India Raajje ebbasvumah Majleehun ruhun dheefi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
0 ކޮމެންޓް
 

އިންޑިއާ-ރާއްޖެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދީފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އިންޑިއާ އާއެކު ހަދަން މަސައްކަތް ކުރަނީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުމެވެ.

މިއަދު މެންދުރު މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި އެ އެއްބަސްވުމަށް ރުހުން ދޭން ފެންނަ ކަމަށް 65 މެމްބަރުން ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

އިދިކޮޅު ކޯލިޝަނުން އެ އެއްބަސްވުމާ ދެކޮޅަށް އަޑު އުފުލަމުންދާއިރު، އެ ފަރާތްތަކުގެ ވިސްނުމާ އެއް ގޮތަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް ވަނީ ވާހަކަދައްކާފަ އެވެ.

ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވީ، އެ އެއްބަސްވުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"މިއީ [ސޮއި] ކުރަން ހެޔޮވާ ވަރުގެ ޓްރީޓީއެއް ނޫން. ކަނޑައެޅިގެން ދިވެހި ރާއްޖެއަށް ވަރަށް ބޮޑެތި ނިކަމެތި ކަމާއި އަދި މީގެ ނިވާގައި އަޅުގަނޑުމެންގެ އިސްތިލާލަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ،" މަޖިލިސް ތަޅުމުގައި މިއަދު ގާސިމް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރައްވާ، ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ވިދާޅުވީ އެ އެއްބަސްވުމަކީ ޓެރަރިޒަމްގެ އަމަލުތަކާއި ބޮޑެތި ވައްކަމާއި މަނީ ލޯޑާ ކުރުމުގެ މައްސަލަތައް ހައްލު ކުރުމަށް ވެވޭ އެއްބަސްވުމެއް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކީ ޒާތީ ގޮތުން ވަކި މީހެއް ހައްޔަރު ކުރަން ގާއިމު ކުރާ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ އެންމެންގެ ސަލާމަތަށް ކުރާ ކަމެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ނުރައްކާތެރި ވިސްނުމުގެ މީހުން އުޅޭ ކަމުގައި ވިޔަސް އެމީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅެން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އޮތް ގޮތުން މި ވަގުތު ޓެރަރިސްޓުން ހިފެހެއްޓޭނެ އެއްވެސް ގޮތެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މިއަދަކު އަޅުގަނޑުމެންނަކަށް ދުނިޔެއާ ވަތްކަކުން ނޯވެވޭނެ. ޓެރަރިސްޓުންނަކަށް ނެތް ބޯޑަރެއް. އެ މީހުންނަކީ މުޅި ދުނިޔޭގަ ފެތުރިފައިވާ ބައެއް. މިއަދު އަޅުގަނޑުމެންނަށް އައިސިސް ޖަމާއަތުގަ ހަނގުރާމަކޮށްފަ އަންނަ ޓެރަރިސްޓަކު ހިފެހެއްޓޭނެ ގޮތެއް ނެތް ގާނޫނު އޮތް ގޮތުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމް ގެ ބިރުން ރާއްޖެ އާއި މުޅި ދުނިޔެ ވެސް ސަލާމަތް ކުރެވޭނީ އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށެވެ.
ހިޔާލު