MTCC ge Hiyaa flat thah alhan RI aai eku hedhi ehbasvun baathil kuran lafaadheefi
image
އެމްޓީސީސީގެ ހިޔާ މަޝްރޫއުގެ ފްލެޓް އަޅާ ތަން: ފައުންޑޭޝަނުގެ މަސައްކަތް ވެސް އަދި ނުނިމޭ.-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އެމްޓީސީސީގެ ހިޔާ ފްލެޓްތައް އަޅަން އާރުއައި އާ އެކު ހެދި އެއްބަސްވުން ބާތިލް ކުރަން ލަފާދީފި

ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން އަޅާ ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަން އެ ކުންފުނީގެ ގާނޫނީ ޓީމުން ލަފާދީފައިވާ ކަން ހާމަވެއްޖެ އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ އެއްބަސްވުން ބާތިލް ކުރަން އެމްޓީސީސީގެ ގާނޫނީ ޓީމުން ލަފާދީފައިވާއިރު، އާރުއައި ކުންފުނިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުން ދިޔަ އެ ކުންފުނީގެ ޖޮއިންޓް ވެންޗާ ޕާޓްނަރު ކަމަށްވާ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވަލަޕްމަންޓް ޕްރައިވެޓް ލިމިޓެޑުން ވެސް ވަނީ އެ ކުންފުންޏާ އެކު މަސައްކަތް ކުރުން ހުއްޓާލާފަ އެވެ.

"އެއްބަސްވުން އުވާލަން ލަފާދީފައި ވަނީ ގިނަ ސަބަބުތަކެއް އޮތުމުން. ފުރަތަމަ ކަމަކަށް އެ ތަނުގައި އެދެވޭ މިންވަރެއްގެ މަސައްކަތެއް ވެސް ކުރެވިފައެއް ނެތް މިއަދާ ހަމައަށް ވެސް. އަދި އެ ކުންފުނިން ވަނީ އެޑްވާންސް ޕޭމަންޓާއި ޕާފޯމަންސް ގެރެންޓީ ފޯރުކޯށްދޭންޖެހޭ މުއްދަތު ފަހަނައަޅާ ދިޔައިރު އެކަން ވެސް މިހާތަނަށް ކޮށްފައެއް ނެތް. އަނެއްކޮޅުން ޖޮއިންޓްވެންޗާ ޕާޓްނަރު އެ ބުނަނީ އެ ކުންފުނީގައި މާލީ ގާބިލުކަމެއް ނެތޭ، އެއީ ވަރަށް ސީރިއަސް އެލިގޭޝަނެއް. އެކަން އެމްޓީސީސީން ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭނެ. ނޫނީ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ،" އެމްޓީސީސީން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވި އެވެ.

އިންދިރާ އިން އާރުއައި އާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުން އުވާލަން ނިންމީ އެ ކުންފުނިން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކަށް އާރުއައި އިން އެއްވެސް ފައިސާ އެއް ދީފައި ނުވާތީ އެވެ. އަދި އިންދިރާއިން އެމްޓީސީސީގެ އިތުރުން އެ ކުންފުންޏާ ގުޅުންހުރި ހުރިހާ ތަންތަނަކަށް ވަނީ އެކަން ލިޔުމުން އަންގާފަ އެވެ. އެގޮތުން ކަމާގުޅުންހުރި ތަންތަނަށް އިންދިރާގެ ވަކީލުން ފޮނުވި ލީގަލް ނޯޓިސްގައި ބުނެފައިވަނީ، ފައިސާގެ މައްސަލަތައް ޖެހުމުން އެ ކުންފުނިން ބެލި ބެލުމުން، އާރުއައި އަކީ އެފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ މާލީ ގާބިލުކަން ނެތް ކުންފުންޏެއްކަން ހާމަވެފައިވާ ކަމަށެވެ.

ނަމަވެސް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެ ކުންފުނީގެ ފްލެޓް ޕްރޮޖެކްޓް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އިންދިރާ އިން އެފަދަ ނޯޓިސް އެއް ފޮނުވި އިރު، އެ ކުންފުނިން މުއާމަލާތު ކުރަނީ މެއިން ކޮންޓްރެކްޓަރު ކަމަށްވާ އާރުއައި އާ ކަމަށް ޝާހު ވިދާޅުވި އެވެ. އޭގެ އިތުރުން އެ އެއްބަސްވުމާ އެއްގޮތަށް އެމްޓީސީސީން އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ޝާހު އެހެން ވިދާޅުވި ފަހުން "ސީއެންއެމް"ގެ ނޫސްވެރިންނަށް ވަނީ މިއަދު ހަވީރު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެ މަސައްކަތް ކުރާ ސަރަހައްދަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ. އެމްޓީސީސީ ފްލެޓް ސައިޓުގައި ފައުންޑޭޝަން އަޅަން ދަނގަނޑު މަސައްކަތް ކޮށްފައި ހުއްޓެވެ. ނަމަވެސް ދަނގަނޑުތައް ދަބަރަށް ވެފައިވާއިރު ފަހުގެ ތާރީހެއްގައި އެތަނުގައި މާ ބޮޑު މަސައްކަތެއް ކުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އޭގެ އިތުރުން އެމްޓީސީސީ ފްލެޓްތައް އަޅާ ސަރަހައްދާއި ކައިރީގައި މަސައްކަތް ކުރާ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެ މީހުން ވެސް ވަނީ އެ ތަނުގައި މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބުނެފަ އެވެ.

އެކަމާއި ގުޅޭގޮތުން ޝާހު އަށް ސުވާލު ކުރުމަށް "ސީއެންއެމް" އިން ފަހުން ގުޅި ނަމަވެސް ފޯނަށް ޖަވާބުނުދެއްވާތީ، އިތުރު ތަފްސީލު ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެއްބަސްވުމަށް ބޮޑެތި ބަދަލުތައް ގެނައި، އުވާނުލާނަމަ ބޮޑު ގެއްލުމެއް ކުރިމަތިވާނެ!

"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ ޕްރޮޖެކްޓް އާރުއައި އަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހުއްޓެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އާ ސަރުކާރު ހަވާލުވުމުގެ ކުރިން އެ އެގްރީމަންޓަށް ބޮޑު ބަދަލެއް ގެނެސް، އެ ޕްރޮޖެކްޓްގެ 15 ޕަސެންޓަށްވާ ފައިސާ އެމްޓީސީސީން ދައްކާ ގޮތަށް އެއްބަސްވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ބަދަލު ގެނައުމުގެ ކުރިން 2017 ވަނަ އަހަރު ޑިސެންބަރު މަހު ސޮއި ކުރި އެއްބަސްވުމަކީ 100 ޕަސެންޓް ކޮންޓްރެކްޓާ ފައިނޭންސް ޕްރޮޖެކްޓެއްގެ ގޮތުގައި އާރުއައިގެ ހަރަދުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެގްރީމަންޓަށް ބޮޑު ބަދަލެއް ގެނެސް، ޕްރޮޖެކްޓްގެ 15 ޕަސެންޓަށްވާ ފައިސާ އެމްޓީސީސީން ހަރަދުކުރަން އެއްބަސްވިތާ އަށް ވަރަކަށް މަސް ވެގެން ދިޔައިރު ވެސް ފްލެޓް އެޅުމަށް މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުންފުނިން މިހާރު ވަނީ އެގްރީމަންޓަށް އިތުރު ބަދަލެއް ގެނައުމަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމަށް އެމްޓީސީސީން އެއްބަސްވެއްޖެ ނަމަ އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަށްވާ ފައިސާ އެ ކުންފުނިން ދޭންޖެހޭއިރު، އެއީ ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާ އެވެ. އެމްޓީސީސީ އަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ދިމާވެފައިވާއިރު، އެ ގޮތަށް އެއްބަސްވެއްޖެ ނަމަ އެ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް "ސީއެންއެމް" އަށް މައުލޫމާތު ދިން އެ ކުންފުނީގެ ގިނަ އޮފިޝަލުން ބުނެ އެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓަށް އެމްޓީސީސީން ހަރަދު ކުރާ ވަރު އިތުރު ކުރަން އާރުއައި އިން ހުށަހެޅި އިރު، އެއްބަސްވުމުގައި ބުނެފައިވާ ތާރީހު ފަހަނަ އަޅައިގެން ދިޔައުރު ވެސް އެ ކުންފުންޏަށް، އެގްރީމަންޓްގައި ބުނެފައިވާ ޕާފޯމަންސް ގެރެންޓީ އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ މިހާތަނަށް ވެސް ދެއްކިފައެއް ނުވެ އެވެ.
ހިޔާލު