Tharikaige bill dhiraasaa kuran committee ah fonuvaifi
image
މާލޭގައި ހުންނަ ހުކުރު މިސްކިތް: ދިވެހި އާސާރީ ތަރިކައެއް--
0 ކޮމެންޓް
 

ތަރިކައިގެ ބިލް ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ފޮނުވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަރިކައިގެ ބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ގައުމީ ތަރިކައިގެ ބިލަކީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމެން ދަނިކޮށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލެކެވެ. އެކަމަކު އެ ބިލުގެ މަސައްކަތް އޮތީ ނުނިމި އެވެ.

އެހެންކަމުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން އެބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

މިމަހުގެ ދެ ވަނަ ދުވަހު އެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލުމުން، ރާއްޖޭގެ ސަގާފަތާއި އާސާރީ ތަރިކައިގެ މުއްސަނދިކަން ހުރި މިންވަރު ބައެއް މެމްބަރުން ވަނީ ޖަލްސާގައި ފާހަގަ ކުރައްވާފަ އެވެ.

ބައެއް މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ސަރަހައްދެއްގެ ބަހުރުވައިން މަޖިލިހުގެ ތަޅުމުގައި ވާހަކަދައްކަވާފަ އެވެ. އަދި ކުރީގެ ސަރުކާރުން ސަގާފީ ތަރިކައަށް އިހުމާލުވެފައި އޮތް އޮތުން "ބޮޑު ހިޔާނާތެއްގެ ގޮތުގައި" ވެސް ބައެއް މެމްބަރުން ސިފަ ކުރެއްވި އެވެ.

ހުރިހާ މެމްބަރުން ވެސް އެއްބަސްވެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ތަރިކައަށް އިހުމާލުވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ހިޔާލު