލިޝާނާއެކު މަސައްކަތް ކުރަމުންދާ ސަރުކާރު ކޯލިޝަނުގައި ތިބި ކަމަށް ބުނާ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީ މަސައްކަތް ކުރިއިރު، ޖީއެމްއާރު ރާއްޖޭން ބޭރު ކުރުމަށާއި އެ އެއްބަސްވުން ބާތިލް ކުރުމަށް އެންމެ ބޮޑަށް ބާރުއަޅާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީނާއި ގާސިމް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ފަހުން ގިނަ އެއްބަސްވުންތަކެއް ބާތިލް ކުރުމުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ޖީއެމްއާރު އެއްބަސްވުން ބާތިލް ކުރުމުން ދައުލަތަށް 400 މިލިއަން ޑޮލަރު ގެއްލުންވިއިރު، ނެކްސް ބިޒާއެކުވި އެއްބަސްވުން ބާތިލް ކުރުމުން 18 މިލިއަން ޑޮލަރު ގެއްލުންވި އެވެ. އަދި ނޫމަޑި އެއްބަސްވުން ބާތިލް ކުރި މައްސަލަ މިހާރު ކުރިއަށްދާއިރު އެމައްސަލައިން ވެސް 350 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުން ވާނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުންނާއި އެއްބަސްވުންތަކާއި ހިލާފުވެގެން ވެސް ބޮޑެތި އަދަދުތަކުން ދައުލަތުން ފައިސާ ދައްކަން ޖެހިފައި ވެއެވެ.
ހިޔާލު

.ބުރާންތި

.ހާދަހާ ހާސްވޭދޯ ރޔާމީނަށް ދެން މި ގައުމުގެ ރައިއްޔަތުން ވެރިކަން ނުދޭނޭ ބުނެ އަންނި ވަނީ ތި ހުރިހާ ބރެއް ފިލުވައިދީ އެކަން ޔަގީން ކޮށް ދީފާ ދެން ކޮން ތުރުތުރެއް ތި އަޅަނީ؟ އެނގޭތޯ ތި ޖީއެމްއާރާ އެމްއެމް އާރުތަކަށް ދީގެން ތިބިނަމަ މިހާރު މި ގައުމު އޮތީހީ އަޅުވެތި ވެފާކަން!!