Resort hadhan dhookoffavaa 70 rashehge masakkaiy huttifa!
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ: ވަން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ރިސޯޓް ހަދަން ދޫކޮށްފައިވާ 70 ރަށެއްގެ މަސައްކަތް އޮތީ ހުއްޓިފައި: މިނިސްޓަރު އަލީ ވަހީދު

ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 70 ރަށެއްގެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން 70 ރަށުގެ މަސައްކަތް ހުއްޓިފައި ވާތީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މަސައްކަތް ކުރިއަށް ނުދާ ރަށްތަކުގެ ތެރޭގައި މީގެ 10 އަހަރު ކުރިން ދޫކޮށްފައިވާ ރަށްތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ދިމާވަނީ ސަރުކާރުތަކުން ރަނގަޅަށް ކަންކަން ނުބަލާތީ ކަމަށް ވިދާޅުވި އެވެ.

"އެތައް ސަރުކާރެއް އައިސް މި ދިޔައީ، އެބަހުރި 2006 ވަނަ އަހަރު ދޫކޮށްފައި ހުރި ރަށްތަށް ވެސް. ދިހަ ވަރަކަށް އަހަރު ރަށެއް ނުހެދި އޮތުމަކީ ބަލަން ޖެހޭ ވަރަށް ނުބަލާ އޮތުމުން ދިމާވާ ކަމެއް. ސަރުކާރުން ދަނީ މި ރަށްތަށް ހެދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން. އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުންގެ ރަށްތައް ނަގައިގެން، ބަނޑު ދަމާލައިގެން ތިބޭކަށް. ރަށްތައް ހަދާ ހުޅުވަން ޖެހޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާ އަކީ އެ ސަރަހައްދުތަކުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ މަސައްކަތް ނުނިމުން ކަމަށެވެ.

މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކުގެ ތެރެއިން 30 ރަށެއްގެ ވަނަވަރު ދެނެގަނެ އިކޮނޮމިކް މިނިސްޓްރީ އަށް މިހާރު އެ މައުލޫމާތު ފޮނުވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެއްބަސްވުމުގައި ދެކޮޅު އޮންނަ ކަމަށާއި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 45 ރިސޯޓެއް އަލަށް ހުޅުވޭނެ ކަމަށް މިނިސްޓްރީން ހެދި ދިރާސާއިން ދައްކާ ކަމަށެވެ.
ހިޔާލު