India Raajje ebbasvumun Dhivehin ge rakkaatheri kamah asareh nukuraane
image
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަރު-- ފޮޓޯ: ރާއްޖެ އެމްވީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިންޑިއާ-ރާއްޖެ އެއްބަސްވުމުގެ ސަބަބުން ދިވެހިންގެ ރައްކާތެރިކަމަށް އަސަރެއް ނުކުރާނެ: އޭޖީ ރިއްފަތު

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން ހަމަޖެހިފައިވާ ޖިނާއީ ކަންކަމުގައި ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލްގެ އޮފީހުން ދީފި އެވެ.
އިންޑިއާ އާއެކު ހަދަން މަސައްކަތް ކުރާ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފަ އެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވީއ އެ މުއާހަދާ އަށް އަމަލު ކުރާނީ ރާއްޖޭގެ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނާއި ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގެ ތަރަހަ އާއި ހުދޫދުގެ ތެރެއިން ކަމަށެވެ.

އެޓާނީޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2015 ވަނަ އަހަރު އަމަލު ކުރަން ފެށި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގު ދަށުން ތަހްގީގަށް އެހީތެރިކަން ހޯދުމާއި، ޝަރުއީ ލިޔުންތައް ހޯދައި ރައްދު ކުރުމާއި، މުދަލުން މުއާމަލާތް ކުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލި ރިކޯޑު ފަދަ ލިޔެކިޔުންތައް ހޯދުމަކީ، ރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައް ކަމުގައި ބަޔާންކޮށްފައި ވެއެވެ.

އެފަދަ ލިޔެކިޔުންތައް ހޯދުމަށް ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރާއި ބާރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ހުކުމް ތަންފީޒު ކުރުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްފަހު ހުކުމް އިއްވުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލު ކުރުމަކީ، އެ މުއާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށް އެ އޮފީހުން ބުނެ އެވެ.

އަދި އެ މުއާހަދާގެ ދަށުން ހެކިބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތެއް އެހެން ގައުމަކަށް ގެންދެވޭނީ އެ މީހެއްގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ހާއްސަ ގެރެންޓީތަކެއް ޕީޖީއަށް ދިނުމަށް ފަހުގައި ކަމަށާއި އެކަން ކުރަންވާނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެފަދަ މުއާހަދާތަކުގައި ސޮއިކުރުމަށްޓަކައި އިންޑިއާގެ އިތުރުން ސްރީލަންކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ރަޝިއާ ފަދަ ގައުމުތަކާއެކު ވެސް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހިޔާލު