WLT ah dhahkan jehey 130 million rufiyaa dhahkaa halaaskohfi
image
ގާސިމް އިބްރާހީމް-- ފޮޓޯ: މަޖިލިސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ގާސިމުގެ ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭ 130 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ތިން ރަށެއް ދޭން ނިންމުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން އެކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާ މިއަދު ދައްކާ ހަލާސް ކޮށްފިއެވެ.
އެޓާނީ ޖެނަރަލް އޮފީހުން ބުނި ގޮތުގައި ދައުލަތުން މިއަދު ދައްކާ ހަލާސްކޮށްފައި ވަނީ ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވާ 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ގެ ތެރެއިން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ކެނޑުމަށް ފަހުގައެވެ.

ޑަބްލިއުއެލްޓީން ކުރި ދައުވާގައި ވަނީީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވި ކަމަށާއި ނަމަވެސް އެއްބަސްވުންތަކާއި އެއްގޮތަށް އެ ރަށްތައް ދޫކޮށްފައި ނުވާތީ އެކަމުގެ ބަދަލު ނަގައިދިނުމެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.

އެމައްސަލާގައި ސިވިލް ކޯޓުން 2014 ވަނަ އަހަރު ނިންމީ 112 މިލިއަން ޑޮލަރު ދޭން ނުޖެހޭ ކަމަށެވެ. އަދި 16.9 މިލިއަން ޑޮލަރު އެކަނި ދިނުމަށް ކޯޓުން ހުކުމް ކުރިއިރު ސިވިލް ކޯޓުގެ އެ ހުކުމަށް 2017 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އޭގެ އިތުރުން އެ މައްސަލާގައި ޑަބްލިއުއެލްޓީއަށް 13 މިލިއަން ޑޮލަރު ދެއްކުމަށް ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ އަށް 5.6 މިލިއަން ޑޮލަރު ދިނުމަށް އެމަނިކުފާނު ނިންމެވީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

އަހުމަދު

މިވަޤުތަށް ހަމަޖެހުނުކަމުގައި ވިއަސް އަދި ތިޔަވަރަކުން ފަރުޖެހޭނެހެނެއް ހިއެއްނުވޭ...
ދެންވިއްދާނީ ތިޔައަށޤވުރެ މާބޮޑުކަމަކާ...