Resort thakuge gondu dhoh reethi kurumah veli negumuge huhdha alun dheefi
image
0 ކޮމެންޓް
 

ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް ވެލިނެގުމުގެ ހުއްދަ އަލުން ދީފި

ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެހެން ތަންތަނުން ވެލި ނެގުމުގެ ހުއްދަ ދިނުމުގެ އުސޫލު އުވާލުމަށް ފަހު އެތަންތަނުން ވެލި ނެގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އަލުން ދީފިއެވެ.
ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެހެން ތަންތަނުން ވެލިނެގޭނެހެން އެކުލަވާލާފައިވާ އުސޫލު އުވާލީ މިދިޔަ ޖޫން މަހެވެ.

އެ އުސޫލު އުވާލާ، އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ތިމާވެއްޓާ މެދު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން އިހުމާލުވެ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ގާނޫނުގައި ގަވައިދުތަކަށް އަމަލުކުރުމަށް އަންގައި ސާކިއުލާއެއް ވެސް ފޮނުވި ކަމަށެވެ.

އެ އުސޫލަކީ ރިޒޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެރިޒޯޓުގެ އިހްތިސާސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 ވަނަ އަހަރު އެކުލަވާލި އުސޫލެކެވެ.

އެ އުސޫލު އުވާލަން ނިންމި ނިންމުން ބަދަލުކުރިކަން ފާހަގަކުރައްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، އެ ނިންމުން ބަދަލުކުރީ އެއްވެސް ޕްރެޝަރެއް ކުރިމަތިވެގެން ނޫން ކަމަށާއި މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެ ދާއިރާގައި ހުރި ތިމާވެއްޓާ ގުޅުންހުރި ކަންކަން އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު އެ އުސޫލު ގެޒެޓުން ނެގުމުން ހުސްކަމެއް އަންނަ ކަމަށެވެ.

"މި އުސޫލު ގެޒެޓުން ނެގުމާއެކު ހުސްކަމެއް އެބަ އާދެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެޔޮ ބަދަލެއް ގެންނަން ކުރާ ކަމެއްގައި ހުސްކަމެއްގެ ތެރެއަށް ވައްޓައެއް ނުލެވޭނެ،" އަލީ ވިދާޅުވިއެވެ.

އެ އުސޫލު މިހާރު ވެސް ގެޒެޓުން ނެގިދާނެކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ އެއާއެކު ގިރަމުންދާ ރަށްރަށަށް ގާނޫނީ ފަރުވާއެއް ހޯދޭނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މިނިސްޓްރީތަކުން ކަމާ ބެހޭ ގަވައިދުތައް އަންނަންދެން މަޑުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަޅުތަކާއި ކަނޑުތަކުގެ ދިރުންތައް އާލާކުރުމަށް އެ އުސޫލު އުވާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭރު މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހިޔާލު