Mahibadhoo Raiyyithunnah dhimaavefaivaa boa hiyaavahi kamuge mahsala hahlukoh dhinumah edhi Petition eh
image
އދ. މަހިބަދޫ--
0 ކޮމެންޓް
 

މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ޕެޓިޝަނެއް

އދ. މަހިބަދޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެރަށު 644 މީހަކު ސޮއި ކޮށް ސަރުކާރުގެ އިދާރާތަކަށް ޕެޓިޝަނެއް ފޮނުވައިފި އެވެ.
އަށާރަ އަހަރުން މަތީގެ 644 މީހަކު ސޮއި ކުރި އެ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގަށް ވަނީ ފޮނުއްވާފައެވެ.

ސިޓީއަކާއެކު ސަރުކާރުގެ އިދާރާތަކަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ފަރުދީގޮތުން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ރަށު ކައުންސިލުން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ރައްޔިތުންގެ މަޝްވަރާ ވެސް ހޯދާފައިނުވާ ކަމަށާއި އެ ރަށުގެ ހުސްބިންތައް ބޯހިޔާވަހިކަމަށް އިސްކަން ނުދީ އެހެން ބޭނުންތަކަށް ކަނޑައެޅި ހުސްވެގެން ގޮސްފައިވާއިރު އެއީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އެމައްސަލައަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނޫނީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށް ރައްޔިތުން ދެކޭ ކަމަށާއި ޕެޓިޝަނުގައި ސޮއި ކުރި އެންމެންގެ ވެސް އުއްމީދަކީ ވީއެންމެއަވަހަށް އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުން ކަމަށް ސިޓީގައި ފާހަގަކުރެއެވެ.

އާބާދީގައި 2548 މީހުން ދިރިއުޅެމުން އަންނަ މަހިބަދޫގައި އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 1990 ވަނަ އަހަރެވެ. އޭގެ ފަހުން ގޯތި ދޫނުކުރާތާ މިހާރު 29 އަހަރު ފާއިތުވެފައިވާއިރު އެރަށުގެ ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ މައްސަލަަ ހައްލުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ހިޔާލު