MTCC Hiyaa flat alhan RI aai havaalu kuree gaabilukan nei kan engithibe!
image
އެމްޓީސީސީގެ ހިޔާ ފްލެޓްތައް އަޅަން އާރުއައި އާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.-- ފޮޓޯ: ސީއެންއެމް
1 ކޮމެންޓް
 

އެމްޓީސީސީގެ ހިޔާ ފްލެޓް އަޅަން އާރުއައި އާ ހަވާލު ކުރީ ގާބިލުކަން ނެތް ކަން އެނގިތިބެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީގެ މުވައްޒަފުންނަށް އަޅައިދޭ ފްލެޓްތަކުގެ މަސައްކަތް ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ހަވާލު ކުރި އިރު ވެސް، އެ ކުންފުންޏަކީ އެ މަސައްކަތް ކުރުމުގެ ގާބިލުކަން ނެތް ކުންފުންޏެއް ކަން އެމްޓީސީސީ އަށް އެނގޭ ކަން ހާމަވެއްޖެ އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އޭރު އެ ޕްރޮޖެކްޓް އެ ކުންފުންޏަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހުއްޓެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އާ ސަރުކާރު ހަވާލުވުމުގެ ކުރިން އެ އެގްރީމަންޓަށް ބޮޑު ބަދަލެއް ގެނެސް، އެ ޕްރޮޖެކްޓްގެ 15 ޕަސެންޓަށްވާ ފައިސާ އެމްޓީސީސީން ދައްކާ ގޮތަށް އެއްބަސްވީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ބަދަލު ގެނައުމުގެ ކުރިން 2017 ވަނަ އަހަރު ޑިސެންބަރު މަހު ސޮއި ކުރި އެއްބަސްވުމަކީ 100 ޕަސެންޓް ކޮންޓްރެކްޓާ ފައިނޭންސް ޕްރޮޖެކްޓެއްގެ ގޮތުގައި އާރުއައިގެ ހަރަދުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެގްރީމަންޓަށް ބޮޑު ބަދަލެއް ގެނެސް، ޕްރޮޖެކްޓްގެ 15 ޕަސެންޓަށްވާ ފައިސާ އެމްޓީސީސީން ހަރަދުކުރަން އެއްބަސްވިތާ އަށް ވަރަކަށް މަސް ވެގެން ދިޔައިރު ވެސް ފްލެޓް އެޅުމަށް މާ ބޮޑު ކަމެއް މިހާތަނަށް ކޮށްފައެއް ނެތެވެ.

އެމްޓީސީސީން "ސީއެންއެމް" އަށް ވާހަކަ ދެއްކި ގިނަ އޮފިޝަލުން ވެސް ވަނީ އެ ކުންފުންޏަކީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ނެތް ބައެއް ކަމަށް ބުނެފަ އެވެ. އަދި މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުދާނަމަ އެއްބަސްވުން ބާތިލް ކުރެވޭ ގޮތަށް އޮތް އިރު، އެކަން ނުކޮށް އަދިވެސް އެ ކުންފުންޏާ އެކު ކުރިއަށް ދާން އުޅޭކަމަށް ބުނެ އެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެ މަސައްކަތް އެ މީހުންނާ ހަވާލު ކުރި އިރު ވެސް އެނގޭ އެކަން ނުވާނެ ކަން. ފައިނޭންޝަލީ ވެސް އަދި އެހެން ގޮތްތަކުން ވެސް އެ ކުންފުންޏަކީ އެ ވަރުގެ މަސައްކަތެއް ކުރެވޭނެ ވަރުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫން. އެއްބަސްވުން އުވާނުލާ ކުރިއަށް ގޮސްފިނަމަ އެމްޓީސީސީ އަށް ބޮޑު ގެއްލުމަކަށް ވާނީ،" އޮފިޝަލަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް އާރުއައިގެ ފަރާތުން އެ ސައިޓުގައި މަސައްކަތް ކުރީ، އެ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވަލަޕްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެމްޓީސީސީގެ އިތުރުން އިމިގްރޭޝަން އާއި ގައުމީ ޔުނިވާސިޓީން އަޅާ ހިޔާ ފްލެޓްތައް ވެސް ހަދަން ހަވާލުކޮށްފައިވަނީ އާރުއައި އަށެވެ. އަދި އެ ތަންތަނުގެ މަސައްކަތް ވެސް މިހާތަނަށް ކުރީ އިންދިރާ ޕްރޮޖެކްޓްސް އިންނެވެ.

ނަމަވެސް އިންދިރާ ޕްރޮޖެކްޓްސް އިން ވަނީ އެ ތަންތަނުގައި އެ ކުންފުނިން ކުރި އެއްވެސް މަސައްކަތަކަށް އާރުއައި އިން އެއްވެސް ފައިސާ އެއް ދީފައި ނުވާ ކަމަށް ބުނެ އިތުރަށް އެ ކުންފުންޏަށް އެއްވެސް ފައިސާ އެއް ދޫނުކުރުމަށް އެދި ކަމާގުޅޭ ހުރިހާ ތަންތަނަކަށް ގާނޫނީ ނޯޓިސް އެއް ފޮނުވައިފަ އެވެ. އަދި އިންދިރާ އިން ވަނީ އެ ކުންފުނިން ބެލި ބެލުމުން، އާރުއައި އަކީ އެފަދަ ޕްރޮޖެކްޓަކަށް ބޭނުންވާ ފައިސާގެ އިތުރުން އެހެނިހެން ގާބިލުކަން ވެސް ނެތް ކުންފުންޏެއް ކަން ހާމަވާ ކަމަށް ބުނެފަ އެވެ.

"ސީއެންއެމް" އިން އެކަމާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހަށް ސުވާލު ކުރުމުން ވިދާޅުވީ އެފަދަ ނޯޓިސް އެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ވާހަކަ ދައްކަނީ މެއިން ކޮންޓްރެކްޓަރަށް ކަމަށާއި، އެ ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޝާހު ވިދާޅުވި އެވެ. ޝާހު ވިދާޅުވީ އެމްޓީސީސީން އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
ހިޔާލު

ޢަލީހަލީމް

އިންދިރަ އަކީ ވެސް ސުމެއްގެ ބަޔެއް